ސައުދީއާއި ސްރީލަންކާ ހިމެނޭ ގޮތަށް މިހާތަނަށް ޖުމްލަ 9 ގައުމެއްގެ ސަފީރުންނާ އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ބައްދަލުކުރައްވައިފިއެވެ.

މިއަދު ޑރ. މުއިއްޒު ސްރީލަންކާއާއި ސައުދީގެ ސަފީރާ ބައްދަލުކުރައްވާފައިވާއިރު މީގެ ކުރިން މުއިއްޒު ވަނީ އިންޑިއާ، ޕާކިސްތާން، ޖަޕާން، ބަންގްލަދޭޝް ޔޫއޭއީ، ޗައިނާ، އަދި އިންގިރޭސިވިލާތުގެ ސަފީރާވެސް ބައްދަލުކުރައްވާފައެވެ.

އެ ބައްދަލުވުންތަކުގައި އިންތިހާބީ ނައިބު ރައީސް، ހުސައިން މުހައްމަދު ލަތީފްވެސް ބައިވެރިވެވަޑައިގެންފައިވާއިރު މުއިއްޒުގެ ރިޔާސީ ދައުރުގައި، ސައުދީއާއެކު އޮންނަ ގުޅުން މިހާރަށްވުރެ ހަރުދަނާކޮށް އާ ހަރުފަތަކަށް ގެންދެވުމަށް އުއްމީދުކުރައްވާކަމަށް ވަނީ ވިދާޅުވެފައެވެ.

މުއިއްޒު ވަނީ ރާއްޖެއަކީ އިސްލާމީ ގައުމަކަށްވާތީ އަރަބި އިސްލާމީ ގައުމުތަކާ އޮންނަ ގުޅުން މިހާރަށްވުރެ ބަދަހިކުރުމަށް އެދިވަޑައިގެން، ސައުދީގެ އެހީތެރިކަމާއެކު ރާއްޖޭގައި ކުރިއަށްގެންގޮސްފައިވާ އަދި މިހާރުވެސް ކުރިޔަށްދާ މަޝްރޫއުތަކަށް ޝުކުރު އަދާކުރައްވާފައެވެ. އަދި އާ ސަރުކާރުން ރައްޔިތުންނަށް ވެވަޑައިގެންފައިވާ ވައުދުތައް ފުރިހަމަކުރެއްވުމުގައި ސައުދީގެ އެހީތެރިކަމާއި ބައިވެރިވުމަށް ވެސް މުއިއްޒު ވަނީ އެދިވަޑައިގެންފައެވެ.

ލަންކާގެ ސަފީރާއެކު ބޭއްވި ބައްދަލުކުރެއްވުމުގައި މުއިއްޒު ވަނީ ލަންކާއާއެކު އޮންނަ ގުޅުން މިހާރަށްވުރެ ހަރުދަނާކުރެވި އާ ހަރުފަތަކަށް ގެންދެވުމަށް އުއްމީދުކުރައްވާކަމަށް ވިދާޅުވެ، ޒަމާނުއްސުރެ ލަންކާއާ ރާއްޖޭއާ ދެމެދު އެކި ދާއިރާތަކުން އުފެދިފައިވާ ގާތް ގުޅުންތައް ފާހަގަކުރައްވާފައެވެ. އަދި ފެށިގެންދާ އާ ދައުރުގައި އެ ގުޅުންތައް އިތުރަށް ފުޅާވެ ބަދަހިވުމަށް ވަނީ އެދިވަޑައިގެންފައެވެ.

ލަންކާގެ ސަފީރުގެ ވާހަކަގައި ރާއްޖެ-ސްރީލަންކާގެ ގުޅުން އިތުރަށް ހަރުދަނާކުރުމަށް ދެ ފަރާތުން ގުޅިގެން ކުރެވެން ހުރި މަސައްކަތްތަކަށާއި ރާއްޖޭގެ ތަރައްގީއަށް ބޭނުންވާ އެކި ދާއިރާތަކުން ފުރިހަމަ އެހީތެރިކަމާއި އެއްބާރުލުން ދެއްވާނެކަމުގެ ޔަގީން ވަނީ ދެއްވާފައެވެ.