ހަމަތަކުގެ ތެރެއިން ބޭރުގެ ސިފައިން ބޭރުކުރައްވާނެ ކަމަށް އިންތިހާބީ ރައީސް، ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
މުއިއްޒު މިފަދައިން ވިދާޅުވީ މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ރިޔާސީ އިންތިހާބުގައި ޕީއެންސީގެ ރިޔާސީ ޓިކެޓުގައި ވާދަކުރައްވާ އިންތިހާބު ކާމިޔާބު ކުރެއްވުމަށް ފަހު މިރޭ ސޯޝަލް ސެންޓަރުގައި ރައްޔިތުންނާ ބައްދަލުކުރައްވާ ވާހަކަ ދައްކަވަމުންނެވެ.
މުއިއްޒު ވިދާޅުވީ ގަބޫލުކުރައްވަނީ ދުނިޔޭގެ ހުރިހާ ގައުމުތަކަކީވެސް އަމިއްލަވަންތަ ކަމަށް އިހުތިރާމް ކުރަން ބޭނުންވާނެ ގައުމުތަކެއް ކަމަށާއި އެ ގައުމުތަކޭ އެއްގޮތަށް ރާއްޖޭގެ މިނިވަންކަން ހިމާޔަތްކުރަން ބޭނުންވާނެ ކަމަށެވެ. އެގޮތުން ހަމަތަކުގެ މަތިން މި ގައުމުގައި ތިބި ބޭރު ސިފައިން މި ގައުމުން ފޮނުވާލައްވާނެ ކަމަށާއި އެކަން ހާސިލްވެ ވަޑައިގަންނަވާނެ ކަން ޔަގީން ކަމަށެވެ.
މުއިއްޒު ވިދާޅުވީ އެ ސިފައިން މިތަނުގައި [ރާއްޖޭގައި] ބައިތިއްބައިގެން ތިބި މީހުން ވެސް، ދިވެހި ރައްޔިތުން އެގޮތް ބޭނުން ނުވާނަމަ އެ ސިފައިން ބައިތިއްބަން ބޭނުން ނުވާނެ ކަމަށެވެ. އަދި ރައްޔިތުން ވަނީ އެގޮތް ބޭނުން ނުވާ ކަމަށް ނިންމާފައި ކަމަށް މުއިއްޒު ވިދާޅުވިއެވެ. އަދި މުއިއްޒު ވިދާޅުވީ ދިވެހިންގެ އިހުސާސްތަކާ ދެކޮޅަށް، އަދި ރުހުމާ ދެކޮޅަށް ބޭރު ސިފައިންނަކަށް ރާއްޖޭގައި ނުތިބެވޭނެ ކަމަށާއި އޭނާ އާ ބައްދަލުކުރަން ވަޑައިގަންނަވާ ސަފީރުންނަށް ދަންނަވަން އޮތީ އެ ހަމަތަކުގެ މަތިން ވަރަށް ގާތްގުޅުން އޮންނާނެ ކަމަށެވެ.
މުއިއްޒު ވިދާޅުވީ ރާއްޖޭގައި ހަމައެކަނި ތިބީ ބޭރު ސިފައިން ނޫން ކަަމަށާއި އިގްތިސޯދުވެސް ވަނީ އަޅުވެތިވެފައި ކަމަށެވެ. އަދި ދަރަނީގެ ދެބައިކުޅަ އެއްބައި އޮތީ ވަކި ގައުމަކަށް ދަރާ ހުސްވެފައި ކަަމަށް ވެސް ވިދާޅުވިއެވެ. އަދި ރީތިކޮށް ޑިޕްލޮމަސީގެ އުސޫލުން ހުރިހާ ކަމެއްވެސް ހާސިލްވާނެ ކަމުގެ 100 ޕަސެންޓް ޔަގީންކަން އޮތް ކަމަށާއި ރައްޔިތުން އެދޭ ގޮތަށް އެކަން ހާސިލްކޮށް ނިންމައިދެއްވާނެ ކަަމަށް މުއިއްޒު ވިދާޅުވިއެވެ.
