އުފަން ވީއްސުރެ ގޮހޮރުގެ ބައްޔަކަށް ފަރުވާ ހޯދަމުން އަންނަ އުމުރުން 2 އަހަރުގެ ކައިވް ގުރައިޝްގެ ބަލި ހާލަތު ސީރިއަސް ވެ އިތުރު ފަރުވާއަށް ރާއްޖެއިން ބޭރަށް ދިއުމަށް ޑޮކްޓަރުން ވަނީ ލަފާ ދީފައެވެ. މީގެ ކުރިން ވެސް ގޮހޮރުގެ އޮޕަރޭޝަނެއް ކޮށް ވަރަށް ތުއްތު އިރު އެޕެންޑިކްސް ވެސް ނަގާފައިވާ ކައިވްގެ ބަލި ހާލަތުގެ ސަބަބުން އެ ތުއްތު ކުއްޖާ އަންނަނީ އެތައް ތަކުލީފްތަކެއް އުފުލަމުންނެވެ.
ނ. ވެލިދޫއަށް އުފަން އުމުރުން 26 އަހަަރުގެ ނިޝްރީން އަބްދުލް ލަތީފް، ކައިވްގެ މަންމަ 'ދަ ޕްރެސް' އަށް މައުލޫމާތު ދެމުން ބުނީ، ކައިވް އުފަންވީ ކޮވިޑްގެ ދަތި ދުވަސްވަރު، ނޮވެމްބަރު 22، 2020 ގައި ކަމަށެވެ. ނިޝްރީންގެ ވިހަން ރ. އުނގޫފާރަށް ދިޔައީ ބަނޑަށް 8 މަހުގައި، ފެންދުލި ފަޅައިގެން ދިއުމުން ނޮވެމްބަރު 20 ވަނަ ދުވަހުއެވެ. އެ ދުވަހު ހޮސްޕިޓަލްގައި އެޑްމިޓްކޮށްފައި ބޭއްވުމަށް ފަހު ނޮވެމްބަރު 22 ވަނަ ދުވަހު ސިޒޭރިއަން ހަދައި ކުއްޖާ ނެގިއެވެ. އޭރުވެސް ކުއްޖާ ނޭފަތަށް ހޮޅިއެއް ގުޅާފައި ހުންނަ އިރު، ހޮޑަށް އަންނަ އެއްޗެހި އެ ހޮޅީގައި ހުރެއެވެ. އެ ތަކެތީގެ ކުލަ ހުންނަނީ ފެހި ކުލައިގައި ކަމަށް ނިޝްރީން ބުނެއެވެ.
ކުއްޖާއަށް އެއް ދުވަސް ފުރުނު ދުވަހު ޑޮކްޓަރުންގެ ޓީމެއް އާއިލާއާ ވާހަކަ ދެއްކި ކަމަށާއި، ނެގި އެކްސްރޭއަކުން މިޑްގަޓް ވޮލްވުލަސް ހުރިކަން ފާހަގަ ވެފައިވާ ކަމަށް ޑޮކްޓަރުން ބުނި ކަމަށް ނިޝްރީން ބުނެއެވެ. އިތުރު ފަރުވާއަށް މަލެއަށް ފޮނުވާލަން ޖެހޭ ކަމަށް ބުނެ ނޮވެމްބަރު 23 ވަނަ ދުވަހުގެ ރޭ ދަންވަރުގެ ވަގުތެއްގައި އެ އާއިލާ މާލެއަށް އައެއެވެ. އެއަށް ފަހު އައިޖީއެމްއެޗަށް ދައްކާ ފަރުވާ ދޭން ފެށިއެވެ.
