ބައިނަލްއަގުވާމީ ކުރިމިނަލް ކޯޓުން ހައްޔަރު ކުރަން އަމުރު ނެރެފައި ވަނިކޮށް ގައުމުން ބޭރަށް ކުރައްވާ ދެވަނަ ދަތުރުގައި ރަޝިއާގެ ރައިސް ޗައިނާ އަށް ވަޑައިގެންފިއެވެ.

ޗައިނާއިން ޕުޓިންއަށް ހޫނު މަރުހަމާއެއް ކިޔާފައި ވާ އިރު ޕުޓިންގެ ޝަރަފުގައި ބޮޑު ޖާފަތެއްވެސް ވަނީ ބާއްވާފައެވެ.

ދެގައުމުގެ ވެރިންގެ ރަސްމީ މަޝްވަރާތަކަށް ފަހު ދެގައުމުގެ ވެރިން ވިދާޅުވީ، ފާއިތުވި 10 ވަރަކަށް އަަހަރުގެ ތެރޭގައި ދެވެރިން 42 ފަހަރު ބައްދަލު ކުރައްވާފައި ވާ ކަމަށާއި، ދެގައުމުގެ ގުޅުން މިއަދު ވަނީ ހީވެސް ނުކުރާހާ ބޮޑަށް ބަދަހިވެގެން ގޮސްފައި ކަމަށެވެ. އެގޮތުން ބައިނަލްއަގުވާމީ ރޮނގުގައި ދެގައުމުން ގެންގުޅޭ އެއްގޮތް ވިސްނުމާއި ބައިނަލްއަގުވާމީ މަޝްރަހުގެ ހަމަޖެހުމާއި އަމާންކަމާއި ސުލްހައަށް ދެގައުމު ގުޅިގެން އިސްކުރާ ސިޔާސަތުތައް އިތުރަށް ހަރުދަނާ ވެގެން ގޮސްފައި ވާ ކަމަށާއި ދެގައުމުގެ ދެމެދުގައި ކުރެވެމުން ދާ މުއާމަލާތްތައް ވެސް އިތުރުވެ ކުރިއަރާފައި ވާ ކަމަށް ވެސް ވިދާޅުވިއެވެ.

އެންމެ ފަހުން މި ދެ ލީޑަރުން ރަޝިއާގައި ބައްދަލު ކުރެއްވި އިރުވެސް ދެގައުމުގެ ގުޅުމުގެ އާ ބާބެއް ފެށިފައި ވާ ކަމަށް ޗައިނާގެ ރައީސް ޝީ ޖިންގް ޕިން ވަނީ ވިދާޅުވެފައެވެ. އަދި ދެގައުމުގެ ދެމެދުގައި އިމެއް ނެތް ގުޅުމެއް އުފެދިފައި ވާ ކަމަށް ވެސް ވިދާޅުވިއެވެ.

ޕުޓިން ޗައިނާއަށް ވަޑައިގެން އުޅުއްވާ މިވަގުތަކީ ދުނިޔޭގައި ހައްސާސް ދެ ކަމެއް ހިނގަމުން ދާ ދަނޑިވަޅެކެވެ. އެއް ކަމަކީ ރަޝިއާއިން ޔޫކްރައިން އަށް އަރާ ކުރަމުން ދާ ހަނގުރާމަ ދިގުލައި ހުޅަނގުގެ މަދަދާއެކު ޔޫކްރައިންގެ ރައްދު ހަމަލާތައް ވަރުގަދަ ކޮށްފައި ވުމެވެ. ދެވަނަ ކަމަކީ އިޒްރޭލުން ގާޒާ ފުނޑުފުނޑުކޮށްލުމަށް ދެމުން ގެންދާ އުދުވާނީ ހަމަލާތަކެވެ.

މި ދެ މައްސަލަ ދުނިޔެއާ ކުރިމަތިވެފައި ވާ އިރު، ޔޫކްރައިން އާއި އިޒްރޭލަށް މަދަދު ދޭ އެމެރިކާގެ ރައީސް ޖޯ ބައިޑަން މިވަގުތު ވަޑައިގެން ހުންނެވީ އިޒްރޭލުގައެވެ. އޭނާ އިޒްރޭލުގެ ބޮޑުވަޒީރު ނަތަންޔާހޫއާ ބައްދަލުކުރައްވައި ހިފެހެއްޓުމެއް ނެތް ތާއީދާއި އެހީތެރިކަން ދެއްވާނެ ކަމަށް ވިދާޅުވެ، ނަތަންޔާހޫ ބޭނުން ގޮތަކަށް ހަމަލާތައް ކުރިއަށް ގެންދިޔުމަށް ވަނީ ހިތްވަރު ދެއްވާ މޭރުމަކުން ވާހަކަ ދައްކަވާފައެވެ.