މުއިއްޒު ވިދާޅުވީ މި ގައުމަށް ހަމަ ޖެހުން އަންނަ ޖެހޭ ކަމަށާޢި މި ގައުމަކީ ވަކިވަކި މީހުންގެ މަސްލަހަތަށް ވުރެެ އަދި އެއްވެސް ސިޔާސީ ލީޑަރެއްގެ މަސްލަހަތަށްވުރެ އަދި ޕާޓީއަކަށް ވުރެ މާ އިސް މަސްލަހަތެއް ކަމަށާއި ގައުމުގެ މަސްލަހަތު އިސްކުރަން ޖެހޭ ކަމަށެވެ. އަދި އެ އަޒުމު ކަނޑައަޅަން ޖެހޭކަން ފާހަގަކުރައްވާ މުއިއްޒު ވިދާޅުވީ 30 ވަނަ ދުވަހު ވޯޓުގައި އެ މަސްލަހަތު އިސްކުރި ކަމަށާއި އެދެނީ ކޮންމެ ދުވަހަކީ އެ އަޒުމު ކޮންމެ ރައްޔިތެއްގެ ހިތުގެ އަޑިން ކަނޑައަޅާ، އުޅުންތަކާއި ގުޅުންތައް އެ ގޮތުގައި ބައްޓަން ކުރާ ދުވަހަކަށް ހަދުން ކަމަށެވެ.
މުއިއްޒު ވިދާޅުވީ ގައުމުގައި އިސްލާމްދީނަށް ނަސްރުދޭ އިސްލާމީ ވަންތަކަން ދިރުވާ އާލާ ކުރާ މުޖުތަމައު އަކަށް ހަދަން ކޮންމެ މީހަކުވެސް ބޭނުންވާ ކަމަށާއި އެކަން އިހުސާސް ވެވަޑައިގަތީ މާލެ ސިޓީގައި އީދު ދުވަހު ބޮކި ދިއްލާ ތަކުބީރު އިއްވުމުން ރައްޔިތުންގެ ހިތަށް ލިބުނު އުފަލާއި ފާޅު ކުރަމުން ދިޔަ ޝުއޫރުތަކާއި ނަގަމުންދިޔަ ސެލްޕީތަކާއި އެކިއެކި މީހުންނާ ބައްދަލުވެވަޑައިގަތުމުން ދެއްކި ވާހަކަތަކުން ކަމަށެވެ. އަދި ދެން އަންނަ ކޮންމެ އީދަކަށް ރާއްޖޭގެ ހުރިހާ ސިޓީތަމާއި ވެރިކަން ކުރާ ރަށްތަކުގައި އެެކަން ކުރައްވާނެ ކަމަށާއި ކެރި ފޯރުންތެރިކަން ހުރި މިންވަރަކުން އެހެން ރަށްތަކުގައި ވެސް އެކަން ކުރައްވާނެ ކަމަށް މުއިއްޒު ވިދާޅުވިއެވެ.
މުއިއްޒު ވިދާޅުވީ ގައުމުގައި ޅަ ދަރީން ގައުމިއްޔަތަށް ލޯބިކުރުވާ ވާހަކަތައް ދައްކަނީ ހަގީގީ މާނާގައި ކަމަށާއި ދިވެހި ބަސް ދެކެ ލޯބިވާން ޖެހޭ ކަމަށެވެ. އަދި މުއިއްޒުގެ ސަރުކާރެއްގައި ނިޒާމުގެ ތެރެއިން ގައުމުދެކެ ލޯބިވުން އެއީ ކޮންމެ އަފްރާދަކު އުފަލާއެކު އެކަކު އަނެކަކާ ދައްކާ ވާހަކައަކަށް ހައްދަވައިދެއްވާނެ ކަމަށާއި އެހެން ނޫނީ ހަގީގީ މާނާގައި ދިވެހިންގެ ރާއްޖެއެއް ނުލިބޭނެ ކަމަށް ވިދާޅުވިއެވެ.
މުއިއްޒު ވިދާޅުވީ މި ޓްރާންސިޝަން މުއްދަތުގައިވެސް ސަޕީރުން ބައްދަލުވުންތަކަށް އެދިވަޑައިގަންނަވަމުން ގެންދަވާ ކަމަށާއި އުސޫލުން ބައްދަލުކުރައްވާނެ ކަމަށެވެ. އަދި އިސްކުރައްވާނީ ދިވެހި ގައުމުގެ މަސްލަހަތު ހިމާޔަތް ކުރުން ކަމަށާއި ހާރިޖީ ސިޔާސަތަކީ "ޕްރޯ މޯލްޑިވްސް" ސިޔާސަތު ކަމަށް މުއިއްޒު ވިދާޅުވިއެވެ. އަދި ޕްރޯ މޯލްޑިވްސް ސިޔާސަތަށް ތަވާބާ ނަމަ ކޮންމެ ގައުމަކާ މެދުވެސް ގާތް ރަހުމަތްތެރި ގުޅުން އޮންނާނެ ކަމަށްވެސް މުއިއްޒު ވަނީ ވިދާޅުވެފައެވެ.