އިންތިހާބީ ރައީސް، ޑރ. މުހައްމަދު މުއިއްޒު އެންމެ ފުރަތަމަ ވަޑައިގަންނަވާނެ ރަށަކީ ތ. ގުރައިދޫ ކަމަށް ވިދާޅުވެއްޖެއެވެ.

"ވަގުތު ޓީވީ" އަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި މުއިއްޒު ވިދާޅުވީ ކެމްޕެއިންގެ ތެރޭގައި ކޮންމެ ރަށަކަށް ވަޑައިގަތުމުން ވެސް އެދެމުން ދިޔައީ އިންތިހާބު ކާމިޔާބު ކުރެއްވުމަށްފަހު އެ ރަށަކަށް ވަޑައިގަތުމަށް ކަމަށެވެ.

އެއްފަހަރާ ހުރިހާ ރަށަކަށް ވަޑައިނުގެންނެވޭނެ ކަމަށް ވިދާޅުވަމުން މުއިއްޒު ވަނީ ޕީޕީއެމް، ޕީއެންސީގެ ލީޑާޝިފްގެ ތެރޭގައި މަޝްވަރާކޮށް، އައި ހިޔާލަކީ އެންމެ އިންސާފުވެރި ގޮތަކީ އެންމެ މަތީ ޕަސެންޓެއް ހޯދާ ރަށަކަށް ވަޑައިގަތުން ކަމަށާއި، އެގޮތަށް ނިންމާ އެކަން އިއުލާނުވެސް ކުރެއްވި ކަމަށެވެ.

މުއިއްޒު ވިދާޅުވީ އެގޮތުން ބަލާއިރު ދެވަނަ ބުރުގައި އެންމެ މަތީ ޕަސެންޓެއް ހޯދާފައިވަނީ ތ. ގުރައިދޫ އިން ކަމަށާއި އެ ޕަސެންޓާ ވަރަށް ގާތުން ނަތީޖާ ހޯދާފައި އެހެން ރަށްރަށް ވެސް އެބަހުރި ކަމަށެވެ. އަދި ވީހާވެސް އަވަހަކަށް ގުރައިދޫ އަށް ވަޑައިގަންނަވާނެކަން ފާހަގަ ކުރައްވާ މުއިއްޒު ވިދާޅުވީ މަސައްކަތް ފައްޓަވައި ބައެއް ކަންކަން ސަރުކާރުގެ ތެރޭގައި ހަމަޖެއްސެވުމަށް ފަހު މާގިނަ ދުވަސްތަކެ ނުވެ ގުރައިދޫ އަށް ވަޑައިގަންނަވާނެ ކަމަށެވެ.

ރިޔާސީ އިންތިހާބުގެ ކެމްޕެއިންގެ ތެރޭގައިވެސް މުއިއްޒު ތަކުރާރުކޮށް ވަނީ އިންތިހާބު ކާމިޔާބު ވެވަޑައިގެންފި ނަމަ އެންމެ ފުރަތަމަ ވަޑައިގަންނަވާނީ އެންމެ މަތިން ޕަސެންޓް ހޯދާ ރަށަކަށް ކަމަށް ވިދާޅުވެފައެވެ.

އެންމެ ފުރަތަމަ ވަޑައިގަންނަވާނެ ރަށެއްގެ ގޮތުގައި ގުރައިދޫ ނިންމެވިއިރު އެ ރަށުގައި ބެހެއްޓި ދެ ވޯޓު ފޮށިން ވެސް 70 ޕަސެންޓަށް ވުރެ މަތިން ވަނީ ނަތީޖާ ހޯދާފައެވެ. އެގޮތުން އެ ރަށުގައި ބެހެއްޓި އެއް ފޮށިން މުއިއްޒަށް 75.6 ޕަސެންޓު ލިބިވަޑައިގެންނެވި އިރު އަނެއް ފޮށިން ވަނީ 72.4 ޕަސެންޓު ލިބިވަޑައިގެންފައެވެ.