މިދިޔަ ޖެނުއަރީ މަހުގެ ތެރޭގައި ކ. ތިލަފުށި ފަޅުގައި އޮންނަ ކުޑަގިރިއަށް އެރި އިންޑިއާގެ ބޯޓު، ފުރުން މަނާކޮށް ސިވިލް ކޯޓުން އަމުރެއް ނެރެފިއެވެ.

"އޭއެމް އެމްއެސްވީ. މަރިޔާ ސިންތަޔަތިރައި ރިޔަނަ" ނަމަކަށް ކިޔާ ބޯޓު ކ. އަތޮޅު ތިލަފުށީ ކުޑަގިރިއަށް އެރީ ޖެނުއަރީ 31، 2023ގައެވެ. އީޕީއޭއިން އެއުޅަނދު 3 މިލިއަން ރުފިޔާއިން ޖޫރިމަނާ ކޮށްފައިވާއިރު ޖޫރިމަނާގެ ފައިސާ 30 ދުވަހުގެ ތެރޭގައި ދެއްކުމަށް އުޅަނދުގެ ވެރިފަރާތަށް ވަނީ އަންގާފައެވެ.

ޖޫރިމަނާ ފައިސާ ދައްކާފައިނުވާތީ ވަގުތީ އަމުރެއް ނެރެދިނުމަށް އީޕީއޭއިން އެދިފައެވެ. އެއީ އެ ބޯޓު ރާއްޖެއިން ފުރައިގެން ދިއުން ހުއްޓުވައިދިނުމަށާއި އުޅަނދަށް އެއްވެސް ބަދަލެއް ނުގެނައުމަށާއި އުޅަނދާ ގުޅިގެން ތިންވަނަ ފަރާތެއްގެ ހައްގެއް އުފަންވެދާ ފަދަ އެއްވެސް ކަމެއް ނުކުރުމަށެވެ.

ސިވިލް ކޯޓުން ހުކުމުގައި ބުނީ، އީޕީއޭއިން ކޮށްފައިވާ ދައުވާއާ ގުޅިގެން މި މައްސަލަ ކޯޓުން ބަލައި، ގޮތެއް ކަނޑައެޅުމުގެ ކުރިން ނުވަތަ ކޯޓުން އެހެން ގޮތަކަށް ކަނޑައެޅުމާ ހަމައަށް، މި ދައުވާގައި ބަޔާންކުރާ ބޯޓު ރާއްޖެއިން ފުރުން މަނާ ކުރުމާ އެކު، އުޅަނދަށް އެއްވެސް ބަދަލެއް ނުގެނައުމަށާއި އުޅަނދާ ގުޅިގެން ތިންވަނަ ފަރާތެއްގެ ހައްގެއް އުފަންވެދާ ފަދަ އެއްވެސް ކަމެއް ނުކުރުމަށް އުޅަނދުގެ ވެރިފަރާތަށާއި އުޅަނދުގެ ރާއްޖޭގެ އެޖެންޓުގެ މައްޗަށާއި އަދި ކަމާބެހޭ އެންމެހާ ފަރާތްތަކުގެ މައްޗަށް އަންގާ އަމުރު ކުރާ ކަމަށެވެ.

އެބޯޓު ފުރުން މަނާކޮށްފައިވާއިރު ބޯޓު ފުންކޮށް ނިމުމުން އެ ސަރަހައްދުގެ ތިމާވެށްޓަށް ލިބުނު ގެއްލުންތައް ބެލުމަށް ބޯޓުގެ ވެރިފަރާތުން ސާވޭކޮށް ސާވޭ ރިޕޯޓު އީޕީއޭއާ ހިއްސާކޮށްފައިވާއިރު އެ އެޖެންސީގެ ސާވެޔަރުން ވެސް ވަނީ އެ ސަރަހައްދަށް ގޮސް ސާވޭއެއް ކޮށްފައެވެ.

އީޕީއޭއިން ބުނީ، ބޯޓުގެ ވެރިފަރާތުން އެ އެޖެންސީއަށް ހިއްސާކޮށްފައިވާ ސާވޭ ރިޕޯޓަށް ރިއާޔަތްކޮށް އެ އުޅަނދު ތިލަފުށީ ކުޑަގިރި ފަރަށް އެރުމުގެ ސަބަބުން 130 އަކަމީޓަރުގެ ސަރަހައްދަކަށް އެކިވަރުގެ ގެއްލުން ލިބިފައިވާކަން ފާހަގަ ކުރެވިފައިވާ ކަމަށެވެ.