ބަދަލު ހިފުމުގެ ރޫހު ތާއަބަދަށް ނެތިގެންދާން ޖެހޭ ކަމަށް އިންތިހާބީ ރައީސް، ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
މުއިއްޒު މިފަދައިން ވިދާޅުވީ މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ރިޔާސީ އިންތިހާބުގައި ޕީއެންސީގެ ރިޔާސީ ޓިކެޓުގައި ވާދަކުރައްވާ އިންތިހާބު ކާމިޔާބު ކުރެއްވުމަށް ފަހު މިރޭ ސޯޝަލް ސެންޓަރުގައި ކުރިއަށް ގެންދިޔަ ރައްޔިތުންގެ ބައްދަލުވުމުގައެވެ.
މުއިއްޒު ވިދާޅުވީ ގައުމަށް ހަމަޖެހުން އަންނަން ޖެހޭ ކަމަށާއި ބަދަލު ހިފުމުގެ ރޫހު ތާއަބަދަށް ނެތިގެންދާން ޖެހޭ ކަމަށެވެ. އެ ނޫން ހަމައަކުން މި ގައުމަށް ހަމަޖެހުމެއް ނާންނާނެ ކަމަށް ވެސް މުއިއްޒު ވިދާޅުވިއެވެ. މުއިއްޒު ވިދާޅުވީ އަލުދުވެރި ވެރިކަމެއް ރައްޔިތުންނަށް ކޮށްދެއްވާނެ ކަމަށާއި އިންސާފުވެރި ކަމާއެކު ހަމަހަމަކަމާއެކު ރައްޔިތުންނަށް ހިދުމަތް ކޮށްދެއްވާނެ ކަމަށެވެ. އަދި އެއީ ވެވަޑައިގެންނެވި ވައުދެއް ކަމަށާއި އެ ވައުދުގެ މަތީގައި އިރުއަރާ ކޮންމެ ދުވަހަކު ހުންނަވާނެ ކަމަށް މުއިއްޒު ވަނީ ވިދާޅުވެފައެވެ.
މުއިއްޒު ވިދާޅުވީ އެތައް އުސް ބިނާތަކާއި ކިތަންމެ ގިނަ ބްރިޖެއް ވެސް އެޅިދާނެ ކަމަށާއި އަދި އެހެން ހުރިހާ މަސައްކަތެއް ވެސް ކުރެވިދާނެ ކަމަށާއި އެހެންނަމަވެސް ސިކުނޑީގެ ތަރައްގީއާއި ހިތަށް ލިބޭ ތަސައްލީ އަންނާނީ އެކަކު އަނެކަކު ދެކެ ލޯބިވާ ލޯބިވުމުން ކަމަށެވެ. އަދި ގައުމުދެކެ ވާ ލޯބީގެ ވާހަކަ ފާހަކަ ކުރައްވައި ވިދާޅުވީ، އަބުތޯލުން ކުރި ޖިހާދަށް ކުރާ އިހުތިރާމު ހިތުގައި އަށަނުގަންނަހާ ހިނދަކު ގައުމަށް ހަގީގީ މާނާގައި ތަރައްގީއެއް ނާންނާނެ ކަމަށެވެ.
މުއިއްޒު ވިދާޅުވީ ހަގީގީ މާނާގައި އޭނާ ތަރައްގީ ގެނެސް ޔަގީން ކޮށްދެއްވާނެ ކަމަށާއި މިނިވަންކަން ޔަގީން ކޮށްދެއްވާނެ ކަމަށް ވެވަޑައިގެންނެވި ވައުދަށް ރައްޔިތުން ވޯޓުދިން ކަމަށެވެ. އަދި ފުރަތަމަ ދުވަހު، 17 ނޮވެންބަރުން ފެށިގެން އެ މަސައްކަތް ކުރިއަށްދާނެ ކަމަށް މުއިއްޒު ވިދާޅުވިއެވެ.
