މާލެ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު އެ ކައުންސިލްގެ މުވައްޒަފުންނާ ބައްދަލު ކުރުމަށް ބާއްވާ ހާއްސަ އިވެންޓް އިންތިޒާމް ކުރާނެ ބަޔަކު ހޯދަން އިއުލާން ކޮށްފިއެވެ.

މާލެ ސިޓީ ކައުންސިލުން ކުރި އިއުލާންގައި ބުނެފައި ވަނީ، އެ ކައުންސިލުން ބާއްވާ ހާއްސަ އިވެންޓް އިންތިޒާމް ކުރާނެ ފަރާތެއް ބޭނުންވާޓީ، އެކަމަށް ޝައުގުވެރިވާ ފަރާތްތަކުން ބީލަން ހުށަހެޅުމަށް ހުޅުވާލާފައިވާ ކަމަށެވެ. އަގު ހުށަހެޅުމުގައި ބައިވެރިވެވޭނީ ދިވެހި ކުންފުނި، ޕާޓްނާޝިޕް، ލޯކަލް އިންވެސްޓްމަންޓް، ވިޔަފާރި ކުރުމުގެ ހުއްދަ ލިބިފައިވާ ފަރާތްތަކަށް ކަމަށް އެ ކައުންސިލުން ބުނެއެވެ.

އެގޮތުން އަންނަ އާދިއްތަ ދުވަހު ބީލަން ހުށަހެޅުމަށް ޝައުގުވެރިވާ ފަރާތްތަކަށް މައުލޫމާތު ހިއްސާ ކުރުމަށް ބާއްވާ ބައްދަލުވުން އެ ދުވަހުގެ މެންދުރު 12:00 ގައި ކައުންސިލް އިދާރާގެ އެޑްމިން ސެކްޝަން މީޓިން ރޫމްގައި އޮންނާނެ ކަމަށް އެ ކައުންސިލުން ބުނެއެވެ. އެއަށް ފަހު އަންދާޒީ ހިސާބު ހުށަހެޅުން އޮންނާނީ އަންނަ ބުދާ ދުވަހުގެ 11:00 ގައި ކަމަށް އެ ކައުންސިލުން ބުނެއެވެ.

މައުލޫމާތު ސާފުކުރައްވަން ނާންނަ ފަރާތްތަކަށާއި އަންދާޒީ ހިސާބު ހުށަހެޅުމަށް ގަޑި ޖެހިގެން އަންނަ ފަރާތްތަކުގެ އަންދާޒީ ހިސާބު ބަލައި ނުގަންނާނެ ކަމަށް އެ ކައުސިލުން ބުނެއެވެ.އަދި މައުލޫމާތު ސާފުކުރަން އަންނަ އިރު އައިޑީކާޑު ގެނައުމަށް އެ ކައުންސިލުން ބުނެފައި ވެއެވެ.