ނިމިގެން ދިޔަ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ދަ ޑިމޮކްރެޓްސް އިން ވަކި ކޮޅަކަށް ތާއީދު ނުކޮށް ތިބޭ ނަމަ، ރާއްޖޭގެ ވެރިކަން ކުރުމުގެ ނިޒާމު ބަދަލުކުރުމަށް ކުރަމުން އަންނަ މަސައްކަތުގައި އެއްބާރުލުން ދޭނެކަމަށް އެމްޑީޕީ އިން ބުނެފައިވާކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

މިއަދު، ނިޒާމީ ވޯޓާ ގުޅޭ ކަންކަމާ މެދު ބަސްހުކުރުމަށް ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ރައީސް ނަޝީދު ވިދާޅުވީ ނިޒާމީ ވޯޓު ނެގުމާ ގުޅޭގޮތުން އެ މަނިކުފާނަށް ލިބިވަޑައިގެންފައިވާ މައުލޫމާތެއް ހިއްސާ ކުރައްވަން ޖެހިވަޑައިގަންނަވާނެ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ. މި ގޮތުން ރާއްޖޭގެ ވެރިކަން ކުރުމުގެ ނިޒާމު ބަދަލުކުރަން މަޖިލީހުން ނަގަން އެދިފައިވާ އާންމު ވޯޓަށް ތާއީދު ކުރާނެ ކަމަށް އެމްޑީޕީން ބުނެފައިވާކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

"ރިޔާސީ އިންތިހާބުގެ ދެ ވަނަ ބުރަށް އެމްޑީޕީ ދިޔައިރު، ވަކި ޕާޓީއަކަށް ތާއީދު ނުކުރަން އެމްޑީޕީން ޑިމޮކްރެޓްސްގެ ކައިރިން އެދުނު. އެ ގޮތަށް ކަންކޮށްފި ނަމަ، ފެންނަ ނުފެންނަ ވޯޓަށް އެމްޑީޕީން ފުރިހަމައަށް ތާއީދު ކުރާނެ ކަމަށް އެ ޕާޓީން ބުނެފައިވޭ" ރައީސް ނަޝީދު ވިދާޅުވިއެެވެ.

އިތުރަށް ރައީސް ނަޝީދު ވިދާޅުވީ މިކަމާ ގުޅޭ ގޮތުން އެމްޑީޕީ އިން ޑިމޮކްރެޓްސް އިން ސިޓީއެއްވެސް ހޯދާފައިވާކަމަށާ އެހެންނަމަވެސް އެ ސިޓީއަށް އެމްޑީޕީ އިން ޖަވާބު ދީފައިނުވާކަމަށެވެ. މީގެ ކުރިން އެމްޑީޕީގެ ރައީސްކަން ވެސް ކުރައްވާފައިވާ ނަޝީދު ވިދާޅުވީ އެމްޑީޕީ މި ވަގުތަށް ބަހުގެ އިތުބާރު ހިފޭ ޕާޓީއެއް ކަމަށް ނުދަންނަވާ ކަމަށާ އެހެންނަމަވެސް ކަންކަން ހިނގާފައިވާ ގޮތުގެ މައުލޫމާތު ހިއްސާކޮށްލީ ކަމަށެވެ.

ރާއްޖޭގައި އޮންނަން ފެންނަ ވެރިކަމުގެ ނިޒާމަކާ ގުޅޭ ގޮތުން ރައްޔިތުންގެ ހިޔާލު ހޯދުމުގެ ވޯޓެއް މި އޮކްޓޯބަރު މަހުގެ 30 ވަނަ ދުވަހު ގެ ކުރިން ނެގުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވަނީ އެމްޑީޕީގެ މަޖިލީސް މެންބަރުންގެ ތާއީދާވެސް އެކުގައެވެ.

އެހެންނަމަވެސް ރިޔާސީ އިންތިހާބުގައި ކުރިމަތިވި ނާކާމިޔާބީގެ 'ޒިންމާ' އެމްޑީޕީ އިން ރައީސް ނަޝީދު އާއި ޑިމޮކްރެޓްސްގެ މެންބަރުން ނަގަން ޖެހޭނެކަމަށް އަންނަނީ ބުނަމުންނެވެ. އަދި ޑިމޮކްރެޓްސް އިން ގެންނަން ބޭނުންވާ ބަރުލަމާނީ ނިޒާމަށް ވޯޓު ނުދޭނެކަމަށް އެމްޑީޕީ މެންބަރުން ބުނަމުން އަންނައިރު އެ ޕާޓީން ނިޒާމާ ގުޅޭ ވޯޓާ މެދު ގޮތެއް ނިންމުމަށް މިރޭ ގައުމީ މަޖިލީހުގެ ބައްދަލުވުމެއް ބޭއްވުމަށް އަންނަނީ ތައްޔާރުވަމުންނެވެ.