ފެލިދެއަތޮޅު (ވ) އަދި މާޅޮސްމަޑުލު ދެކުނުބުރި (ބ) އަތޮޅުން ތިމާވެށީގެ ގޮތުން ފާހަގަ ކުރެވޭ 12 ސަރަހައްދެއް ހިމާޔަތްކުރަން ރައިސް އިބްރާހިމް މުހައްމަދު ސޯލިހް ނިންމަވައިފިއެވެ.

ރައީސް ސޯލިހް މިފަދައިން ނިންމަވާފައި ވަނީ މިއަދު ބޭއްވެވި ވަޒީރުންގެ މަޖިލީހުގެ ޖަލްސާގައި، އެންވަޔަރަމެންޓް މިނިސްޓްރީއިން ހުށަހެޅުއްވި ކަރުދާހަށް މެންބަރުން މަޝްވަރާކުރެއްވުމަށްފަހު، ވަޒީރުންގެ މަޖިލީހުގެ މެންބަރުންގެ ލަފާއާއެކުގައެވެ.

ހިމާޔަތް ކުރެވިފައިވާ ސަރަހައްދުތަކުގެ ގޮތުގައި ހަމަޖެއްސެވުމަށް ރައީސް ނިންމެވި 12 ސަރަހައްދު:

  1. ވ. ކަވަރުފަޅު ސަރަހައްދު
  2. ވ.ފޮއްތެޔޮ ސަރަހައްދު
  3. ވ.ހިނގާކުޅީ ފިނޮޅު ސަރަހައްދު
  4. ވ.ތުޑުހުރާ
  5. ވ.ރުއްހުރި ހުރާ
  6. ވ.ރަކީދޫ ކޯނާ
  7. ވ.ފުށިފަރު ފަރުގެ ސަރަހައްދު
  8. ވ.ހުރާ ފަޅު
  9. ބ.ހުރާފަރު ސަރަހައްދު
  10. ބ.ދަރަވަންދޫ ތިލަ ސަރަހައްދު
  11. ބ.ނެލިވަރު ސަރަހައްދު
  12. ބ.އިންނަފުށި ސަރަހައްދު

ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާ ބެހޭ ގާނޫނުގެ ދަށުން ހިމާޔަތް ކޮށްފައިވާ ސަރަހައްދުތަކުގެ ގޮތުގައި ކަނޑައަޅަން ނިންމާފައިވާ މި ސަރަހައްދު ތަކަކީ ތިމާވެށީގެ ގޮތުން ހާއްސަ ސިފަތަކެއް ލިބިގެންވާ، ދިރޭތަކެތީގެ ނަސްލުން މުއްސަނދިވެފައިވާ ގުދުރަތީ ރީތި މަންޒަރުތަކެއް ހިމެނޭ ތިމާވެށީގެ ހާއްސަ ހިދުމަތްތަކަކާއި ވަސީލަތްތަކެއް ފޯރުކޮށްދޭ ސަރަހައްދުތަކެއް ކަމަށް ރައީސް އޮފީހުން ބުނެއެވެ.

ރައީސް އޮފީހުން އިތުރަށް ބުނީ އެ ސަރަހައްދުތައް ހިމާޔަތް ކުރުމާ ގުޅޭގޮތުން ކަމާބެހޭ މިނިސްޓްރީތަކާއި އިދާރާތަކާ މަޝްވަރާކުރެވިފައިވާ ކަމަށެވެ. އަދި އެ ތަންތަން ހިމާޔަތް ކުރުމަށް ނިންމަވާފައިވަނީ، ސަރުކާރުގެ ސްޓްރެޓެޖިކް އެކްޝަން ޕްލޭން 2019-2023 ގެ ދަށުން ކޮންމެ އަތޮޅަކުން މަދުވެގެން ފަރުގެ 10 ޕަސެންޓު ސަރަހައްދާއި، ކުޅި، ފާ، ޗަސްބިމުގެ 20 ޕަސެންޓު ހިމާޔަތްކުރުމާއި، ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާ ބެހޭ ގާނޫނުގެ ދަށުން ކޮންމެ އަތޮޅެއްގައި މަދުވެގެން 1 ރަށާއި، 1 ފިނޮޅާއި، 1 ފަރާއި، 1 ކަނޑޫފާ ޗަސްބިން ހިމާޔަތްކުރުމަށް ކުރެވޭ މަސައްކަތުގެ ތެރެއިން ކަމަށް ވެސް ރައީސް އޮފީހުން ވަނީ ބުނެފައެވެ.