އައްޑޫ ދޯންޏެއް ކަމަށް ވާ "ކޮންކޯޑް-2" އަަކުން ބޭނި މަސް މިފްކޯއަށް ކިރުވައިގެން އެއް ދުވަހުން 1.5 މިލިއަން ރުފިޔާ ލިބިއްޖެއެވެ.

މަސްވެރިން އޮންލައިން އިން ބުނީ، މިއީ ތާރީހްގައި ވެސް މިހާ ގިނަ އަދަދަކަށް މަސް ކިރައިގެން ދޯންޏަކަށް ފައިސާ ލިބުނު ފުރަތަމަ ފަހަރު ކަމަށެވެ.

އިއްޔެ ކޮންކޯޑް-2 ދޯނިން މިފްކޯއަށް ވަނީ 9020 މަސް ކިރާފައެވެ. އޭގެ ބަރުދަނަކީ 60،005 ކިލޯއެވެ. މިހާރު މިފްކޯއިން 25 ރުފިޔާއަށް ކިލޯއެއް ގަންނަ އިރު، އެ ދޯންޏަށް ވަނީ 1،500،125 ރުފިޔާ ދީފައެވެ.

ކުރީގެ ރޭޓުން މަސް ގަން ނަމަ އެ ދޯންނަށް ލިބޭނީ 1،020،085 ރުފިޔާއެވެ.

މީގެ ކުރިން 17 ރުފިޔާއަށް މިފްކޯއިން މަސް ކިރަމުން އައި ނަމަވެސް މިދިޔަ މަހުގެ 16 އިން ފެށިގެން މަސް ކިރާ އަގު ވަނީ 25 ރުފިޔާއަށް އިތުރުކޮށްފައެވެ. އެ އަގު ބޮޑުކޮށްފައި ވަނީ ޔޫރަޕަށް އެކްސްޕޯޓުކުރާ މަހުން ނަގާ ޑިއުޓީ ކަނޑާލާނެކަން ކަށަވަރު ވެފައި ވާތީ އެވެ. އަދި މަސް ގަންނަ އަގު ބޮޑުކުރަން ނިންމީ ގިނަ މަސްވެރިންތަކެއްގެ ކަންބޮޑުވުންތައް އަޑުއެހުމަށް ފަހު ކަމަށް ވެސް މިފްކޯއިން ބުނެފައި ވެއެވެ.

މިދިޔަ އަހަރުތެރޭ ގދ. މަޑަވެލީގެ ދޯންޏެއް ކަމަށް ވާ "ޓީއެސް ލައިން" އިން ވަނީ 57.152 ކިލޯގެ މަސް ކޫއްޑު އަށް ކިރުވައިގެން 971،584 ރުފިޔާ ހޯދާފައެވެ.