ރޭ އިޒްރޭލުން ގާޒާގެ ހޮސްޕިޓަލެއް ގޮއްވާލައި މަދުވެގެން 500 މީހަކު ޝަހީދު ކޮށްލުމާއެކު މެދުއިރުމަތީގެ މަޝްރަހު އިތުރަށް ހޫނުވެފައި ވާއިރު ޗައިނާއިން މެދުއިރުމައްޗަށް ކަނޑައަޅާފައި ހުންނަވާ މަންދޫބު ޒައި ޖޫން ތައްޔާރުވެވަޑައިގަންނަވަމުން ގެންދަވަނީ އެ ސަރަހައްދަށް ވަޑައިގަތުމަށެވެ. ބޭނުމަކީ ސިޔާސި ހަމަޖެހުން ގެނެސް މަޝްވަރާގެ ތެރެއިން ސުލްހަ ގާއިމު ކުރުމަށް ބާރުއެޅުއްވުމެވެ.

މެދުއިރުމަތީގައި ޒަމާނުންސުރެ އޮތް ހަތުރުވެރިކަން ދާދި ފަހުން ނިމުމަކަށް ގެނައުމުގައި ވެސް ޗައިނާގެ ދައުރު ބޮޑެވެ. އީރާނާއި ސައުދީ އަރަބިއްޔާ ސުލްހަ ކުރުމާއި ގަތަރު ހަމައަކަަށް އެޅުވުމާއި ސީރިއާ އެކަހެރި ކޮށްފައި އޮތް އޮތުން ނިމުމަކަށް ގެނައުމުގައި ވެސް ޗައިނާގެ ދައުރު ބޮޑެވެ. މެދުއިރުމަތީގެ ނުތަނަވަސްކަން ނިމި ސުލްހައިގެ މަގަށް ކަންކަން އެނބުރެމުން ދަނިކޮށް މިހާރު ދިމާވި މި ކަންތައްގަނޑާއެކު ވެސް ޗައިނާ އުއްމީދު ކުރަނީ ސުލްހަ ގެނެވޭނެ ކަމަށެވެ.

ޕުޓިން ޗައިނާ އަށް ވަޑަައިގެން މި ވަގުތަކީ ޗައިނާއިން ދުނިޔެ ގުޅާލުމަށް ހިންގާ ބެލްޓް އެންޑް ރޯޑް އިނީޝިއޭޓިވް (ބީއާރުއައި) އަށް 10 އަހަރު ފުރުން ފާހަގަ ކުރާ ވަގުތުވެސް މެއެވެ. އެ ކަން ފާހަގަ ކުރުމަށް ބާއްވާ ފޯރަމްގައި ވެސް ޕުޓިން ބައިވެރިވެވަޑައިގަންނަވަން ހަމަޖެހިފައިވާ އިރު އެ އިނީޝިއޭޓިވްގެ ދަށުން ތަފާތު އެކި މަޝްރޫއުތައް ހިންގަމުން ދާ 130 ގައުމެއްގެ ޑިޕްލޮމޭޓުންނާއި ޗައިނާ އާ ގާތް ފަރާތްތައްވެސް މިވަގުތު ވަނީ ބެއިޖިން އަށް ވަޑައިގެންފައެވެ.

ރާއްޖޭގެ ފަރާތުންވެސް މި ފޯރަމްގައި ބައިވެރިވާ އިރު ވަޑައިގެންފައި ވަނީ ކުރީގެ އިކޮނޮމިކް މިނިސްޓަރު އަދި ލ. މާވަށު ދާއިރާގެ މަޖިލީސް މެންބަރު މުހައްމަދު ސައީދެވެ. އޭނާ އަކީ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ފެށިގެން މިއަދާ ހަމައަށް ވެސް ޗައިނާގެ ވަރަށް ގާތް ބޭފުޅެކެވެ.

ޗައިނާ އަކީ ރަޝިއާގެ ވިޔަފާރީގެ އެންމެ ބޮޑު ބައިވެރިޔާއަށް ވާއިރު މިދިޔަ އަހަރު އެކަނިވެސް 190 ބިލިއަން އެމެރިކާ ޑޮލަރުގެ ވިޔަފާރި ކޮށްފައި ވެއެވެ.