ކައިވް ތަހައްމަލު ކުރަމުންދާ މިޑްގަޓް ވޮލްވުލަސް އަކީ އާންމު ގޮތެއްގައި ތުއްތު ކުދިންނާއި ތުއްތު ކުދިންގެ ކިބައިން ފެންނަ ބައުލް މެލްރޯޓޭޝަންގެ ކޮމްޕްލިކޭޝަނެކެވެ. މި ކަމުގެ ސަބަބުން ކާ އެއްޗެއްހި ބަނޑުގައި ޖެހުމުން ވަރަށް އަވަހަށް ހޮޑުލެވި، ނުނީ ބޮޑުކަމު ދެވެއެވެ. މި ބައްޔަށް ރަނގަޅު ފަރުވާއެއް ނުލިބެއްޖެ ހާލަތުގައި ގޮހޮރުގެ ބޮޑެތި ބަލިތައް ޖެހުމަށް މަގުފަހިވެ، ބަލީގެ ނުރައްކާ ބޮޑުވެ ބަލި މީހާ މަރުވާ ކަމަށް ސިއްހީ މާހިރުން ބުނެއެވެ.
މާލެއިން އައިޖީއެމްއެޗަށް ދެއްކުމާ ހަމައަށް އައި އިރު ވެސް އެ ކުއްޖާއަށް ގާތުން ކިރު ނުދީ، ދިޔައީ އައިވީ ގުޅައިގެން ދެމުންނެވެ. އައިޖީއެމްއެޗުން އެ ކުއްޖާ ވަނީ އެންއައިސީޔޫގައި އެޑްމިޓްކޮށްގެން ފަރުވާ ދީފައެވެ. އެ ކުއްޖާގެ ޓެސްޓުތައް ހެދުމަށްފަހު 13 ވަނަ ދުވަހު އައިޖީއެމްޗުން ވަނީ އޮޕަރޭޝަން ކުރުމަށް ލަފާ ދީފައެވެ. ނަމަވެސް އެއީ އަދި އައިޖީއެމްއެޗުން ކޮށްފައިވާ އޮޕަރޭޝަނަކަށް ނުވާތީ ކުއްޖާގެ ބައްޕަ މަސައްކަތް ކުރީ ރާއްޖެއިން ބޭރަށް ދެވޭނެ ގޮތެއް ހަމަޖެއްސޭތޯއެވެ. ކައިވްގެ ހާލު ސީރިއަސް ކަމުން ފުރައިގެން ދިއުމަކީ ރަނގަޅު ގޮތެއް ކަމަށް ނުފެންނާތީ އައިޖީއެމްއެޗުން އޮޕަރޭޝަން ކުރަން އެއްބަސްވިއެވެ.
އޭރު ކުރި އޮޕަރޭޝަންގައި ގޮހޮރު ދެފަޅިން ސްޓެޕަލް ކޮށްފައިވާ އިރު، އެ ކުއްޖާގެ އެޕެންޑިކްސް ވަނީ ނަގާފައެވެ. އޮޕަރޭޝަނަށް ފަހު ޑޮކްޓަރުން ބުނެފައި ވަނީ އަދިވެސް ކުއްޖާ ހެދި ބޮޑުވާ ވަރަކަށް ގޮހޮރު އޮޅުމުގެ ފުރުސަަތު އެބަ އޮތް ކަމަށެވެ. އެ އޮޕަރޭޝަނަށް ފަހު ކައިވް ދެމަސް ވަންދެން އައިޖީއެމްއެޗްގެ އެންއައިސީޔޫގައި ބާއްވާފައި އޮތް ކަމަށާއި ވެންޓިލޭޓަރުގައި ވެސް ދެ ދުވަހު އޮތް ކަމަށް ކުއްޖާގެ މަންމަ ބުނެއެވެ. ޑިސްޗާޖް ކޮށްލުމުން އެ އާއިލާ ދިޔައީ ރަށަށް ކަަމަށާއި އޭރު ކޮވިޑްގެ ދުވަސްވަރު ކަމުން ރަަށަށް ގޮސް މަޑު ކުރަން ޖެހުނީ ކަރަންޓީނުގައި ކަމަށް ނިޝްރީން ބުންޏެވެ. ކަރަންޓީންގައި ހުއްޓާ ކުއްޖާގެ ހާލު ގޯސްވި ކަމަށާއި، އޮންލައިންކޮށް ޑޮކްޓަރަށް ދައްކައިގެން ތިބެ، 14 ދުވަސް ކަަރަންޓީން ހަމަވުމުން އަނެއްކާ ވެސް ކައިވް ގޮވައިގެން އެ އާއިލާ މާލެއަށް އައި ކަމަށް ނިޝްރީން ބުނެއެވެ.
