އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ރައީސުލްޖުމްހޫރިއްޔާ ކަމުގެ ހުވާ ކުރުމުގެ ރަސްމިއްޔާތަށް އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރާ މޯދީއަށް ދައުވަތުދޭން ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ނިންމައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ބޭރުގެ ނޫހެއް ކަމަށްވާ "ދަ ހިންދޫ" އަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ އިންތިގާލީ އޮފީހުން މަޖިލީހަށް އަންގާފައިވާ ކަމަށެވެ.

މޯދީއަށް ދައުވަތު ފޮނުވާނެ ކަމަށާއި އެ ރަސްމިއްޔާތުގައި މޯދީ ބައިވެރިވެވަޑައިގަންނަވާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ނަޝީދު ވިދާޅުވިއެވެ. މޯދީއަށް ދައުވަތު ދިނުމަށް ނިންމާފައިވާއިރު ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ރައީސް ކަމުގެ ހުވާ ކުރެއްވި ރަސްމިއްޔާތުގައި މޯދީ ވަނީ ބައިވެރިވެވަޑައިގެންފައެވެ.

ގާނޫނުއަސާސީގެ 114 ވަނަ މާއްދާގައި ބަޔާންކޮށްފައި ވަނީ ރައީސްގެ މަގާމަށް އަދި ނައިބުރައީސްގެ މަގާމަށް އިންތިހާބުވާ މަގާމާ ހަވާލުވުމަށް މަގާމުގެ ހުވާކުރަން އޮންނާނީ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް ގައި ކަމަށެވެ. ނަމަވެސް މުއިއްޒު ވަނީ ހުވާ ކުރެއްވުމުގެ ރަސްމިއްޔާތު ޖުމްހޫރީ މައިދާނުގައި ބޭއްވުމަށް އެދިވަޑައިގެންފައެވެ.

އެ ރަސްމިއްޔާތު ބޭއްވުމަށް ހަމަޖެހިފައި ވަނީ އަންނަ މަހުގެ 17 ވަނަ ދުވަހުއެވެ. އެ ރަސްމިއްޔާތަށް ވާންޖެހޭ ތައްޔާރީތައް ރައްޔިތުންގެ މަޖިލީހުން އަންނަނީ ވަމުންނެވެ.