އިންތިހާބީ ރައީސް، ޑރ. މުހައްމަދު މުއިއްޒު މިރޭ ސޯޝަލް ސެންޓަރުގައި ރައްޔިތުންނާ ބައްދަލުކުރައްވަން ނިންމައިފިއެވެ.
މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ރިޔާސީ އިންތިހާބުގައި ޕީއެންސީގެ ރިޔާސީ ޓިކެޓުގައި ވާދަކުރައްވާ އިންތިހާބު ކާމިޔާބު ކުރެއްވި ޑރ. މުއިއްޒު ރައްޔިތުންނާ ބައްދަލުކުރައްވަން ފުރަތަމަ ނިންމެވީ ރޭގެ 8:30 ގައެވެ. އާޓިފިޝަލް ބީޗުގައި ރޭ އެ ބައްދަލުވުން ތާވަލް ކުރި ނަމަވެސް މިރެއަށް ލަސްކޮށްފައި ވަނީ މޫސުން ތަންނުދިނުމުގެ ސަބަބުންނެވެ.
މިރޭ 8:30 އަށް ސޯޝަލް ސެންޓަރުގައި އެ ބައްދަލުވުން ތާވަލް ކޮށްފައި ވާއިރު ޕީޕީއެމްއިން ވަނީ އެ ބައްދަލުވުމަށް ހުރިހާ ރައްޔިތުންނަށް ދައުވަތު ދީފައެވެ.
ކުރިއަށް އޮތް ފަސް އަހަރަށް ރައީސަކު އިންތިހާބު ކުރުމަށް ބޭއްވި ރިޔާސީ އިންތިހާބުގައި ވޯޓު ލުމަށްޓަކައި ބެހެއްޓި 586 ފޮށީގެ ވަގުތީ ނަތީޖާ ދައްކާ ގޮތުން 19،291 ވޯޓުގެ ތަފާތުން ކުރި ހޯއްދެވީ މުއިއްޒެވެ. މުއިއްޒަށް 129،159 ވޯޓު ލިބިވަޑައިގެންނެވި އިރު ރައީސް ސޯލިހަށް ލިބިވަޑައިގެންފައި ވަނީ 109،868 ވޯޓެވެ.
މި އިންތިހާބުގެ ފުރަތަމަ ބުރުގައި ވެސް ރައީސްގެ މައްޗަށް 15 ހާސް ވޯޓުގެ ތަފާތަކުން ކުރި ހޯއްދެވި މުއިއްޒު ވަނީ އެ ބުރުގައި 101،635 ވޯޓު ހޯއްދަވާފައެވެ. ރައީސަށް އެ ބުރު ލިބިވަޑައިގަތީ 86،161 ވޯޓެވެ.
މުއިއްޒަކީ ރާއްޖޭގެ ދެވަނަ ޖުމްހޫރިއްޔާގެ ހަތްވަނަ ރައީސެވެ. އެހެންކަމުން މުއިއްޒަކީ ރާއްޖޭގެ އަށްވަނަ ރައީސެވެ. އަދި ކުރިއަށް އޮތް 5 އަހަރުގެ ނައިބު ރައީސްގެ މަގާމުގައި ހުންނަވާނީ ފަރެސްމާތޮޑާ ދާއިރާގެ މެންބަރު ހުސައިން މުހައްމަދު ލަތީފް (ސެންބެ) އެވެ.
ރިޔާސީ އިންތިހާބު ކާމިޔާބު ކުރައްވާ، އިންތިހާބީ ރައީސާ ވެރިކަމުގެ ބާރުތައް ހަވާލު ކުރަން ޖެހެނީ އެ ކަމަށް ހާއްސަ ގާނޫނުގެ ދަށުންނެވެ. އެ ގާނޫނުގެ ދަށުން އެ މުއްދަތުގައި ހާއްސަ އޮފީހެއް އުފައްދައި ގިނަ ކަންތައްތަކެއް ކުރަން އޮވެއެވެ.