ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ކެމްޕެއިނަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު މިއަދު ފުވައްމުލަކު ސިޓީއަށް ވަޑައިގެންފިއެވެ.

ރައީސް ސޯލިހު މިއަދު ފުވައްމުލަކަށް ވަޑައިގަތްއިރު އެއާޕޯޓުގައި އެމަނިކުފާނަށް ތާއީދުކުރައްވާ ފަރާތްތަކުން ވަނީ މަރުހަބާ ދަންނަވާފައެވެ.

މިއަދު ފުވައްމުލަކަށް ރައީސް ވަޑައިގެންނެވި އިރު ރޭ ދަންވަރު ވަނީ އައްޑޫ ސިޓީއަށް ވަޑައިގަތްފައެވެ. އަދި މިއަދު އެ ސިޓީގައި އެމްޑީޕީ ކެމްޕެއިން ޓީމުތަކާ ވަނީ ބައްދަލުކުރައްވާފައެވެ.

މިމަހު 9 ވަނަ ދުުވަހު އޮތް އިންތިހާބުގެ ފުރަތަމަ ބުރުން ރައީސް ސޯލިހަށް ފުވައްމުލަކުގެ މެޖޯރިޓީ ލިބިވަޑައިގެންފައިނުވެއެވެ.

ފުވައްމުލަކުގެ ނަތީޖާއަށް ބަލާ އިރު، ރައީސް ސޯލިހަށް ލިބިވަޑައިގެންފައި ވަނީ، 2524 ވޯޓެވެ. އަދި ދެވަނަ ބުރުގައި ރައީސްއާ ވާދަ ކުރައްވާ ޕީއެންސީގެ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒަށް ވަނީ 3049 ވޯޓް ލިބިވަޑައިގެންފައެވެ.

ފުރަތަމަ ބުރުގައި އެންމެ ގިނަ ވޯޓު ހޯއްދެވި މުއިއްޒަށް ލިބިވަޑައިގަތީ 101،635 ވޯޓެވެ. ރައީސް ސޯލިހަށް ލިބިވަޑައިގަތީ 86،161 ވޯޓެވެ