ވިލިނގިލީގެ ރައްޔިތުންގެ ތެރެއިން ދިގު މުއްދަތަކަށް އެމްޑީޕީއަށް ހިދުމަތް ކުރި 26 މީހަކު ޕީޕީއެމްއަށް ގުޅިއްޖެއެވެ.
ވިލިނގިލިން ޕީޕީއެމްއަށް ގުޅުނު މީހުންގެ ފޯމްތަކާ ހަވާލުވެލެއްވީ ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު، މާލެ ސިޓީ މޭޔަރު ޑރ. މުހައްމަދު މުއިއްޒު އަދި ޕީއެންސީގެ ރައީސް އަބްދުއް ރަހީމް އަބްދުﷲ (އަދުރޭ)އެވެ.
ވިލިނގިލިން ޕީޕީއެމްއަށް ގުޅުނު ފަރާތްތަކުގެ ތެރޭގައި އެ ރަށުގެ ފުރަތަމަ ކައުންސިލަރު އަދި މިސަރުކާރުގެ އެގްރޯނެޓްގެ މެނޭޖިން ޑިރެކްޓަރު ހާރޫން ރަޝީދު، ޑަބްލިޔު ޑީސީގެ ނައިބު ރައީސް ޝަމީލާ ހިލްމީ އަދި އެމްޑީޕީ ވިލިނގިލީ ދާއިރާގެ ސެކްރެޓްރީ ޝަހުރާބު ރަޝީދު ހިމެނިވަޑައިގަންނަވައެވެ.
ވިލިނގިލީގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން މުއިއްޒު ވިދާޅުވީ މި ރަށުން ވެސް ފެނިގެން ސަރުކާރު ބަދަލުކުރަން ބޭނުންވެފައިވާ ކަން ކަމަށެވެ. އަދި ވެވަޑައިގެންފައިވާ ވައުދުތަކަކީ އެކަންކަން ކުރައްވަން ވެވަޑައިގެން ވައުދުތަކެއް ކަމަށާއި އެކަންކަން ކުރައްވާނެ ކަމުގެ ޔަގީންކަން މުއިއްޒު ވަނީ ތަކުރާރުކޮށް ދެއްވާފައެވެ.
ވިލިނގިލީގެ ރައްޔިތުން ތިބީ ބަދަލަކަށް ބޭނުންވެފައި ކަމަށާއި ފުރަތަމަ ބުރުގައި ދެއްވި ފުރިހަމަ ތާއީދަށް މުއިއްޒު ވަނީ ޝުކުރު ދަންނަވާފައެވެ. އަދި މުއިއްޒު ވަނީ ރަނގަޅަށް ވިސްނުމަށްފަހު ވޯޓުލުމަށް އެދިވަޑައިގެންފައެވެ.
މުއިއްޒު ވަޑައިގެންއިރު ގިނަ އަދަދެއްގެ ރައްޔިތުން ބަނދަރު މައްޗަށް ނުކުމެ ވަނީ ހޫނު މަރުހަބާއެއް ކިޔާފައެވެ. އެގޮތުން ނުކުތް ރައްޔިތުން ބުނަމުންދިޔައީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ވެރިކަން "ނިމެނީ، ނިމެނީ" ކަމަށެވެ.