ކިބުރުވެރިކަމާއި ފޮނިކަން އިސްކޮށްފިނަމަ ކާމިޔާބާއި ރީތި ނަން ބީވުމަކީ އެކަށީގެންވާ ކަމެއްކަމަށް ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.
އިސްކަންދަރު ސްކޫލުގައި، އެ ސްކޫލުގެ މަގާމުތަކާ ހަވާލުވާ ދަރިވަރުންނަށް މަގާމު ހަވާލުކުރުމަށް ބޭއްވި ހަފްލާގައި ނައިބު ރައީސް ވިދާޅުވީ ކޮންމެ ކުއްޖަކުވެސް އެ ކުއްޖެއްގެ ހުންނަ ހުނަރު ދެނެގަނެ އެ ހުނަރު ތަރައްގީކުރުމަށް މަސައްކަތްކުރަންޖެހޭ ކަމަށެވެ. މި ގޮތުން އެންމެ ބޮޑު ސަމާލުކަމެއް ދޭންވީ މަސައްކަތްތަކެއް ދަސްކުރަންކަމަށާ ހުނަރުވެރި ބަޔަކަށްވުމަށް ގަދައަޅާ މަސައްކަތްކުރަންޖެހޭ ކަމަށެވެ.
ލީޑާޝިޕަކީ ކޮބައިތޯ ކޮންމެ ދަރިވަރަކު ވެސް ފުންކޮށް ވިސްނަންޖެހޭކަން ފާހަގަކުރައްވަމުން ނައިބު ރައީސް ވިދާޅުވީ ލީޑަރެއްގެ ކިބައިގައި ހުރުން އެންމެ މުހިންމު ސިފައަކީ އެކި ހިޔާލުތަކުގެ މީހުންނާއެކު އުޅެން އެގުން ކަމަށެވެ. އަދި ސްކޫލު މާހައުލަށް ބަލައި ނަމަވެސް އެކި ހިޔާލުގެ އެކި ވިސްނުމުގެ ކުދިން އުޅޭނެ ކަމަށާ ނަމަވެސް ލީޑަރަކަށްވާނީ އެ ހުރިހާ ކުދިންގެ ވެސް ރަނގަޅު ސިފަތަކާ އެކު، އެކުގައި ގެންގުޅެވޭނަމަ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
ލީޑަރެއްގެ ކިބައިގެން ހުރުން މުހިއްމު ސިފަތައް ފާހަގަކުރައްވަމުން ނައިބު ރައީސް ވިދާޅުވީ ލީޑަރެއްގެ ކިބައިގެން މުރާލިކަމުގެ ސިފަ ހުރުމަކީ ވެސް މުހިންމު ކަމެއް ކަމަށާ އަދި އަލަށް ދަސްވާ ކޮންމެ ކަމަކުން ވެސް އެހެން ކުދިންނަށް ކިޔައިދީ ދަސްކޮށްދިނުމަކީ މުހިއްމު ކަމެއްކަމަށެވެ. މީގެ އިތުރުން ނައިބު ރައީސް ވަނީ ކޮންމެ ކުއްޖަކު ވެސް ވާންވާނީ ކަންކަމަކަށް އިސްނަގާ ކުދިންތަކަކަށް ކަމަށާއި އަބަދުވެސް އޯގާތެރިކަމާއި އިންސާނިއްޔަތުކަމާއި ހިތްތިރިިކަން އިސްކުރުމަށް ނަސޭހަތްތެރިވެ ވަޑައިގެންފައެވެ.