އިންޑިއާގެ ޕަންޖާބުގައި 'ހާލިސްތާން' ގެ ނަމުގައި ވަކި ދައުލަތެއް ގާއިމު ކުރުމަށް މަސައްކަތް ކުރާ ސިކުންގެ އިސް ލީޑަރެއް ކަމަށް ވާ ހަރްދީޕް ސިންގް ނިއްޖާރުގެ މަރާއެކު އުފެދިގެން ދިޔަ ނުތަނަވަސްކަމުގެ ތެރޭގައި، ޓެރަރިސްޓުން ހޯދުމުގެ ނަމުގައި މުޅި އިންޑިއާގައި އަތްފުނާއަޅައިފިއެވެ.

ހާލިސްތާން އަކީ ޓެރަރިސްޓް ޖަމާއަތެއްގެ ގޮތުގައި އިންޑިއާ ސަރުކާރުން ކަނޑއަޅާފައި ވާ ޖަމާއަތެކެވެ.

އިންޑިއާގެ އޮފިޝަލުން ބުނީ، 7 ސްޓޭޓަކާއި ޔޫނިއަން ޓެރިޓޮރީ [ސަރަހައްދު] ހިމެނޭހެން 53 ތަނެއް ބަލައި ފާސް ކޮށްފައި ވާ ކަމަށާއި އެއީ ސިކުންނާ ގުޅިފައި ވާ ޓެރަރިސްޓުންނާއި ގޭންގްސްޓާރުން ހޯދުމަށް ހިންގި ހަރަކާތެއް ކަމަށެވެ.

ނެޝަނަލް އިންވެސްޓިގޭޓިވް އެޖެންސީ (އެންއައިއޭ) އިން ބުނީ، މި ރެއިޑް [ބަލައި ފާސްކުރުމުގައި] ގިނަ އަދަދެއްގެ ހަތިޔާރާއި، ގޮވާތަކެތި އަދި އިލެކްތްރޯނިކް ޑިވައިސްތައް އަތުލާފައި ވާ ކަމަށެވެ. އަދި ހައްޔަރު ކޮށްފައި ތިބި މީހުންގެ ތެރޭގައި 'ހާލިސްތާން' އާ ގުޅުން އޮތްކަމަށް ޝައްކު ކުރެވޭ މީހުން ހިމެނޭ ކަމަށް ވެސް ބުނެފައި ވެއެވެ.

ޓެރަރިސްޓުންނާއި ގޭންގްސްޓާރުން ހޯދަން ފުޅާ އޮޕަރޭޝަނެއް އިންޑިއާގެ އިދާރާތަކުން ހިންގި މި ދަނޑިވަޅަކީ، ކެނެޑާގައި ދިރިއުޅޭ ހަރްދީޕް މަރާލި މައްސަލައިގައި، އިންޑިއާ ބައިވެރިވާ ކަމަށް ކެނެޑާގެ ބޮޑުވަޒީރު ޖަސްޓިން ޓްރޫޑޯ ވިދާޅުވުމުން ދެގައުމުގެ ދެމެދުގައި ބަހުގެ ހަމަލާތައް ބަދަލުކޮށް ގުޅުން ހީނަރުވެފައި ވާ ވަގުތެކެވެ.

މި ތިހުމަތުތައް އިންޑިއާއިން ދޮގުކޮށް ބުނެފައި ވަނީ، ކެނެޑާއަކީ ޓެރަރިސްޓުންނަށް ހިމާޔަތް ދޭ ގައުމެއް ކަމަށާއި، ހަރްދީޕަކީވެސް ޓެރަރިސްޓަކަށް ވާއިރު، އޭނާ އިންޑިއާއާ ހަވާލުކުރުމަށް މީގެ ކުރިން އެދިފައި ވީނަމަވެސް ކެނެޑާއިން އެކަން ކޮށްފައި ނުވާ ކަމަށެވެ.

އިންޑިއާއިން ބުނީ، ފުޅާ ދާއިރާއެއްގައި ހިންގި ރެއިޑްގައި ރާވައިގެން މީހުން މެރުމާއި ޓެރަރިޒަމަށް ފަންޑު ކުރުން ފަދަ ކަންކަމަށް ވެސް ތުހުމަތު ކުރެވިގެން ބެލި ކަމަށާއި އެފަދަ މީހުންނާއި ޖަމާއަތްތަކާ ގުޅިފައިވާ މީހުން ބޭރު ގައުމުތައް ކަމަށް ވާ ޕާކިސްތާން، ކެނެޑާ، މެލޭޝިއާ، ޕޯޗުގަލް އަދި އޮސްޓްރޭލިއާ ގައިވެސް ތިބިކަމަށް ބެލެވޭ ކަމަށެވެ.

"މީގެ ކުރިން ގޭންގްތައް އޮޕަރޭޓް ކުރި ކިތަންމެ ބަޔަކު ގައުމު ދޫކޮށް ފިލާފައި ވޭ، އެމީހުން ރޭވިގެން މީހުން މެރުން ފަދަ ބޮޑެތި ޖަރީމާތައް ހިންގުމަށް ފަންޑު ކުރޭ، ބައެއް މީހުން އިންޑިއާގެ ޖަލުތަކުގައި ތިބި އެމީހުންނާ ގުޅުން ހުރި ކުށްވެރިންގެ ބޭނުން ވެސް ހިފާ"
އެންއައިއޭ އޮފިޝަލް

މި އޮޕަރޭޝަން ހިންގި މައިގަނޑު ބައެއް ސިޓީތަކުގެ ތެރޭގައި ޕަންޖާބު، ހަރްޔާނާ، އުއްތަރް ޕްރަދޭޝް، ރާޖަސްތާން އަދި އުއްތަރްކާންދްގެ އިތުރުން ދިއްލީއާއި ޗައްދީޝްގަރް ހިމެނެއެވެ.