މުއިއްޒު ވިދާޅުވީ މީގެ ކުރިން ވިދާޅުވި ފަދައިން އިންތިހާބު ވުމާއެކު ރައީސް ޔާމީން ގެއަށް ބަދަލުކުރެއްވުމަށް ގޮވާލެއްވި ކަމަށާއި އިއްޔެ އެމަނިކުފާނު ގެއަށް ބަދަލުކޮށްދެއްވާފައިވާ ކަަމަށެވެ. އަދި މިހާރު އޮތް މަރުހަލާގައި 17 ނޮވެންބަރާ ހިސާބަށް ރައީސް ޔާމީން މިނިވަންވެ ވަޑައިނުގަންނަވާނަމަ އެއީ ނުފޫޒުގެ ސަބަަބުން ކަމަށް މުއިއްޒު ވިދާޅުވިއެވެ.
މުއިއްޒު ވިދާޅުވީ އެ ދުވަސް ވާނީ ނުފޫޒު ނިމުމަކަށް އަންނަ ދުވަސް ކަމަށާއި އެ ހިސާބުން ރައީސް ޔާމީން މިނިވަންވެވަޑައިގަންނަވާނެ ކަމަށެވެ. އަދި މުއިއްޒު ވަނީ ދެ ޕާޓީގެ ފަރާތުން މަގުމަތީގައި ހިންގާ ހަރަކާތްތައް ނުހިންގުމަށްވެސް އެދިވަޑައިގެންފައެވެ.
މުއިއްޒު ވިދާޅުވީ އެ ފަދަ ހަރަކާތްތައް ކުރިއަށް ދާނަމަ އެއީ މަސައްކަތް ހަވާލު ކުރުމަށް ފަހު ރައްޔިތުން ވަކި މަގަކުން ހިނގުން ކަމަށާއި އޭރުން ގައުމަށް ހަމަޖެހުން ނުލިބޭނެ ކަމަށެވެ. އަދި ގައުމުގެ ހަމަޖެހުން ގާއިމުކުރަން އެއް ގަލަކަށް އަރައިގެން މަސައްކަތް ކުރަަން ޖެހޭ ކަމަށާއި ރައްޔިތުން އެދޭ ގޮތަށް ހުރިހާ ކަމެއް ދާނެ ކަމުގެ ޔަގީންކަން މުއިއްޒު ވަނީ ދެއްވާފައެވެ.
މުއިއްޒު ވިދާޅުވީ އިންސާފު ގާއިމުވެގެން ދާއިރު ރައީސް ނަޝީދަށް ވެސް އިންސާފު ހޯއްދަވައި ދެއްވާނެ ކަމަށެވެ. އަދި ވާނުވާގައި ޖަލުގައި ތިބޭ ސިސްޓަމް އުވާލާ އެ ސިސްޓަމް ފޮހެލާނެ ކަމަށާޢި ހަގީގީ މާނާގައި އަނިޔާވެރިކަން ނިމުމަކަށް އަންނާނެ ކަމަށް މުއިއްޒު ވިދާޅުވިއެވެ.
މުއިއްޒު ވިދާޅުވީ ސަރުކާރުގެ ނިޒާމުގެ ތެރޭގައި ކޮރަޕްޝަން ފަދަ ކަންކަން ހިނގުން މަދުކޮށް، ސާފު ސަރުކާރެއް ގާއިމު ކުރުމުގެ އަމާޒުގައި ހުންނެވި ކަމަށާއި ސާފު ސަރުކާރެއް ގެނެސްދިނުމަކީ ވެވަޑައިގެންނެވި ވައުދެއްގެ އިތުރުން އެ އަޒުމުގައި މަސައްކަތް ކުރައްވާތަން ރައްޔިތުންނަށް ފެނިގެން ދާނެ ކަމަށެވެ. އަދި މުއިއްޒުގެ ސަރުކާރު ވާނީ ދެ ފުށް ފެންނަ އެއްވެސް ކަމެއް ނުފޮރުވާ ޖަވާބު ދާރީ ވުމުގައި ޖެހިލުމެއް ނުވާ ސަރުކާރެއް ކަމަށް މުއިއްޒު ވިދާޅުވިއެވެ.