ނިމިދިޔަ ރިޔާސީ އިންތިހާބު ދެވަނަ ބުރުގެ ކެމްޕެއިން ތެރޭގައި ރިޝްވަތުގެ ކަޅު ފައިސާ ބަހާފައިވާ ކަމަށް ދެކެވޭ ވާހަކަތައް އެމްޑީޕީގެ ކެންޑިޑޭޓް އަދި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ދޮގު ކުރައްވައިފިއެވެ.

ރައީސް ސޯލިހު މިގޮތަށް ވިދާޅުވެފައި ވަނީ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ޥޯޓު ލެއްވުމަށްފަހު ނޫސްވެރިންނާ ބައްދަލު ކުރައްވާ 'ދަ ޕްރެސް' ގެ ނޫސްވެރިޔާ އަހުމަދު އިޔާދު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ. ރައީސް ސޯލިހު ވިދާޅުވީ ސޯޝަލް މީޑިއާގައި ތަފާތު ވާހަކަތައް ދެކެވެމުންދާ ކަން ހުދު އެމަނިކުފާނަށްވެސް އެނގިވަޑައިގަންނަވާ ކަމަށެވެ.

ނަމަވެސް އެމްޑީޕީގެ ފަރާތުން އެއްވެސް އިންތިހާބެއްގައި ފައިސާ ބަހާފައި ނުވާނެ ކަމަށާއި އަދި ހަމައެހެންމެ ގާނޫނާއި ގަވާއިދާ ހިލާފު އެއްވެސް ކަމެއް ނުކުރައްވާނެ ކަމުގެ ޔަގީންކަން އެމަނިކުފާނު ވަނީ ރައްޔިތުންނަށް އަރުއްވާފައެވެ.

މި އިންތިހާބުގައި ލިބޭނެ ޕަސެންޓާ މެދު އެއްޗެއް ދަންނަވަން ދަތި ކަމަށް ރައީސް ސޯލިހު ވިދާޅުވެފައި ވެއެވެ. ނަމަވެސް އިންތިހާބު ކާމިޔާބު ކުރައްވާނެ ކަމުގެ ފުރިހަމަ ޔަގީންކަން އެމަނިކުފާނަށް އޮތް ކަމަށް ތަކުރާރު ކޮށް ވިދާޅުވެފައި ވެއެވެ.

އެމްޑީޕީން ރިޝްވަތު ދީ ފައިސާ ބަހާ ކަމަށާއި ރޭ ވެސް އެ ފައިސާ ބަހާފައިވާ ކަމަށް ބުނެ ސޯޝަލް މީޑިއާގައި ވީޑިއޯތަކާއި ފޮޓޯތައް ދައުރުވެފައި ވެއެވެ. އަދި ހަމަ އެފަދައިން އިދިކޮޅު ފަރާތްތަކުންވެސް ރިޝްވަތުގެ ކަޅު ފައިސާ ބަހަމުންދާ ކަމަށް ބުނެ ވާހަކަ ފެތުރިފައިވެއެވެ.

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ވާދަކުރައްވާނީ ފުރަތަމަ ބުރުގައި 101،635 ވޯޓު ލިބިވަޑައިގެންނެވި ޕީއެންސީ ގެ ކެންޑިޑޭޓް ޑރ.މުހައްމަދު މުއިއްޒު އާއި އަދި 86،161 ވޯޓު ލިބިވަޑައިގެންނެވި އެމްޑީޕީގެ ކެންޑިޑޭޓް ރައީސް އިބްރާހީމް މުހައްމަދު ސޯލިހްއެވެ.

ރިޔާސީ އިންތިހާބުގެ 2 ވަނަ ބުރުގެ ވޯޓުލުން މިއަދު ހަނދުނު 8 ޖެހިއިރު ފަށާފައިވާއިރު ވޯޓުލުން މިއަދު ހަވީރު 5:00 އާ ހަމައަށް ކުރިއަށް ދާނެއެވެ. މި އިންތިހާބުގައި ވޯޓުލުމުގެ ހައްގު 282,394 މީހުންނަށް ލިބުނުއިރު ދެވަނަ ބުރުގައި އަލަށް ވޯޓުލެވޭ 409 މީހުންނާއެކު ޖުމްލަ 282,804 މީހުންނަށް ވޯޓުލުމުގެ ހައްގު ލިބިގެންވެއެވެ.

ފުރަތަމަ ބުރުގައި ބެހެއްޓި 574 ވޯޓު ފޮށީގެ އިތުރަށް މި ބުރުގައި 12 ފޮށި ބަހައްޓާފައި ވެއެވެ. އެއީ އަތޮޅުތަކުގައި 319 ފޮށްޓާއި، މާލެ ސަރަހައްދުގައި 187 ފޮށްޓާއި، ރިސޯޓުތަކުގައި 65 ފޮށީގެ އިތުރުން، ރާއްޖޭން ބޭރުގައި 9 ފޮށްޓެވެ. އަދި ހަމައެހެންމެ ޖަލުތަކުގައި 5 ފޮށި ބަހައްޓާފައިވާއިރު ސިނާއީ ސަރަހައްދުގައި 1 ފޮށި ވަނީ ބަހައްޓާފައެވެ.