އިންޑިއާގައި ނަސްލީ ތަޅާފޮޅުން ބޮޑު މަނިޕޫރުގައި މެއިޓީ ދަރިކޮޅަށް ނިސްބަތްވާ ދެ ކުއްޖަކު ވަގަށް ނަގާ މަރާލި މައްސަލައެއްގައި ހަމަނުޖެހުން ހިނގަން ފެށުމުން ކާފިއު ހިންގައިފިއެވެ.
އެގޮތުން ވެރިރަށް ދިއްލީ އާއި އިންޑިއާގެ އެކި ސަރަހައްދުތަކުގެ އިތުރުން ހަމަނުޖެހުން ހިނގަމުން ދާ މަނިޕޫރުގައި ވަނީ ޚާއިފު ހިންގާފައެވެ.
މިޔަންމާއާ ބޯޑަރުން ގުޅޭ ހިސާބު އިރުމަތީ ބިތުގައި އޮންނަ މަނިޕޫރުގައި ހަމަނުޖެހުން ހިނގަނީ ބިމުގެ މައްސަލައިގައާއި، ވަޒީފާއާއި ސިޔާސީ މަންފާ އެއް ބަޔަކަށް ވުރެ ބޮޑަށް އަނެއް ބަޔަކަށް ލިބޭތީއެވެ. ހަމަނުޖެހުން ހިނގަމުން ދަނީ މައިގަނޑު ދެ ދަރިކޮޅެއްގެ ދެމެދުގައެވެ. އެއް ދަރިކޮޅަކީ ނުވަތަ ގަބީލާއަކީ މެއިޓީއެވެ. އެއީ މަނިޕޫރުގައި ހިމެނޭ 3.2 މިލިއަން މީހުންގެ އާބާދީގެ މެޖޯރިޓީ ދަރިކޮޅެވެ. ދެވަނައަށް އެންމެ ބޮޑީ ކޫކީ ޒޯ ކޮމިއުނިޓީ ނުވަތަ ދަރިކޮޅެވެ. އެއީ ގާތްގަނޑަކަށް އާބާދީގެ 40 ޕަސެންޓެވެ.
މިދިޔަ މެއި މަހު ފެށުނު ހަމަނުޖެހުން ދިގުލަމުން ގޮސް މިހާ ހިސާބަށް އައިއިރު ދެފަރާތުގެ ތަޅާ ފޮޅުމުގައި 180 މީހަކު ވަނީ މަރުވެފައެވެ. ގެދޮރުގައި ރޯކޮށް ހުޅުޖަހާ، މީހުންގެ މުދަލާއި ތަކެއްޗަށް ގެއްލުން ދީ އަނިޔާވެރި އެތައް އަމަލުތަކެއް ހިންގާފައި ވާ އިރު، 50،000 އެއްހާ މީހުން ވަނީ މަނިޕޫރު ދޫކޮށް އެހެން ސަރަހައްދުތަކަށް ހިޖުރަވެސް ކޮށްފައެވެ.
މަނިޕޫރުގެ މައްސަލަ ހޫނުވެ ބޮޑު ލޭ އޮހޮރުވުމެއް ފެށިގެން ހިނގައިދާނެ ފަދަ ހާލަތެއް އުފަންވުމާއެކު ފުލުހުންނާއި ސިފައިން ހަތިޔާރާއެކު އަރާ މަޝްރަހް ކޮންޓްރޯލް ކުރަމުން އަންނަނިކޮށް، މިފަހަރު އުފެދުނު މައްސަލައަކީ، ބައިގިނަ މެއިޓީ ދަރިކޮޅުގެ ދެމީހަކު ވަގަށް ނަގާ މަރާލުމުން އުފެދުނު މައްސަލައެކެވެ. މި ހަމަނުޖެހުމުގައި މިހާތަނަށް 80 މީހަކަށް އަނިޔާވެފައި ވާ އިރު، ބޯދެތި މުޒާހަރާތައް ވެސް ވަނީ ފަށާފައެވެ.
މި ހާދިސާގެ ޒިންމާ މިއޭޓީން އަޅުވާފައި ވަނީ ކޫކީ ޒޯގެ ބޮލުގައެވެ. ނަމަވެސް އެ ދަރިކޮޅުގެ ލީޑަރުން ބުނެފައި ވަނީ އެކަމާ އެއްޗެއް ބުނަން އެނގޭނީ ކަންހިނގިގޮތް ދެގެނެގަންފައި ކަމަށެވެ. އިދިކޮޅު ކޮންގްރެސް އިން ބުނެފައި ވަނީ، މަނިޕޫރުގެ ހަމަނުޖެހުން ކޮންޓްރޯލް ކުރުމުގައި ވެރިކަން ކުރާ ބީޖޭޕީ ފެއިލްވެފައި ވާ ކަމަށެވެ.
މަނިޕޫރުގެ ހަމަނުޖެހުން ނުހިއްޓި ކުރިއަށް ދާ އިރު، މީގެ ކުރިން، ދެ އަންހެނަކު ބަރަހަނާކޮށް މަގުމަތީގައި ހިންގާ، އަނިޔާކޮށް، މަގުގެ އެއްފަރާތުގެ ވިނަގަނޑުގެ ތެރެއަށް އެއްލާލި މައްސަލައެއް ވެސް ހޫނުވެގެން ދިޔައެވެ.
މި ކަމުގައި އިސްކޮށް ހުރި ހިންދޫ މެއިޓީ ދަރިކޮޅަށް ނިސްބަތްވާ ކުއިރަމް ހެރޮދާސް ގެ ގޭގައި އެ އަވަށުގެ އަންހެން ވެރިން ނިކުމެ ރޯވެސް ކޮށްލިއެވެ.