ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތް ކަމުގެ މައްސަލަ ބަލައިގަންނަން ދަތިވާނެ ކަމަށް އެމަނިކުފާނު ވިދާޅުވުމުން ސަރުކާރު ހިންގާ މައި ޕާޓީގެ ޕާލިމަންޓްރީ ގުރޫޕްގެ ލީޑަރު މުހައްމަދު އަސްލަމް ރައްދު ދެއްވައިފިއެވެ.

މަޖިލިސް ވަޓްސްއެޕް ގްރޫޕަށް އިއްޔެ ފޮނުއްވި މެސެޖެއްގައި ނަޝީދު ވިދާޅުވީ ދައުރެއްގައި ބަލައިގަނެވޭނީ އިތުބާރު ނެތް ކަމުގެ އެއް މައްސަލަ ކަމަށާއި މި ފަހަރު މައްސަލަ ބަލައިގަންނަން ދަތިވާނެ ކަމަށެވެ.

"އަސްލު ދައުރެއްގައި ބަލައިގަނެވޭނީ އިތުބާރުނެތް ކަމުގެ އެއް މައްސަލަ. މި ފަހަރު މައްސަލަ ބަލައިގަންނަން ދަތިވާނެ. މި ދައުރުގައި އިތުބާރު ނެތްކަމުގެ މައްސަލަ އެޖެންޑާކޮށް އަނބުރާ ނަގައިފި. ދެން މި އަންނަ ދައުރުގައި ކަންނޭނގެ މިކަން ވާނީ،" މަޖިލީހުގެ ވަޓްސްއެޕް ގްރޫޕުގައި ހުޅުމާލެ ދާއިރާގެ މެންބަރު އަލީ ނިޔާޒާ މުހާތަބުކުރައްވައި ނަޝީދު ވިދާޅުވި އެވެ.

އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ކަމާ ގުޅިގެން ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން އަސްލަމް ވިދާޅުވީ އިތުބާރު ނެތް ކަމުގެ މައްސަލައާ މެދު ގޮތެއް ނިންމުމުގެ އިހްތިޔާރު ނަޝީދަށް ލިބިގެން ނުވާ ކަމަށެވެ. އެކަމުގައި އާންމު އުސޫލުތަކާ ހަމަތައް ހުންނާނެ ކަމަށާއި އެގޮތުން އެފަރާތެއްގެ އިތުބާރު ނުހިފޭ ކަމުގެ މައްސަލަ ހުށަހެޅުނީމާ އެކަން ކުރެވިދާނެތޯ ނުވަތަ ނޫންތޯ އެ ފަރާތަކުން އިސްވެ ބަސް ބުނުމުގެ އިހްތިޔާރު ލިބިގެން ނުވާ ކަމަށާއި އެއީ އާންމު އުސޫލާ ހިލާފު ކަމެއް ކަމަށް އަސްލަމް ވިދާޅު ވިއެވެ.

"އެކަމުގައި ގޮތް ނިންމަވާނީ މަޖިލީހުގެ އަމީންއާންމު އަދި އެކަން ނިންމުމުގައި މަޖިލީހުގެ ކައުސިލް ޖެނެރަލްގެ ލަފާ ވެސް ނަންގަވާނެ ކަމަށް އަޅުގަންޑުމެން ގަބޫލު ކުރަނީ" އަސްލަމް ވިދާޅުވިއެވެ. އަދި ހަމައެހެން މަޖިލީހުގެ އެއްވެސް ގަވާއިދެއްގައި މަޖިލީހުގެ ރައީސްގެ އިތުބާރު ނެތް ކަމުގެ ގަރާރެއް މަޖިލީހަށް ހުށަ ނޭޅޭ ކަމަށް ބުނެފައި ނެތް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އެމްޑީޕީން މީގެކުރިންވެސް ވަނީ ނަޝީދު އަދި މަޖިލީހުގެ ނައިބް ރައީސް އީވާ އަބްދުﷲގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް މަޖިލީހައް ވައްދާފަ އެވެ. ނަމަވެސް ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރަށް ފަހު އެ މައްސަލަ އެމްޑީޕީން އަލުން އަނބުރާ ގެންގޮސްފައި ވަނީ މިދިޔަ މަހުގެ ހަތްވަނަ ދުވަހު އެ މައްސަލަ ކުރިއަށް ގެންދިއުމަށް އެޖެންޑާ ވެސް ކުރި ފަހުންނެވެ.

އެ ދުވަސްވަރަކީ އެމްޑީޕީ އަށް ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ނާކާމިޔާބުވުމުން ޑިމޮކްރެޓުންނާ އެކު މަޝްވަރާތައް ވެސް ކުރިއަށް ދިޔަ ދުވަސްވަރެއް ކަން ފާހަގަކޮށްލެވެއެވެ. އެމަނިކުފާނުގެ މައްޗަށް އިތުބާރު ނެތް ކަމުގެ މައްސަލައެއް މަޖިލީހުގެ ދެވަނަ ދައުރުގައި ހުށަހަޅާފައި ވަނީ، މަޖިލީހުގެ އުސޫލުތަކާ ހިލާފަށް އެމަނިކުފާނު އަމަލުކުރައްވަމުން ދާ ކަމަށް ބުނެއެވެ.

އަނެއްކާވެސް އިތުބާރު ނެތް ކަމުގެ މައްސަލަ އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕުން މަޖިލީހަށް މިއަދު ވަނީ ވައްދާަފައެެވެ. ނަޝީދުގެ އިތުބާރު ނެތް ކަމަށް މަޖިލީހަށް ހުށަހެޅީ އެމްޑީޕީގެ 49 މެންބަރުންގެ ސޮޔާ އެކުގައެވެ.