ނިމިދިޔަ ރިޔާސީ އިންތިހާބާ ގުޅިގެން ވެރިކަން ބަދަލުވުމުގެ މަރުހަލާގައި އިންތިހާބީ ރައީސުލްޖުމްހޫރިއްޔާގެ ހައިސިއްޔަތުން ކުރަންޖެހޭ ކަންތައްތައް ކުރުމަށްޓަކައި "އިންތިހާބީ ރައީސުލްޖުމްހޫރިއްޔާގެ އޮފީސް" ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް މިއަދު ގާއިމު ކުރައްވައިފިއެވެ.
މިކަން ހާމަކޮށްފައި ވަނީ ރައީސް އޮފީހުން މިއަދު ނެރުނު 2023/10 ނަންބަރު ދެންނެވުމުގައެވެ.
ރައީސް އޮފީހުން ބުނީ، ސަރުކާރުގެ އިދާރާތައް ހިންގުމަށް ބުރޫ ނާރާނެ ގޮތެއްގެ މަތީން، އަދި ސަރުކާރުން ރައްޔިތުންނަށް ދެމުންދާ ހިދުމަތްތަކަށް ހުއްޓުމެއް ނާންނާނެ ގޮތެއްގެ މަތީން، ވެރިކަން ނަގުލުކުރުމަށްޓަކައި، ސަރުކާރުގެ އިދާރާތަކާ ބެހޭ މުހިންމު މައުލޫމާތު، އިންތިހާބީ ރައީސުލްޖުމްހޫރިއްޔާއަށް ބޭނުންވެވަޑައިގަންނަވާނެތީ، ތައްޔާރު ކުރުމަށް ވަނީ އަންގާފައި ކަމަށެވެ. އަދި ސަރުކާރުގެ އިދާރާތަކުން އިންތިހާބީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ލިޔެކިޔުން ފޮނުވަން ވާނީ "ގަވަންމަންޓް އީ-ލެޓާ މެނެޖްމަންޓް ސިސްޓަމް" މެދުވެރިކޮށް ކަމުގައި ރައީސް އޮފީހުން ބުނެއެވެ.
މީގެ އިތުރުން ވެސް ދިވެހިރާއްޖޭގެ ގާނޫނު އަސާސީންނާއި، ގާނޫނުތަކުން ރައީސުލްޖުމްހޫރިއްޔާ މީހުން އައްޔަނު ކުރައްވާ މަގާމުތަކުގައި ތިއްބެވި ފަރާތްތަކުން ހިނގަމުންދާ ރިޔާސީ ދައުރު ނިމެންދެން، އެ ފަރާތަކާ ހަވާލުވެފައިވާ މަސައްކަތްތައް ކުރެއްވުމުގައި ދެމިތިއްބެވުމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ބާރު އަޅުއްވާފައި ކަމަށް ރައީސް އޮފީހުން ބުނެއެވެ.
އިންތިހާބީ ރައީސުލްޖުމްހޫރިއްޔާއަށް އޮފީހެއް ގާއިމްކޮށްފައިވާ އިރު، ގާނޫނު ނަންބަރު 2010/5 (ވެރިކަން ބަދަލުވުމުގެ މަރުހަލާއާ ބެހޭ ގާނޫނު) ގައި ވާ ގޮތުން "ޑިރެކްޓާ ޖެނެރަލް އޮފް ޓްރާންސިޝަން" ގެ މަގާމަށް، ސިވިލް ސާވިސް ކޮމިޝަނުން ހަމަޖައްސާފައި ވަނީ، ލ. ފޮނަދޫ، އަރާއިރު، ޢަބްދުއްރަހީމް އަބްދުﷲ އެވެ.
އެ ގާނޫނުގައި ވާގޮތުން މިއީ ވެރިކަން ބަދަލުވުމުގެ މަރުހަލާގެ ކަންކަން ވިލަރެސް ކުރެއްވުމުގައި އެންމެ އިސްކޮށް ހުންނަވާ ފަރާތެވެ. އެ މަރުހަލާގެ ކަންކަން ވިލަރެސް ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ފަރާތުން ރައީސުލްޖުމްހޫރިއްޔާ ހަމަޖައްސަވާފައި ވަނީ، ސެކްރެޓެރީ، ކޯޕަރޭޓް ސާވިސް، ހުސައިން އާމިރެވެ.