ތިނަދޫ ސިޓީއަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކުރުމަށްޓަކައި ބިން ހިއްކުމުގެ ބޮޑު މަޝްރޫއުއެއް ފަށްޓަވާނެކަމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ، ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ކެމްޕޭން ދަތުރުފުޅުގެ ތެރެއިން އިއްޔެ ތިނަދޫއަށް ވަޑައިގެން އެސިޓީގައި ބޭއްވި ކެމްޕޭން ޖަލްސާގައި ވާހަކަފުޅުދައްކަވަމުންނެވެ.
ރައީސް ސޯލިހު ވިދާޅުވީ، ކުރިން ތިނަދޫގައި 500 ހައުސިން ޔުނިޓް ނުވަތަ ރޯހައުސް އެޅުމަށް ނިންމެވިނަމަވެސް މިހާރު ތިނަދޫގައި ބޯހިޔާވަހިކަމުގެ ފުރިހަމަ ހައްލެއް ލިބޭ ފަދަ ބިޔަ މަޝްރޫއުއެއް ކުރިއަށްގެންދަވާނެ ކަމަށެވެ. އަދި ތިނަދޫ ބިން ހިއްކުމުގެ މަޝްރޫއުގެ ދަށުން ހޫޓި ކަނޑުގެ ބައްތިއާ ހަމައަށް ބިން އިތުރުކޮށްދެއްވާނެ ކަމަށް ރައީސް ފާހަގަކުރެއްވިއެވެ.
ރައީސް އިތުރަށް ވިދާޅުވީ، މެނިފެސްޓޯގައި ހިމަނާފައިވާ ގޮތަށް ބިން ހިއްކައިގެން ތިނަދޫ ކައިރީގައި އިންޓަނޭޝަނަލް އެއާޕޯޓެއް އަޅާނެ ކަމަށެވެ،
ހަމައެހެންމެ ޕެންޝަންގައި ހުރި ފައިސާ އިން ބޯހިޔާވަހިކަމަށް ހައުސިން ލޯނު ލިބޭނެ އުސޫލު ތިނަދޫ އަށް ވެސް ފަހިކޮށްދޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ސޯލިހު ވަނީ އައްޑޫ ސިޓީ، ފުވައްމުލަކު ސިޓީ އަދި ތިނަދޫ ސިޓީއަށް އިއްޔެ ކުރެއްވި ދަތުރުފުޅުން ފެނިވަޑައިގަތީ އިންތިހާބުގެ ނަތީޖާއަށް ވަރަށް ބޮޑު ބަދަލެއް އަންނާނެ ތަން ކަމަށް ވިދާޅުވެފައެވެ.
ރައީސް ވިދާޅުވީ، ރިޔާސީ ކެމްޕެއިންގެ ދެވަނަ ބުރުގައި އެމްޑީޕީގެ ޓީމްތަކުން މަސައްކަތް ކުރަމުން އަންނަނީ އިންތިހާބުގެ ފުރަތަމަ ބުރާ ހިލާފަށް މާ އޮގަނައިޒްކޮށް ކަމަށެވެ. އެކަމުގެ ނަތީޖާ އަންނަ ހޮނިހިރު ދުވަހު އޮންނަ އިންތިހާބުން ފެންނާނެ ކަމުގެ ޔަގީންކަން އެބަ އޮތް ކަމަށް ރައީސް ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން ދެކުނު ތިން ސިޓީއަށް ކުރެއްވި ދަތުރުފުޅުން ފެނިވަޑައިގެންނެވީ އެ ތިން ސިޓީން ވެސް ކުރިއާ އަޅާބަލާއިރު ބޮޑު ތަފާތު ފެނިގެންދާނެ ތަން ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.
މިމަހު 30 ވަނަ ދުވަހު ބޭއްވި ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގެ ނަތީޖާ ދައްކާ ގޮތުން ޑރ. މުހައްމަދު މުއިއްޒު އަށް 101،635 (46.06 ޕަސެންޓް) ވޯޓު ލިބިވަަަޑައިގެންފައި ވާއިރު، އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އަށް ލިބިވަޑައިގެންފައި ވަނީ 86،161 (39.05 ޕަސެންޓް) ވޯޓެވެ.