'ބިންވެރިޔާ' ސްކީމްގެ ދަށުން މާލެ ސަރަހައްދުން ދޫކުރުމަށް ނިންމާފައިވާ ހުރިހާ ގޯތީގެ އިން ވަކިކޮށް ނޮވެމްބަރު މަހުގެ 5 ވަނަ ދުވަހުގެ ކުރިން ގޯތީގެ ރަޖިސްޓްރީ ހަވާލުކުރާނެ ކަމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އަދި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ސަޕޯޓަރުންނާ އެކު ރޭ މާލޭގައި ބޭއްވި ކަންމަތީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ސޯލިހު ވިދާޅުވީ، ފާއިތުވި 40 އަހަރުގެ ތެރޭގައި މާލޭގެ ރައްޔިތުންނަށް ގޯއްޗެއް ދޭން ކެރުނު ސަރުކާރަކީ ހަމައެކަނި މި ސަރުކާރު ކަމަށެވެ. އަދި މާލޭގައި ދިރިއުޅޭ ރައްޔިތުންގެ ބޯހިޔާވަހިކަމަށް ހައްލު ހޯދައިދިނުމަކީ އެމަނިކުފާނު ވެވަޑައިގެންނެވި ވައުދުފުޅެއް ކަމަށާއި، އެކަން މިހާރު ކުރިއަށްދާ ކަމަށެވެ.

އެގޮތުން ގޯތި ލިބޭ ހުރިހާ ފަރާތްތަކަށް މި ދައުރު ނިމުމުގެ ކުރިން ބިން ކަނޑައި ތަން ހަވާލު ކުރާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

"އަޅުގަނޑުމެން މި ރޭ ވެސް މި ޔަގީން ކަން އަރުވަނީ މި ދައުރުގެ ތެރޭގައި ފަހެއް ނޮވެމްބަރަށް އަޅުގަނޑުމެން މިހާރު މި ދޫކޮށްފައި ހުރި ހުރިހާ ގޯތިތަކެއްގެ އިން ވަކިކޮށް ބިން ކަނޑައި އެ ބޭފުޅުންނަށް ރަޖިސްޓްރީ ހަވާލު ކުރާނަން."
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

އަދި ދެވަނަ ދައުރަކަށް އިންތިހާބުވެއްޖެ ނަމަ ދޫކުރެވުނު ގޯތި ތަކުގައި އިމާރާތް ކުރެވޭނެ އިންތިޒާމް ހަމަޖައްސާ ދެއްވާނެ ކަމަށް ރައީސް ސޯލިހު ވަނީ ވިދާޅުވެފައެވެ. "ގޯތިތައް އިމާރާތް ކުރެވޭނެ ގޮތް ހަދާ ދީ އެފައިސާ އަނބުރާ ދެއްކޭނެ ގޮތް އަޅުގަނޑުމެން ހައުސިން ބޭންކުގެ ތެރެއިން އެ ފައިސާ ރާއްޖޭގެ ރައްޔިތުންނަށް ލިބޭނެ ގޮތް އިރާދަ ކުރެއްވިއްޔާ ހަދާނަން" ސޯލިހު ވިދާޅުވިއެވެ.

މާލެ އަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކުރުމުގެ ގޮތުން ސަރުކާރުން ހުޅުވާލި ގެދޮރުވެރިޔާ ސްކީމްގެ ފުރަތަމަ ފިޔަވަހީގައި 20،697 މީހުން ކުރިމަތިލާފައި ވެއެވެ. އޭގެ ތެރޭގައި ހިމެނެނީ ތިން ކޮޓަރީގެ ފްލެޓުތަކަށް ކުރިމަތިލީ 14،489 ފަރާތަކާއި، ދެ ކޮޓަރީގެ ފްލެޓްތަކަށް ކުރިމަތިލީ 6،208 ފަރާތެކެވެ.

ދާދިފަހުން ސަރުކާރުން ވަނީ އުތުރު ތިލަފަޅުން 4،000 ގޯތި ދޫކުރަން ނިންމައި، 'ބިންވެރިޔާ' ސްކީމާއި 'ގެދޮރުވެރިޔާ' ސްކީމްގެ ދަށުން ގޯއްޗާއި ފްލެޓަށް ކުރިމަތިލުމަށް ހުޅުވާލައިފައެވެ. ސަރުކާރުން އެ ފުރުސަތު ހުޅުވާލާފައި ވަނީ 'ގެދޮރުވެރިން ޕޯޓަލް' މެދުވެރިކޮށް، އިއްޔެއިން ފެށިގެން އަންނަ މަހުގެ 24 ގެ މެންދުރުފަހު 3 ޖެހުމާ ހަމައަށް ފޯމު ހުށަހަޅާ ގޮތަށެވެ.