ދިވެހިރާއްޖޭގެ ރެޑް ކްރެސެންޓް ފަލަސްތީނުގެ ގާޒާއަށް ކުރިމަތިވަމުންދާ އިންސާނީ ކާރިސާއަށް އިޖާބަ ދިނުމުގެގޮތުން، ފަލަސްތީނުގެ ރެޑް ކްރެސެންޓު ޖަމާއަތައް އެހީތެރިވުމަށް އިމަޖެންސީ ފަންޑެއް ހުޅުވައިފިއެވެ.

ދިވެހި ރެޑްކްރެސެންޓުން ނެރުނު ބަޔާނެއްގައި ބުނީ، މިމަހު 7 ވަނަ ދުވަހުން ފެށިގެން ފަލަސްތީނުގެ ގާޒާއަށް ކުރިމަތިވަމުން އަންނަ އުދުވާނީ ހަމަލާތަކުގެ ސަބަބުން ދިމާވަމުންދާ އިންސާނީ ކާރިސާއާ ގުޅިގެން ފަލަސްތީނުގެ ރެޑް ކްރެސެންޓުގެ ފަރާތުން ބައިނަލްއަގްވާމީ ރެޑް ކްރެސެންޓްތަކުގެ ފަރާތުން އެހީތެރިކަމަށް އެދިފައިވާ ކަމަށެވެ.

މިމަހުގެ 10 ވަނަ ދުވަހާ ހަމައަށް ޖުމުލަ 687 މީހުން މަރުފައިވާކަމަށް ފަލަސްތީނު ރެޑް ކްރެސެންޓުން ހާމަކޮށްފައިވާކަމަށާއި އޭގެ ތެރޭގައި 143 ކުޑަކުދިންނާއި 105 އަންހެނުން އަދި ސިއްހީ ހިދުމަތް ފޯރުކޮށްދިނުމުގައި ހަރަކާތްތެރިވި 6 ފަރާތް ހިމެނޭކަމަށް ދިވެހި ރެޑްކްރެސެންޓުން ބުނެއެވެ. އަދި އެ ސަރަހައްދުގައި ދިރިއުޅޭ 3276 އާއްމުންނަށް އެކި ކަހަލަ އަނިޔާވެފައިވާ ކަމަށް ވެސް ދިވެހި ރެޑްކްރެސެންޓުން ފާހަގަކުރެއެވެ.

އެ ބަޔާނުގައި އިތުރަށް ބުނީ، ގާޒާއަށް ދެމުން ގެންދާ އަސްކަރީ ހަމަލާތަކާއި ގުޅިގެން ފަލަސްތީނުގެ ރެޑްކްރެސެންޓުން އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށް ގިނަ ގިންޖެހުންތަކެއް ދިމާވެފައިވާކަމަށް އެ ޖަމާއަތުން މައުލޫމާތު ދީފައިވާ ކަމަށާއި ކުރިއަށް އޮތް ދުވަސްތަކުގައި ގާޒާގެ ހާލަތު އިތުރަށް ގޯސްވާނެކަމަށް ބެލެވޭކަމަށް ފާހަގަކޮށްފައިވާ ކަމަށެވެ.

ދިވެހި ރެޑްކްރެސެންޓުން ބުނީ، މި ފަންޑުން ލިބޭ ފައިސާގެ އެހީ ފޯރުކޮށްދޭނީ ފަލަސްތީނުގެ ރެޑް ކްރެސެންޓުން 10 އޮކްޓޫބަރުގައި ނެރެފައިވާ ޕްރިލިމެނަރީ އިމަޖެންސީ އިލްތިމާސަށް އިޖާބަދީ އަނިޔާވެފެ ޒަހަމްވެފައިވާ ފަރާތްތަކަށް ދެމުންދާ ހިދުމަތްތައް މެދުކެނޑުމެއްނެތި ކުރިއަށް ގެންދިއުމަށް އެހީތެރިވުމަށް ކަމަށެވެ.

އެގޮތުން ފުރަތަމަ އެހީ އަދި ސިއްހީ ހިދުމަތްތަކަށް ބޭނުންވާނެ ސާމާނާއި އުޅަނދުތަކަށް ބޭނުންވާނެ ތެލާއި އެނޫންވެސް ހަރަދު ހިމެނޭ ކަމަށާއި އަދި ހާލުގައި ޖެހިފައިވާ ފަރާތްތަކަށް ކާބޯތަކެއްޗާއި ސާފު ބޯފެން އަދި ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް އެ ފައިސާ ބޭނުން ކުރެވޭނެ ކަމަށް ދިވެހި ރެޑްކްރެސެންޓުން ބުނެއެވެ.

ދިވެހި ރެޑްކްރެސެންޓު މެދުވެރިކޮށް ފަލަސްތީނު ރައްޔިތުންނަށް އެހީވުމަށް:

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ނަމަ:

  • އެކައުންޓުގެ ނަން: މޯލްޑިވިއަން ރެޑް ކްރެސެންޓު
  • އެކައުންޓް ނަމްބަރު (ރުފިޔާ): 7701176022001
  • އެކައުންޓް ނަމްބަރު (ޔޫއެސްޑީ): 7701176022002

މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ)ނަމަ:

  • އެކައުންޓުގެ ނަން: މޯލްޑިވިއަން ރެޑް ކްރެސެންޓު
  • އެކައުންޓް ނަމްބަރު (ރުފިޔާ): 99010155500036100
  • އެކައުންޓް ނަމްބަރު (ޔޫއެސްޑީ): 99010155500036200