2018 ގައި ކައިވެނި ކުރި ނިސްރީނަށް ލިބުނު ފުރަތަމަ ދަރިފުޅާ އެކީ ކުއްޖާއަށް އަހަރެއް ވުމުން ވަނީ އޭނާގެ ފިރިމީހާ، ގުރައިޝް އަބްދުލްރައްޒާގެ ރަށް، ހދ. ނޮޅިވަރަމަށް ބަދަލުވެފައެވެ. އޭގެ ފަހުން ދަރިފުޅުގެ ސިއްހީ ފަރުވާ ހޯދުމަށް ނޮޅިވަރަމް ހޮސްޕިޓަލަށް ދައްކާ އިރު، ހާލު ސީރިއަސް ވުމުން ހދ. ކުޅުދުއްފުށީގައި ހުންނަ ހޮސްޕިޓަލަށް ވެސް ދައްކައެވެ. އަދި އެ ހޮސްޕިޓަލުން ލަފާ ދީގެން މާލޭގެ އައިޖީއެމްއެޗަށް ފޮނުވާލާ ފަހަރުތައް ވެސް މަދެއް ނޫނެވެ.
އޮޕަރޭޝަނަށް ފަހު ކައިވް ބަލިވެގެން ދައްކާ އިރު، ހަދާ ޓެސްޓުތަކުން ކުއްޖާގެ ގޮހޮރު އޮޅޭ ކަމަށް ދައްކައެވެ. އަދި ހާލު ސީރިއަސް ވެދާނެ ކަމަށް ބަލައި ކޮންމެ ފަހަރަކު މާލެއަށް ފޮނުވާލައެވެ. އެ އާއިލާ އެ ކުއްޖާއަށް އިތުރު ފަރުވާ ދިނުމަށް އިންޑިއާއަށް ވެސް މީގެ ކުރިން 3 ފަހަރެއްގެ މަތިން ވަނީ ގޮސްފައެވެ. އެންމެ ފަހުން ކައިވް ގޮވައިގެން އެ އާއިލާ އިންޑިއާގެ އަމްރިތާ ހޮސްޕިޓަލަށް ދައްކާފައި ވަނީ މިދިޔަ މެއި މަހުގެ ކުރީ ކޮޅެވެ.
އަމްރިތާއަށް ދައްކައިގެން ތަހުލީލުތައް ހަދައި ބޭސްދީފައި ފޮނުވާލަނީ ފޮލޯ އަޕްއަށް އައުމަށް އެދިއެވެ. އެ ހޮސްޕިޓަލްގެ ޑޮކްޓަރުންގެ ޓީމުން ވަނީ، ބޭސް ދީގެން ހައްލެއް ނުލިބޭ ކަމަށް ވަންޏާ އެ ކުއްޖާގެ ކުޑަ ގޮހޮރު ބޭރަށް ނެރެ ޓިއުބެއް ލައްވާ އެ ޓިއުބް މެދުވެރިކޮށް ފީޑް ކުރަން ލަފާ ދީފައެވެ. ނަމަވެސް އެ ވަރުގެ ތުއްތު ކުއްޖެއް އެ ފަދަ އޮޕަރޭޝަނެއް ކުރަން އެއްވެސް މަޔަކު އަދި ބަފަޔަކު ބޭނުމެއް ނުވާނެއެވެ. އެ އާއިލާ ބޭނުން ވަނީ ކައިވްއަށް އެހެން ކުދިންނެކޭ ވެސް އެއްގޮތަށް އާދައިގެ ދިރިއުޅުމެއް ހޯދައި ދޭށެވެ.
