އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރާ ގުޅިގެން އައްޑޫގެ ތަރައްގީއަށް މަސައްކަތް ކުރަމުން ދާނެކަމަށް އައްޑޫ ސިޓީގެ މޭޔަރު އަލީ ނިޒާރު ވިދާޅުވެއްޖެއެވެ.
އައްޑޫ ސިޓީ ކައުންސިލްގެ މެޖޯރިޓީ އަކީ އެމްޑީޕީ ކަމުގައި ވާއިރު ސޯޝަލް މީޑިއާގައި ގިނަ ބަޔަކު އަންނަނީ ސިޓީ ކައުންސިލުން އަލަށް އިންތިހާބުވި ރައީސް އަށާއި ޕީއެންސީގެ ސަރުކާރަށް އެއްބާރުލުން ނުދޭނެ ކަމަށް ތުހުމަތު ކުރަމުންނެވެ. އަދި މިކަމުގެ ސަބަބުން އައްޑޫ ސިޓީގެ ތަރައްގީގެ މަޝްރޫއުތައް ހުއްޓިދާނެ ކަމުގެ ކަންބޮޑުވުންތައް ވެސް އަންނަނީ ފާޅުކުރަމުންނެވެ.
ރައްޔިތުންގެ މި ކަންބޮޑުވުންތަކާ ގުޅިގެން ނިޒާރު ވިދާޅުވީ ކައުންސިލް ތަކުގެ ޒިންމާއަކީ ސަރުކާރާ ގުޅިގެން ރައްޔިތުންނަށް ހިދުމަތް ފޯރުކޮއްދިނުން ކަމަށެވެ. އަދި އައްޑޫ ސިޓީ ކައުންސިލް އިން ޑ.ރ މުހައްމަދު މުއިޒްގެ ޒައާމަތަށް ފުރިހަމަ އެއްބާރުލުން ދޭނެކަން ފާހަގަ ކުރައްވަމުން ނިޒާރު ވިދާޅުވީ ސަރުކާރާ ގުޅިގެން އައްޑޫގެ ތަރައްގީ އަށް މަސައްކަތް ކުރައްވާނެ ކަމަށެވެ. އަދި އެ ޔަގީންކަން އިންތިހާބީ ރައީސް އަށް ދެއްވާފައިވާނެ ކަމަށްވެސް ނިޒާރު ވަނީ ވިދާޅުވެފައެވެ.
މީގެ އިތުރުން ނިޒާރު ވަނީ ރައްޔިތުންނަށް އޮޅޭ ގޮތަށް ކައުންސިލް އާ ގުޅުވައި ފިތުނަ ވެރި ދޮގުވާހަކަތައް ފަތުރަން މަސައްކަތް ނުކުރުމަށް އިލްތިމާސްކޮށްފައެވެ.
އެމްޑީޕީ ސަރުކާރުން އައްޑޫ ސިޓީގައި ތަރައްގީގެ ގިނަ މަޝްރޫއުތަކެއް ފަށާފައި ވާއިރު އެސިޓީގެ ބިން ހިއްކުމުގެ މަޝްރޫއަކީ މިހާތަަނަށް އެ ސިޓީގައި ކުރިއަށް ގެންދާ ތަރައްގީގެ އެންމެ ބޮޑު މަޝްރޫއެވެ. އިންޑީއާގެ އެފްކޯންސް ކުންފުންޏާ ހަވާލުކޮށްގެން ކުރިއަށް ދާ މި މަޝްރޫއުގައި އައްޑޫ ސިޓީއިން ހިއްކަން ހަމަޖެހިފައިވާ ސަރަހައްދު ހިއްކާ ނިމިފައި ވާއިރު މިހާރު ކުރަމުން ދާ މަސައްކަތަކީ އެ ސަރަހައްދުގެ ލޭންޑްސްކޭޕިން މަސައްކަތެވެ. މީގެ އިތުރުން އައްޑޫ އެއާޕޯޓް ތަރައްގީ ކުރުމާއި އައްޑޫ އަވަށްތަކުގެ މަގު ހެދުމުގެ މަސައްކަތްވެސް މި ސަރުކާރުން ކުރަމުން އަންނައިރު ނިމިގެން ދިޔަ ރިޔާސީ އިންތިހާބުގައި އައްޑޫ ސިޓީގެ މުޅި ޖުމްލަ ނަތީޖާއަށް ބަލާއިރު މެޖޯރިޓީ ހޯދާފައި ވަނީ އެމްޑީޕީގެ ކެންޑިޑޭޓް ރައީސް އިބްރާހީމް މުހައްމަދު ސޯލިހްއެވެ.