އިންތިގާލީ މުއްދަތުގައި ސަރުކާރުގެ ބައެއް ކަންކަން މަޑުޖައްސާލުމަށް، އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ އަރިހުން އެދިވަޑައިގެންފިއެވެ.

ރައީސަށް ފޮނުއްވި ސިޓީގައި މުއިއްޒު ވަނީ، އިންތިހާބުން ބަލިވެވަޑައިގެންނެވި ނަމަވެސް ރައީސް ނަމޫނާ ދެއްކެވިކަން ފާހަގަކުރައްވައި ޝުކުރު އަދާކުރައްވައިފައެވެ. ހަމަ އެހެންމެ ވެރިކަމުގެ ބާރުތައް އޮމާން ކަމާ އެކު ހަވާލުކުރުމުގެ ކަންކަން ކުރިއަށް ގެންދިއުމަށް އެހީތެރިކަން ދެއްވާނެ ކަމުގެ ޔަގީންކަން ރައީސް ދެއްވިކަން ފާހަގަކުރައްވައި އެކަމަށް ވެސް މުއިއްޒު ވަނީ ޝުކުރު އަދާކުރައްވައިފައެވެ.

އެ ސިޓީގައި މުއިއްޒު ރައީސްގެ އަރިހުން އެދިވަޑައިގަތީ ހަތް ކަމަކަށެވެ. އެ ކަންކަމަކީ:

  • ދައުލަތުގެ އެއްވެސް މުއައްސަސާއަކުން އާ އިންވެސްޓްމެންޓެއް ނުކުރުން
  • ދައުލަތުގެ އެއްވެސް ބިމެއް ތަރައްގީކޮށް ވިއްކުމުގެ އާ ހުއްދަ ނުދިނުން
  • ދައުލަތުގެ އެއްވެސް މުދަލެއްގެ މިލްކުވެރިކަން އެހެން ފަރާތަކަށް ބަދަލުނުކުރުން
  • ބައިނަލްއަގުވާމީ މުއާހަދާތަކާއި އެއްބަސްވުންތަކުގައި ސޮއިނުކުރުން
  • ޕީއެސްއައިޕީ އާއި އެހެންވެސް ޕްރޮގްރާމެއްގެ ދަށުން އާ ޕްރޮޖެކްޓެއް ނުފެށުން
  • ދައުލަތުގެ އެއްވެސް މުއައްސަސާއެއްގެ މުސާރައިގެ އޮނިގަނޑަށް ބަދަލުނުގެނައުން
  • ދައުލަތުގެ އެއްވެސް ވަޒީފާއަކަށް އަލަށް މީހަކު ނުވެއްދުން އަދި މަގާމުގެ ކުރިއެރުން ނުދިނުން

މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ރިޔާސީ އިންތިހާބު މުއިއްޒު ކާމިޔާބުކުރެއްވީ ރައީސާ ވާދަކުރައްވައި 19 ހާހެއްހާ ވޯޓުގެ ތަފާތަކުންނެވެ. އިންތިހާބު އޮތް ތާރީހާ ޖެހިގެން އޮތް ދުވަހު ދެ ބޭފުޅުން ވެސް ވަނީ ބައްދަލުކުރައްވައިފައެވެ.

އިއްޔެ ޕްރައިވެޓައިޒޭޝަން ބޯޑުން ވަނީ، އިންތިގާލީ މުއްދަތުގައި ސަރުކާރު ކުންފުނިތަކުން އާންމުކޮށް ކުރާ މުއާމަލާތްތައް ފިޔަވައި ބޮޑެތި ހަރަދުތައް ކުރުން ފަދަ ކަންކަން ހުއްޓާލުމަށް ސަރުކާރު ކުންފުނިތަކަށް އަންގައި ބަޔާނެއް ނެރެފައެވެ.