ނިޝްރީން ބުނާ ގޮތުގައި އޭނާގެ ދަރިފުޅަކީ ވަރަށް ހިތްވަރުގަދަ ކުއްޖެކެވެ. އަބަަދު ބަނޑުގައި ރިއްސާތީ އުޅޭ އިރު ތަދު ކަނޑުވަން ޑޮކްޓަރުން ބޭސް ދިނުމުން ވެސް ހޮޑު ލެވޭތީ އަސްލު ބޭހުގެ ރާހަތެއް ނުކުރާ ކަމަށް އޭނާ ބުނެއެވެ. އެހެންކަމުން އިންޖެކްޝަން ޖަހާ ކަމަށާއި އިންޖެކްޝަން ޖެހިއަސް ރިހުމަށް މާ ބޮޑު ލުޔެއް ނުލިބެއެވެ. ކައިވްގެ ހަށިގަނޑުގައި އަލާ ވޭނަށް އެ ކުއްޖާ ކުކުރާ ރޯ މަންޒަރު ބަލަން ދަތިވާތީ އަބަދު ބަނޑުގައި ބާމު ހާކައި ފިރުމާލަ ފިރުމާލަ ހުންނަ ކަމަށް ނިޝްރީން ބުނެއެވެ ކައިވްގެ ހިތްވަރު ވަރަށް ގަދަކަން ފާހަގަ ކުރަމުން ނިޝްރީން ބުނީ، އެ ވަރުގެ ބައްޔެއް ތަހައްމަލު ކުރަމުންދާ އިރު ވެސް އެ ކުއްޖާގެ އެކްޓިވް ކަން ޑޮކްޓަރުން ފާހަގަ ކުރާ ކަމަށެވެ.
މި ދިޔަ މަހުގެ ކުރީކޮޅު ކައިވް ވަރަށް ބޮޑަށް ބަލިވިއެވެ. ބަނޑުގައި ކާއެއްޗެއް ޖެހޭ އިރަށް ހޮޑުލެވި ޕުއްޕު ލެވޭތީ ކުޅުދުއްފުށީ ހޮސްޕިޓަލަށް ދެއްކުމުން ޓެސްޓުތައް ހެދުމަށް ފަހު ޑޮކްޓަރުން ލަފާ ދިނީ އަވަހަށް މާލެ ދިއުމަށެވެ. ކުއްޖާގެ ގޮހޮރުގައި ގޮއްތަކެއް ލާފައި ދުޅަވެފައިވާ ކަަމަށް ޑޮކްޓަރުން ބުނެއެވެ. އެގޮތުން އެ އާއިލާ މިދިޔަ މަހުގެ 27 ގައި މާލެ އައިސް ކުއްޖާ ޑޮކްޓަރަށް ދެއްކިއެވެ. ހޮސްޕިޓަލުގައި ބާއްވާ ފަރުވާ ދިނުމަށް ފަހު އިންޑިއާއަށް ދިއުމަށް ލަފާ ދީ ކުއްޖާ ހޮސްޕިޓަލުން ދޫކޮށްލާފައި ވަނީ މި މަހުގެ 4 ގައެވެ.
މާދަމާ މެންދުރު 2:30 ގައި އެ އާއިލާ ކައިވް ގޮވައިގެން އިންޑިއާއަށް ފުރަން ޓިކެޓް ވަނީ ނަގާފައެވެ. އާސަންދައިން ކުއްޖާއާއެކު އެއް އެހީތެރިއަކަށް ޓިކެޓް ހަމަޖައްސާފައިވީ ނަމަވެސް އެ ވަރުގެ ކުއްޖަކާ އެކު އެންމެ އެހީތެރިއަކަށް ގޮސް އުޅުމަކީ ދަތި ކަމެއް ކަމަށް ނިޝްރީން ބުނެއެވެ. ފިރިމީހާއަށް ލިބޭ އާމްދަނީން ވެސް އެހާ ހަރަދުތައް ކުރަން ޖެހުމުން މާލީ ގޮތުން ވެސް އެ އާއިލާއަށް އެހީތެރިކަން ބޭނުންވާ ކަަމަށް ބުނެއެވެ.
