އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒަށް، ސްރީލަންކާ އާއި ޕާކިސްތާން އަދި ޗައިނާއިިން ހޫނު މަރުހަބާއެއް ކިޔައިފިއެވެ.

މި ތިން ގައުމުން މުއިއްޒަށް މަރުހަބާ ކިޔަފައި މި ވަނީ އިއްޔެ ބޭއްވި ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުން 54 ޕަސެންޓް ވޯޓާއެކު މުއިއްޒު އިންތިހާބު ކާމިޔާބު ކުރެއްވުމުންނެވެ.

ޕާކިސްތާނުގެ ވަގުތީ ބޮޑުވަޒީރު އަންވަރުލް ހައްގު ކަކަރް ސޯޝަލް މީޑިއާ ޕްލެޓްފޯމް އެކްސްގައި ދެއްވި ބަޔާނެއްގައި ވަނީ މަރުހަބާ ވިދާޅުވެފައެވެ. އޭނާ ވިދާޅުވީ، ޕާކިސްތާނާއި ރާއްޖެއާ ދެމެދު އޮތް ގުޅުން އިތުރަށް ބަދަހި ކުރުމަށާއި ސަރަހައްދީ ގުޅުން އިތުރަށް ބަދަހިކުރުމަށް މުއިއްޒުއާ އެކު މަސައްކަތް ކުރެއްވުމަށް އުންމީދު ކުރައްވާ ކަމަށެވެ.

ހަމައެއާއެކު ލަންކާގެ ނޫސްތަކުގައި ރިޕޯޓް ކޮށްފައިވަ ގޮތުގައި އެ ގައުމުގެ ރައީސް ރަނިލް ވިކްރަމަސިންހަ ވަނީ މުއިއްޒަށް ފޯނުން ގުޅުއްވައި ތަހުނިޔާ ވިދާޅުވެފައެވެ. މި ފޯން ކޯލްގައި ރަނިލް ވަނީ، ދެ ގައުމުގެ ދެމެދުގައި އޮތް ގާތް ރަޙްމަތްތެރި ގުޅުން، ހަރުދަނާކޮށް އަދި ރަނގަޅު ގުޅުމަކަށް ބަދަލު ކުރެއްވުމަށް އެދިވަޑައިގަންނަވާ ކަމުގައި ވިދާޅުވެފައެވެ. ސްރީލަންކާ އާއި ރާއްޖޭގެ ރައްޔިތުންގެ ކުރިއެރުމަށް ދެބޭފުޅުން ގުޅިވަޑައިގެން މަސައްކަތް ކުރައްވާނެކަމުގެ ޔަގީންކަން ދެއްވާފައިވާ އިރު، އިގްތިސޯދީ ގުޅުން އިތުރަށް ބަދަހިކުރުމުގެ މުހިންމުކަމާ ބެހޭ ގޮތުން ވެސް ރަނިލް ވަނީ ވާހަކަފުޅު ދައްކަވާފައެވެ. ތައުލީމާއި ސިއްހީ ހިދުމަތާއި، ބައިލެޓްރަލް ވިޔަފާރީގެ ދާއިރާ އާއި، އިންވެސްޓްމަންޓް ފަދަ ތަފާތު ދާއިރާތައް ހިމެނޭ ގޮތަށް، ދެ ގައުމުގެ ދެމެދުގައި ކުރިއެރުމާއި ތަރައްގީ ގެނައުމަށާއި، ދެ ގައުމުގެ ދެމެދުގައި ގުޅުން ބަދަހިކުރުމާ ބެހޭ ގޮތުން ވެސް ވަނީ މަޝްވަރާ ކުރައްވާފައެވެ.

މީގެ އިތުރުން ރާއްޖޭގައި ހުންނަވާ ޗައިނާ ސަފީރު ވާން ލިޖިން ވަނީ ޑރ. މުއިއްޒަށް ތަހުނިޔާ ވިދާޅުވެ އެކްސްގައި ޕޯސްޓެއް ކުރައްވާފައެވެ.

މި އިންތިހާބުގެ ފުރަތަމަ ބުރުގައި ވެސް ރައީސްގެ މައްޗަށް 15 ހާސް ވޯޓުގެ ތަފާތަކުން ކުރި ހޯއްދެވި މުއިއްޒު ވަނީ އެ ބުރުގައި 101،635 ވޯޓު ހޯއްދަވާފައެވެ. ރައީސަށް އެ ބުރު ލިބިވަޑައިގަތީ 86،161 ވޯޓެވެ.

ދެވަނަ ބުރުގައި މި ތަފާތު ބޮޑުކުރައްވައި 19،291 ވޯޓުން މުއިއްޒު ކުރި ހޯއްދަވާފައި ވާ އިރު މިއީ ވާދަވެރި އިންތިހާބެއްގައި ބޮޑު ކޯލިޝަނަކަށް ނުވާ ކޯލިޝަނަކާއެކު އެކަނި އެއް ކެންޑިޑޭޓަކު ތަފާތު ބޮޑުކޮށް ކާމިޔާބު ކުރެއްވި އިންތިހާބެވެ. ދެވަނަ ބުރުގައި ޕީޕީއެމް އަދި ޕީއެންސީ އާ ކޯލިޝަން ހެދީ 2000 ވޯޓު ހަމަ ނުވާ އެމްއެންޕީންނެވެ.

ސްރީލަންކާ އާއި ޕާކިސްތަން އަދި ޗައިނާއިން މުއިއްޒަށް މަރުހަބާ ކިޔާފައިވާ އިރު، އެމެރިކާގެ އިތުރުން އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރާ މޯދީ ވެސް ވަނީ މުއިއްޒަށް މަރުހަބާ ވިދާޅުވެފައެވެ.