ރިޔާސީ އިންތިހާބަށް ފަހު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ނޫސްވެރިންނާ ބައްދަލުކުރައްވަން ނިންމަވައިފިއެވެ.

ރައީސް ނޫސްވެރިންނާ ބައްދަލުކުރެއްވުމަށް ހަމަޖެހިފައިވަނީ މިއަދު 11 ޖަހާއިރު ރައީސް އޮފީހުގައެވެ.

ކުރިއަށް އޮތް ފަސް އަހަރަށް ރައީސަކު އިންތިހާބު ކުރުމަށް ބޭއްވި ރިޔާސީ އިންތިހާބުގައި ވޯޓު ލުމަށްޓަކައި ބެހެއްޓި 586 ފޮށީގެ ވަގުތީ ނަތީޖާ ދައްކާ ގޮތުން 19،291 ވޯޓުގެ ތަފާތުން ކުރީގައި އޮތީ މުއިއްޒެވެ. އެގޮތުން މުއިއްޒަށް ލިބިވަޑައިގެންފައި ވަނި 129،159 ވޯޓެވެ. އަދި ރައީސް ސޯލިހަށް ލިބިވަޑައިގެންފައި ވަނީ 109،868 ވޯޓެވެ.

މި އިންތިހާބުގެ ފުރަތަމަ ބުރުގައި ވެސް ރައީސްގެ މައްޗަށް 15 ހާސް ވޯޓުގެ ތަފާތަކުން ކުރި ހޯއްދެވި މުއިއްޒު ވަނީ އެ ބުރުގައި 101،635 ވޯޓު ހޯއްދަވައިފައެވެ. ރައީސަށް އެ ބުރު ލިބިވަޑައިގަތީ 86،161 ވޯޓެވެ.

އިންތިހާބަށްފަހު ރައީސް ސޯލިހު 'އެކްސް' ގައި ކުރެއްވި ޕޯސްޓެއްގައި ވަނީ އިންތިހާބު ކާމިޔާބުކުރެއްވި މުއިއްޒަށް މަރުހަބާ ދަންނަވައިފައެވެ. އަދި އިންތިހާބު ކުރިއަށް ދިޔަ ވަގުތު ރައްޔިތުން ރީތި ނަމޫނާ އެއް ދައްކާފައިވާ ކަން ފާހަގަކުރައްވައި ރައީސް ވަނީ އެމަނިކުފާނަށް ތާއީދުކޮށް ވޯޓު ދިން ރައްޔިތުންނަށް ޝުކުރު ދަންނަވައިފައެވެ.

ރައީސް ސޯލިހު އިއްޔެ ވަނީ އިންތިހާބީ ރައީސް ޑރ. މުއިއްޒާ ބައްދަލު ކުރައްވާފައެވެ. މި ބައްދަލުކުރެއްވުމުގެ ތަފްސީލުތައް ދެފަރާތުން ކުރެ ފަރާތަކުން އަދި ހާމަ ކުރައްވާފައި ނުވިނަމަވެސް މި ބައްދަލުވުމަކީ ކުރު ނަމަވެސް ރަސްމީ ބައްދަލުކުރެއްވުމެކެވެ. ގާތްގަނޑަކަށް ބައިގަޑިއެއްހާ އިރު ދެބޭފުޅުން ބައްދަލުކުރެއްވުމަށް ފަހު މުއިއްޒު ވަނީ ވަޑައިގެންފައެވެ.