ކުރިން އިންޑިއާއަށް ކުރި ދަތުރުތަކުގެ ތަޖުރިބާއަށް ބަލާފައި ވެސް އިތުރު ދެމީހަކު ގެންދަން ބޭނުންވާ ކަމަށާއި އަދި ފަރުވާއަށް އިންޑިއާގައި ވެސް ކޮންމެ ފަހަރަކު ގޮސް މަހަކަށް ވުރެ ގިނަ ދުވަހު ތިބެން ޖެހޭތީ މާލީ އެހީ ބޭނުންވާ ކަމަށް ނިޝްރީން ބުނެއެވެ. އިތުރު އެހީ ބޭނުންވާތީ އެންސްޕާގައި ވެސް އެދިފައިވާ ކަަމަށާއި އަދި އެންސްޕާއިން ޖަވާބެއް ނުލިބޭ ކަމަށް ނިޝްރީން ބުނެއެވެ. މިއަހަރު ކުރިން ކުރި ދަތުރުގައި ވެސް އެންސްޕާއަށް ލައިގެން ދިނީ 3000 ރުފިޔާ ކަަމަށް ނިޝްރީން ބުނެއެވެ.
މި އަހަރު ނޮވެމްބަރު 22 ގައި 3 އަހަރު ފުރޭ ކައިވް މިހާރު ބޭބީ ނާސަރީއަށް ކިޔަވަން ވެސް ދެއެވެ. ނަމަވެސް ބަލި ހާލަތު ހުންނަ ގޮތުން ގިނަ ދުވަސް ދުވަހު ކުއްޖާއަށް ސްކޫލަށް ނުދެވޭތީ ނިޝްރީން އެކަމާ ވަރަށް ދެރަވެއެވެ. އޭނާ ބޭނުންވަނީ ދަރިފުޅު ރަނގަޅު ސިއްހަތެއްގައި ހުރުމެވެ. އަދި އެ އާއިލާއަށް މާލީ ގޮތުން އެހީތެރި ވެދިނުމަށާއި ކުއްޖާއަށް އަވަސް ޝިފާއެއް ދެއްވުމަށް އެދި ހެޔޮ ދުއާ ކޮށް ދިނުމަށް ވެސް ނިޝްރީން އެދެއެވެ.
ކައިވް އަށް އެހީވާން ބޭނުންވާ ފަރާތްތަކުން ކައިވްގެ މަންމަ، ނިޝްރީންގެ ނަންބަރު 9524912 ނުވަތަ ކައިވްގެ ބައްޕަ، ގުރައިޝްގެ ނަންބަރު 7493007 އަށް ގުޅައިގެން އެކަން ކުރިއަށް ގެންދިއުން އެދެމެވެ.
އެކައުންޓް ނަން: ގުރައިޝް އަބްދުލްރައްޒާގް
- އެކައުންޓް ނަމްބަރު (ރުފިޔާ): 7770000007920
- އެކައުންޓް ނަމްބަރު (ޑޮލަރު): 7770000040754
'ދަ ޕްރެސް' ގެ ދުއާއަކީ މާތް ﷲ ކައިވް ގުގރައިޝް އަށް އަވަސް ޝިފާއެއް މިންވަރު ކުރައްވައި އެ އާއިލާއަށް ކެތްތެރިކަން ދެއްވުމެވެ. އަދި އަހަރެމެން ދިވެހިންނަކީ އެކަކު އަނެކަކަށް އެހީތެރިވާ ބައެއް ކަމުގައި ލެއްވުމަށެވެ.
މުހިއްމު މަޢުލޫމާތު ނުގެއްލޭހެން ސަމަރައިޒްޑް ކޮށް ލިއަން ފެނޭ.