އިންޑިއާގެ ސިއްކީމް އަށް ބޯކޮށް ވާރޭވެހި ހިމަލަޔާ ފަރުބަދަ ތަކާ ގުޅިފައި އޮތް ކޯރެއް ފުރި ބަންޑުންވި ގަޑީގައި ބިންގަނޑު ކަނޑައިގެން ގޮސް ގެއްލުނު މީހުން ހޯދުމުގައި ވަގުތާ ހަނގުރާމަ ކުރަމުން އެބަދެއެވެ. ގެއްލުނު މީހުން ދިރިތިބޭނެ ކަމަށް ބެލެވޭ ވަގުތު ކުޑަތަން ވަމުން ދާ އިރު، އޮފިޝަލުން ބުނީ، ގިނަ އަދަދެއްގެ ބަޔަކު ތިރި ސަރަހައްދުތަކުގެ ޓަނަލްތަކުގައި ތާށިވެފައި ތިބިކަމަށެވެ.

މިހާދިސާގައި އާންމުންގެ 102 މީހަކާއި ސިފައިންގެ 22 މީހަކު ގެއްލިފައި ވާ އިރު އޭގެ ތެރެއިން 14 މީހަކު މަރުވެފއި ވާކަމަށް އޮފިޝަލުން ބުނެއެވެ.

ފަތުރުވެރިންވެސް ގިނައިން ގޮސް އުޅޭ އެ ސަރަހައްދަށް ބޯކޮށް ވާރޭ ވެހި ހިނގި މިހާދިސާ އާ ގުޅިގެން 3000 އެއްހާ ފަތުރުވެރިން ރައްކާތެރި ސަރަހައްދުތަކަށް ގެންގޮސްފައި ވާ ކަމަށް ވެސް ބުނެއެވެ.

މީހުން ހޯދުމުގެ މަަސައްކަތުގައި އެތައް ސަތޭކަ އޮފިޝަލުން ހަރަކާތްތެރިވަމުން ދާ އިރު، އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ވަނީ، ސަރުކާރުން ދެވެން ހުރި ހުރިހާ އެހީއަކާއި ހުރިހާ ވަސީލަތެއް ބޭނުން ކުރައްވާނެކަމަށް ވިދާޅުވެފައެވެ.

ސިއްކީމް ހާދިސާގައި ގެއްލުނު މީހުން ސަލާމަތް ކުރުމަށް އޮފިޝަލުން މަސައްކަތް ކުރަނީ

ސިއްކީމްގެ ލޮނާކް ކޯރު ފުރި ބަންޑުންވެގެން ދިޔަ މިހާދިސާގައި ކޯރާ އިންވެގެން އޮންނަ ލަޗެން ވެލީ ވަނީ ފެނުގެ އަޑީގައެވެ. އެ ވެލީއަކީ ކޯރަށް ވުރެ ބިން ތިރި ސަރަހައްދެއް ކަމުން، ފެންގަނޑު ފައިގެން އައިއިރު ކިސަޑާއި ކުނިބުނިވެސް ވަނީ ވެލީގެ ތެރެއަށް ފައިބާފައެވެ.

ސިއްކީމްގެ ޗީފް ސެކްރެޓަރީ ވީބީ ޕަތަކް ބުނީ، ކޯރު ފުރި ބަންޑުންވެގެން ފެންގަނޑު ފައިގައިގެން އައި ބާރު ކަމުގެ ސަބަބުން، ބައެއް މަގުތަކާއި އުމްރާނީ ވަސީލަތްތަކަށް ގެއްލުންވެ ހަލާކުވެފައި ވާ ކަމަށެވެ. އެއާއެކު މޯބައިލް ހިދުމަތާއި އޮންޓަނެޓުގެ ހިދުމަތްތަކަށް ވެސް ވަނީ ބުރޫއަރާފައެވެ.

މި ހާދިސާގައި ސިއްކީމް އާ އިންވެގެން އޮންނަ ވެސްޓް ބޭންގާލްގެ ދަރްޖީލިންގް، ކަޕިމްޕޮންގް، ކޫޗް ބިހާރަށް ވެސް ވަނީ ގެއްލުންތަކެއް ވެފައެވެ. އެ ސަރަހައްދުތަކުން 10،000 އެއްހާ މީހުން ތައްކާތެރި ސަރަހައްދުތަކަށް ބަދަލުކޮށްފައި ވާ އިރު، ގެއްލިފައި ވާ މީހުން ހޯދުމުގެ މަސައްކަތް ހުއްޓުމެއް ނެތި ކުރިއަށް އެބަގެންދެއެވެ.

ސިއްކީމްގެ މި ސަރަހައްދަކީ، މިފަދަ ހާދިސާތައް އާންމުކޮށް ހިނގާ ސަރަހައްދެކެވެ. މިދިޔަ އަހަރު ހިންގި މިފަދަ ހާދިސާއެއްގައި އެތައްހާސް ބަޔަކު ގެދޮރު ދޫކޮށް ދާން ޖެހުނު އިރު 24 މީހަކު މަރުވިއެވެ.