އިންޑިއާގައި ނުހައްގު މުއްސަނދިކަމާއި ކޮރަޕްޝަން ފަދަ މުއާމަލާތްތަކާ ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް އަޅަން ހާއްސަ ހުއްދައެއް އޮންނަ އެންފޯސްމަންޓް ޑައިރެކްޓޮރޭޓް (އީޑީ) ގެ ނަމުގައި ބަޔަކު މީހުން ގެއަކަށް ވަދެ 3 ބްރޯޑް ރުޕީސް (360،000 އެމެރިކާ ޑޮލަރު) އަތުލައިގެން ފިލައިފިއެވެ.

4 މީހަކު ވެގެން ދިއްލީގެ ބާބާ ހަރީދާސް ނަގަރުގައި ހުރި ގެއަށް ވަނީ، އެ ގޭގެ ވެރިފަރާތުގެ ބެލުމުގެ ދަށުގައި އޮތް ބިމެއް ވިއްކާލައި ލާރި ހޯދިކަން އެނގިގެން އީޑީގެ އޮފިޝަލުން ކަމުގައި ހެދިގެންނެވެ. އެމީހުން އެ ގެއަށް ވަދެ ފައިސާ ކޮބައިތޯ އަހާ، ހުރިހަ ފައިސާއެއް އެމީހުންނާ ހަވާލު ކުރުމަށް އެންގުމުން ގޭގެ ވެރިފަރާތުން އެމީހުންނާ ފައިސާ ހަވާލު ކުރިއެވެ.

އެމީހުން 40 އަކަށް މިނެޓް ތެރޭ އެ ފައިސާ އަތުލައި ދަމުން ބުނީ، ސުވާލު ކުރަން ޖެހޭ ކަމަށާއި އެހެން ކަމުން އީޑީ އަށް ހާޒިރުވުމަށެވެ. އެއަށް ފަހު އެމީހުން އައި ކާރަށް ފައިސާ ދަބަސްތައް ލައިގެން ދިޔައީ ކަމަށާއި ޝައްކު އުފެދުނީ އެމީހުން އައި އިރު ފިސްތޯލަ ގެންގުޅުން ފިޔަވައި އީޑީގެ އޮފިޝަލުންކަން އެނގޭނެ އައިޑީއެއް ގެންގުޅެފައި ނުވާތީ ކަމަށް ގޭގެ ވެރިފަރާތުން ބުނެފައި ވެއެވެ.

އެމީހުން ދިޔުމާއެކު ގޭގެ ވެރިފަރާތުން ފުލުހަށް ރިޕޯޓު ކުރުމުން، ފުލުހުން ހިންގި ހާއްސަ އޮޕަރޭޝަނެއްގައި އެ 4 މީހުން މިހާރު އަތުލާފައި ވާ އިރު އެމީހުންގެ އަތުން ހޯދިފައި ވަނީ 1 ކްރޯޑް ރުޕީސް އެކަންޏެވެ. ބާކީ ފައިސާ އަދި ނުފެންނަ އިރު، އެމީހުން އެ ގޭތެރެއަށް ވަދެ ކަންކުރި ގޮތް ފުލުހުން ވަނީ ކިޔައިދީފައެވެ.

ފުލުހުން ބުނީ، އެމީހުން އެ ގެއަށް ވަދެ ފައިސާ ހޯދުމަށް ތަންތަން ބަލައި ސާޗް ކުރަމުން ދިޔަ ކަމަށާއި އެއްވެސް ފަރާތަކަށް ނުގުޅުމަށާއި ފައިސާ ފެނުމުން އެ ގުނާ ދަބަސްތަކަށް އެޅުމަށް ފަހު ހޮނިހިރު ދުވަހު އީޑީއަށް ހާޒިރުވުމަށް ވެރިފަރާތަށް އަންގާ ނިކުމެގެން ދިޔައީ ކަމަށެވެ.

ފުލުހުން ބުނީ އެމީހުން އަތުލީ ދެ ކާރުގައި ދަނިކޮށް ކަމަށާއި ޓްރެފިކަށް މަޑުނުކޮށް ދާން ފެށުމުން ޗޭސްކޮށްގެން ކަމަށެވެ.

ފުލުހުން ބުނީ، އެމީހުން ކާރު ހުއްޓުވަން އުޅުނު އިރު އެކަކު ފުލުހުންނަށް ހަމަލާ ދޭން މަސައްކަތް ކުރި ކަމަށާއި ނަމަވެސް ފުލުހުންގެ ހުޝިޔާރު ކަމާއެކު ފިސްތޯލަ ޖެހުމުގެ ކުރިން އަތުލައިގަން ކަމަށެވެ.

އެ 4 މީހުންނަކީވެސް ޖިނާއީ ކޫށުގެ ރިކޯޑް އޮންނަ މީހުން ކަމަށް ވެސް ފުލުހުން ބުނެފައި ވެއެވެ.