އިދިކޮޅު ޕީއެންސީގެ ކެންޑިޑޭޓް އަދި މާލޭ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ވޯޓު ލައްވައިފިއެވެ.
މުއިއްޒު ވޯޓު ލައްވާފައި ވަނީ ތާޖުއްދީން ސްކޫލު ހޯލުގައި ބަހައްޓާފައިވާ މާފަންދު ދެކުނު ދާއިރާގެ އެއް ނަންބަރު ވޯޓު ފޮއްޓަށެވެ. މުއިއްޒު ވޯޓު ލައްވާފައި ވާއިރު އޭނާގެ ރަނިންމޭޓް އަދި ފަރެސްމާތޮޑާ ދާއިރާގެ މެންބަރު ހުސައިން މުހައްމަދު ލަތީފް (ސެންބެ) ވެސް ވަނީ ދާދި ދެންމެ އަކު ވޯޓު ލައްވާފައެވެ.
ދެން އިންތިހާބުގައި ވާދަކުރައްވާ ކެންޑިޑޭޓް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އެމަނިކުފާނުގެ ރަނިންމޭޓް ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް ވޯޓުލައްވަން ވަޑައިގަންނަވާނީ ހެނދުނު 10:00ގެ ފަހުންނެވެ.
ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ވާދަކުރައްވާނީ ފުރަތަމަ ބުރުގައި 101،635 ވޯޓު ލިބިވަޑައިގެންނެވި ޕީއެންސީ ގެ ކެންޑިޑޭޓް ޑރ.މުހައްމަދު މުއިއްޒު އާއި އަދި 86،161 ވޯޓު ލިބިވަޑައިގެންނެވި އެމްޑީޕީގެ ކެންޑިޑޭޓް ރައީސް އިބްރާހީމް މުހައްމަދު ސޯލިހްއެވެ.
ރިޔާސީ އިންތިހާބުގެ ވޯޓުލުން މިއަދު 8 ޖަހާއިރު ފަށާފައިވާއިރު މި އިންތިހާބުގައި ވޯޓުލުމުގެ ހައްގު 282,394 މީހުންނަށް ލިބުނުއިރު ދެވަނަ ބުރުގައި އަލަށް ވޯޓުލެވޭ 409 މީހުންނާއެކު ޖުމްލަ 282,804 މީހުންނަށް ވޯޓުލުމުގެ ހައްގު ލިބިގެންވެއެވެ. ވޯޓު ލުން ކުރިއަށްދާނީ މިއަދު ހަވީރު 05:00 ނިޔަލަށެވެ.
ފުރަތަމަ ބުރުގައި ބެހެއްޓި 574 ވޯޓު ފޮށީގެ އިތުރަށް މި ބުރުގައި 12 ފޮށި ބަހައްޓާފައި ވެއެވެ. އެއީ އަތޮޅުތަކުގައި 319 ފޮށްޓާއި، މާލެ ސަރަހައްދުގައި 187 ފޮށްޓާއި، ރިސޯޓުތަކުގައި 65 ފޮށީގެ އިތުރުން، ރާއްޖޭން ބޭރުގައި 9 ފޮށްޓެވެ. އަދި ހަމައެހެންމެ ޖަލުތަކުގައި 5 ފޮށި ބަހައްޓާފައިވާއިރު ސިނާއީ ސަރަހައްދުގައި 1 ފޮށި ވަނީ ބަހައްޓާފައެވެ.
ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ގިނަ ބަޔަކު ވޯޓުލާފައި ނުވާއިރު އިންތިހާބުގެ ދެވަނަ ބުރުގައި ވޯޓުލުމަށް 50،047 މީހުން ވަނީ ރީ-ރަޖިސްޓްރީވުމަށް ފޯމު ހުށަހާފައެވެ.