މާލެ ސިޓީ ކައުންސިލްގެ މޭޔަރުގެ ހައިސިއްޔަތު ހިދުމަތް ކުރައްވަމުން ޑރ. މުހައްމަދު މުއިއްޒު ހޯއްދެވި ކާމިޔާބީ އެ ކައުންސިލުން ފާހަކޮށް މަރުހަބާ ކިޔައިފިއެވެ.

މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ރިޔާސީ އިންތިހާބުގެ ދެވަނަ ބުރު، 54 ޕަސެންޓުން މުއިއްޒު ވަނީ ކާމިޔާބު ކުރައްވާފައެވެ.

އެކަން ފާހަގަކޮށް ސިޓީ ކައުންސިލުން ވަނީ މޭޔަރުގެ ހައިސިއްޔަތުން މާލޭ ސިޓީއަށާއި މާލޭ ސިޓީއަށް ޒިޔާރަތްކުރާ ފަރާތްތަކަށާއި އަދި ރާއްޖޭގެ އެހެން ބައެއް ރަށްރަށަށްވެސް ހިދުމަތް ކުރައްވަމުން ގެންދަވަމުން ރާއްޖޭގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވައި ވަރަށް ތަނަވަސް އަޣުލަބިއްޔަތަކުން އިންތިހާބު ކާމިޔާބުކުރެއްވީތީ ކައުންސިލްގެ ނަމުގައި މަރުހަބާ ދަންނަވާފައެވެ.

ސިޓީ ކައުންސިލުން ބުނީ މާލޭ ސިޓީގެ މޭޔަރު ކަމުގައި ހުންނަވައިގެން ފާއިތުވި ދެ އަހަރު ދުވަހު މާލޭ ސިޓީއަށް ހިދުމަތް ކުރެއްވުމުގައި ނުހަނު ބުރަކޮށް މަސައްކަތް ކުރައްވައި ސިޓީ ކައުންސިލްގެ ހިންގުން ރަނގަޅުކުރައްވައި ހަރުދަނާކުރައްވައި، ހިދުމަތްތައް ފުޅާކުރައްވައި ޒަމާނީ ހަލުވި ހިދުމަތްތަށް ތައާރަފް ކުރެއްވި ކަމަށެވެ.

ސިޓީ ކައުންސިލުން ބުނީ ލާމަރުކަޒީ ގާނޫނުން ލާޒިމްކުރާ ކަންކަން އޭގެ ފުރިހަމަ މަހުފޫމްގައި ތަރުތީބުން ކުރައްވާފައިވާ ކަމަށާއި ކައުންސިލްގެ އާމްދަނީ އިތުރުކުރައްވާފައިވާ ކަމަށެވެ. އަދި މުއިއްޒު ވަނީ ރައްޔިތުންގެ އަޑުއައްސަވައި، މަޝްވަރާ ކުރައްވާ ރައްޔިތުންގެ ގާތަށް ވަޑައިގެން ހާލުބައްލަވައި މަޝްވަރާ ބައްދަލުވުންތައް ވެސް ބާއްވާފައި ކަމަށރވެ.

އަފި އެ ކައުންސިލްގެ ޓީމް ގޮވައިގެން މުއިއްޒު މަސައްކަތްކުރެއްވި ދުވަސްތަކަކީ މުވައްޒަފުންނަށް އުފާވެރިކަން ގެނެސްދީ މުވައްޒަފުންގެ އަގުވަޒަންކޮށް މުވައްޒަފުންގެ ކުރިއެރުމަށް މަސައްކަތް ކުރެއްވި ދުވަސްތަކެއް ކަމަށެވެ. އަދި މުއިއްޒަކީ ޝައުގުވެރިކަމާއި މުރާލިކަމާއެކު ރައްޔިތުންނަށް ހިދުމަތްކުރެއްވުމުގައި ދެމިހުންނަވާ ބޭފުޅެއްކަން ފާހަގަކޮށް ސިޓީ ކައުންސިލުން ބުނީ މިއަދު ސިޓީ ކައުންސިލް ދޫކުރައްވައި ވަޑައިގަންނަވަނީ އެއަށްވުރެ މަތިވެރި އަމާނަތާ ހަވާލުވެވަޑައިގެން އެއަށްވުރެ މަތިވެރި ހިދުމަތްތަކެއް ގައުމަށް ކުރެއްވުމަށް ކަމުގައި ގަބޫލުކުރާ ކަމަށެވެ.

ސިޓީ ކައުންސިލުން އިތުރަށް ބުނީ މުއިއްޒުގެ ހިދުމަތުގެ ތެރޭގައި އެ ސިޓީވެސް ހިމެނިގެން ދިއުމަކީ ލިބޭ ޝަރަފެއްކަމަށެވެ.