މިހާރު ވަގުތީ މޮޑަލްއެއް ފެންނަން އޮތަސް ހުޅުދޫ-ހިތަދޫ ބްރިޖް ހަގީގަތަކަށް ހައްދަވައި ދެއްވާނެ ކަމަށް އިދިކޮޅު ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް، ޑރ. މުހައްމަދު މުއިއްޒު ވިދާޅުވިއެވެ.
މުއިއްޒު މިހެން ވިދާޅުވީ، އަންނަ ހޮނިހިރު ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ކެމްޕެއިނަށް މިހާރު އައްޑޫ ސިޓީއަށް ވަޑައިގެން އެ ސިޓީގެ ހުޅުދޫގައި މިރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.
ހުޅުދޫއާއި ހިތަދޫ ގުޅުވާ ބްރިޖަކީ ހުޅުދޫ އަދި މީދޫ މީހުން ދެކޭ ވަރަށް ބޮޑު ހުވަފެކެވެ. މިރޭގެ ޖަލްސާގެ ޕޯޑިއަމް ހަދާފައި ވަނީ ވެސް ބްރިޖްގެ މޮޑެލްއަކަށެވެ. އެކަން ފާހަގަކުރައްވާ މުއިއްޒު ވިދާޅުވި ބްރިޖް މަތީގައި ޑަމީ ވެހިކަލްވެސް ބަހައްޓާފައި ހުރި ކަމަށާއި މިހާރު މިހެން [ފެންނަން އޮތް މޮޑެލް] ފެނުނަސް އެ ބްރިޖް ހަގީގަތަކަށް ހައްދަވައި ދެއްވާނެ ކަމަށެވެ.
މިރޭ ހުޅުދޫގެ ގިނަ އަދަދެއްގެ ޒުވާނުން ޕީޕީއެމްއާ ގުޅުނުކަން ފާހަގަކުރައްވާ މުއިއްޒު ވިދާޅުވީ ފައްޓަވައިގެން އުޅުއްވާ މަސައްކަތުގައި ރާއްޖޭގެ އެކި ކަންކޮޅުތަކުން މީހުން ގުޅެމުންދާ ކަމަށާއި ހާއްސަކޮށް އެމްޑީޕީގައި އެތައް ދުވަހަކު މަސައްކަތްކޮށްފައި ތިބި މީހުން ގައުމީ ވިސްނުމުގައި ޕީޕީއެމްއާ ގުޅެމުންދާ ކަމަށެވެ. އަދި ފައްޓަވައިގެން އުޅުއްވަނީ ގައުމީ ދަތުރެއް ކަމަށާއި އެ ދަތުރަކީ ދިވެހިންގެ ރާއްޖެއަކަށް ދާން ފަށްޓަވައިގެން އުޅުއްވާ ދަތުރެއް ކަމަށް މުއިއްޒު ވިދާޅުވިއެވެ.
މުއިއްޒު ވަނީ ޕާޓީ ބަދަލު ނުކުރުމަކީ ހޮނިހިރު ދުވަހު ވޯޓުދޭން އޮތް ހުރަހެއް ނޫން ކަމަށާއި ކޮންމެ ރައްޔިތަކީ ގައުމުދެކެ ލޯބިވާ ދިވެހި ލޮބުވެތި ރައްޔިތެއް ކަމަށާއި ގައުމުގެ ވިސްނުން އިސްކުރަން ގޮވާލައްވާފައެވެ.
މުއިއްޒު ވިދާޅުވީ މިއަދު ލޯ ކުރި މަތިން ފެންނަމުން ދަނީ ގައުމަށް ވާގޮތް ކަމަށާއި މިނިވަންކަމުގެ ޔަގީންކަމެއް ނެތް ކަމަށެވެ. އަދި އަމިއްލަ ބާރެއް ނެތްކަން ހުރިހާ ކަމަކުން ފެންނަމުން ދާކަމަށް ވިދާޅުވެ އޭނާ ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ. އެހެން ކަމުން ގައުމީ ވިސްނުން އިސްކޮށް އޭނާ އިންތިހާބު ކޮށްދީފިނަމަ މި ގައުމުގެ މިނިވަންކަން ޔަގީން ކޮށްދެއްވާނެ ކަމަށް މުއިއްޒު ވިދާޅުވިއެވެ.
އެއަށްފަހު ގައުމުގެ އިގްތިސޯދު މިނިވަން ކޮށްދެއްވާނެ ކަމަށާއި މިހާރު ދަރަނި އޮތީ އެތައް ބިލިއަން ރުފިޔާއަކަށް އަރާފައި ކަމަށް މުއިއްޒު ވަނީ ވިދާޅުވެފައެވެ.
މުއިއްޒު ވިދާޅުވީ އެ ޖަލްސާއަކީ އިންތިހާބުގެ ކުރިން މާލެ ސިޓީއިން ބޭރުގައި ބާއްވާ އެންމެ ފަހު ޖަލްސާ ކަމަށާއި ވިދާޅުވާން އޮތް ވާހަކަ އަކީ ގައުމުގެ ވާހަކަ ކަމަށާއި އެ ވާހަކަ ވިދާޅުވެވެނީ އެހެން ހުރިހާ ކަމަކަށް ވުރެ އެކަން ބޮޑުވުން ކަމަށް މުއިއްޒު ވިދާޅުވިއެވެ.
މުއިއްޒު ވިދާޅުވީ އިންތިހާބު ކޮށްދީފިނަމަ ފުރަތަމަ ފަށްޓަވާނީ ގައުމީ މަސައްކަތް ކަމަށާއި އެއަށްވުރެ މުހިއްމު ކަމެއް ނެތް ކަމަށެވެ. އަދި އެ ރަށުގައި ފެންވަރު ރަނގަޅު މަސް ފެކްޓްރީތަކާއި ބްރިޖްވެސް އެޅިދާނެ ކަމަށާއި އެހެންނަމަވެސް އެއަށްވުރެ ގައުމީ ޒިންމާ އަދާކުރުމަށާޢި ގައުމު އިސްކުރަން ޖެހޭ ކަމަށް މުއިއްޒު ވިދާޅުވިއެވެ.
މުއިއްޒު ވިދާޅުވީ ވައުދުތައް ތަކުރާރު ނުކުރެއްވި ނަމަވެސް ހުޅުދޫގައި އެންމެ ފުރަތަމަ ދެއްކެވި ވާހަކަ އެ ގޮތަށް ފުރިހަމަ ކޮށްދެއްވާނެ ކަމަށް ވިދާޅުވެފައެވެ.
މުއިއްޒު ވިދާޅުވީ ކޮންމެ ވާހަކަވެސް ދައްކަވަނީ ވިސްނައި ވަޑައިގެންނެވުމަށް ފަހު، ޒިންމާދާރު ކަމާ އެކީގައި ކަމަށެވެ. އަދި އެ ނޫން ގޮތަކަށް އެއްވެސް ވާހަކައެއް ނުދައްކަވާނެ ކަމަށް މުއިއްްޒު ވިދާޅުވިއެވެ.
ހުޅުދޫ އާއި ހިތަދޫ ގުޅައިދެއްވުމަކީ ރައީސް ޔާމީންގެ ވެސް ވައުދުފުޅެކެވެ. އެހެންނަަމަވެސް ޖަލު ބަންދެއްގައި ހުންނެވުމުގެ ސަބަބުން މި އަހަރުގެ އިންތިހާބުގައި ރައީސް ޔާމީނަށް ވަނީ ބައިވެރި ވެވަޑައިގެންނެވޭ ގޮތް ނުވެފައެވެ.