ޑިމޮކްރަސީ އުފެދިގެން އައި ދުވަސްވަރުން ފެށިގެން ހައްދުންމަތީގައި އޮތީ ރީނދޫ ކުލައެވެ. ފިކުރަކީ އެމްޑީޕީއެވެ. އެކަންކަން 11 ރަށުގެ މައްޗަށް އެކުލެވޭ ހައްދުންމަތި ތަމްސީލުކުރާ މެންބަރުންނާއި ކައުންސިލްގެ ލެވެލްއާ ހިސާބަށްވެސް ހާމަވެއެވެ. މިހާރުގެ ރައްޔިތުން މަޖިލީސް ވެސް އެކަމުގެ ހެއްކަކަށް ފުދޭއިރު އެ މަޖިލީހުގައި 11 ރަށް ހިމެނޭ ލާމު އަތޮޅު ތަމްސީލުކުރަން ހަތަރު މެންބަރުން ތިބި އިރު ތިން މެންބަރުން އިންތިހާބު ކުރެވުނީ އެމްޑީޕީއިންނެވެ.
އިސްދޫ ދާއިރާއާއި ގަމު ދާއިރާއި ފޮނަދޫ ދާއިރާގެ އިތުރުން މާވަށު ދާއިރާ ހިމެނޭއިރު މާވަށު ދާއިރާ ފިޔަވާ އެހެން ހުރިހާ ދާއިރާގެ މެންބަރުން އިންތިހާބު ކުރެވިފައިވަނީ އެމްޑީޕީ ތަމްސީލުކުރުމަށް އެ ޕާޓީގެ ޓިކެޓުގައެވެ.
ދާދިފަހުން ފޮނަދޫ ދާއިރާގެ މެންބަރު މޫސާ ސިރާޖު އެމްޑީޕީއިން ވަކިވެވަޑައިގެންނެވުމާއެކު އެގިނަ ބަޔަކު ގަބޫލުކުރެވުނީ ސިރާޖު ގުޅިވަޑައިގަންނަވާނީ ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ދަ ޑިމޮކްރެޓްސްއަށް ކަމަށެވެ. އެހެންނަމަވެސް އެމްޑީޕީއިން ވަކިވެވަޑައިގެން މާގިނަ ދުވަސްތަކެއް ނުވެ އިދިކޮޅު، ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒަށް ތާއިދު ކުރައްވަން ސިރާޖު ނިންމެވިއެވެ. އަދި ރޭ ޑރ. މުއިއްޒު ބައިވެރިވެވަޑައިގެން ޖަލްސާއެއް ލ. ގަމުގައި ބާއްވާފައިވާއިރު ލ ގެ ގިނަ އަދަދެއްގެ ބަޔަކާއެކު ސިރާޖުވެސް ވަނީ ޕީޕީއެމްއާ ގުޅިވަޑައިގެންފައެވެ.
ފުރަތަމަ ބުރުގެ ކެމްޕެއިންގެ ތެރެއިން މުއިއްޒަށް ތާއީދުކުރައްވަން ނިންމަވާ ސިރާޖު ވިދާޅުވީ 2018 ވަނަ އަހަރު ރިޔާސީ އިންތިހާބުގައި ލ. އަތޮޅުން އެމްޑީޕީ ކެންޑިޑޭޓް ކުރި ހޯއްދެވި ކަމުގައިވީ ނަމަވެސް މިއަހަރުގެ ރިޔާސީ އިންތިހާބުގައި އެކަން ބަދަލުކުރާނެ ކަމަށެވެ. ސިރާޖު ވިދާޅުވި ފަދައިން އެ ބުރުގެ އިންތިހާބުގައި ލ އަތޮޅުން ފެނިގެން ދިޔައީ އެފަދަ ނަތީޖާއެކެވެ.
ލ. އަތޮޅުން ވޯޓު ލެވޭ އާބާދީގައި 12,357 މީހުން ތިބިއިރު 51 ޕަސެންޓް ނުވަތަ 5,190 ވޯޓާއެކު މުއިއްޒު މެޖޯރިޓީ ހޯއްދެވިއިރު މީގެ ކުރިން ލ އަތޮޅުގައި އޮތް އެމްޑީޕީގެ ފިކުރު، އެމްޑީޕީގެ ކެންޑިޑޭޓަށް ލިބިވަޑައިގެންނެވީ 38 ޕަސެންޓެވެ. ހީވެސް ނުކުރާ ފަދަ ގޮތަކަށް ހައްދަންމަތި ބަދަލުވެގެން ދިޔައިރު އެންމެންގެ ހިތުގައިވެސް އުފެދޭ ސުވާލަކީ މި ފަދަ ބޮޑު ބަދަލެއް ކުއްލިއަކަށް އައި ސަބަބަކީ ކޮބައިތޯއެވެ.
މި ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް އިދިކޮޅު، ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ލ އަތޮޅަށް ތިން ދަތުރެއް ކުރެއްވިއެވެ. އެއިން ކޮންމެ ދަތުރެއްގައި ބާއްވާ ޖަލްސާއިން ފެނިގެންދަނީ ގިނަ އަދަދެއްގެ ބަޔަކު ޕީޕީއެމްއާ ގުޅޭ މަންޒަރެވެ. އަދި އޭގެން ގިނަ މީހުންނަކީ ޒަމާނުންސުރެ އެމްޑީޕީއަށް ސަޕޯޓްކޮށް، އެ ޕާޓީގައި ގިނަ މަސައްކަތްތަކެއް ކޮށްފައިފައިވާ މީހުންނެވެ.
ހައްދުންމަތީގެ ފިކުރު ބަދަލުވެގެން ދިޔަ އަސްލު!
ރޭގައި ގަމުގައި ބޭއްވި ޖަލްސާގައި ގިނަ އަދަދެއްގެ ބަޔަކު އެކި އެކި ޕާޓީތައް ދޫކޮށް ޕީޕީއެމްއާ ގުޅިފައިވާއިރު ފެށުނީންސުރެ އެމްޑީޕީގައި ގިނަ މަސައްކަތްތަކެއް ކޮށްފައިވާ ގިނަ މީހުން ހިމެނެއެވެ. އެއިން އެކަކުގެ ފިކުރު ބަދަލުވި ގޮތާ ގުޅޭގޮތުން ކުރި ސުވާލަށް އެ މީހާ ބުނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި ލ އަތޮޅަށް އެއްވެސް ކަމެއް ކޮށްދީފައި ނުވާތީ ކަމަށެވެ. އަދި މިހާރު އެމްޑީޕީ ރޫޅަމުން ވިރުއަމުންދާކަމަށް ގިނަ ބަޔަކު ވަނީ ބުނެފައެވެ.
އެ މީހާ ބުނީ އޭނާ އެމްޑީޕީގައި ބުރަކޮށް މަސައްކަތް ކުރީ ލ އަތޮޅު ތަރައްގީކުރަން ކަމަށާއި އެމްޑީޕީގެ ދެ ވެރިކަން ގެނައުމަށްޓަކައި ގިނަ މަސައްކަތްތަކެއް އޭނާ ކޮށްފައިވާ ކަމަށެވެ. ރައީސް ޔާމީންގެ ވެރިކަމުގައި މުޅި ރާއްޖެއަށާއި ލ އަތޮޅަށްވެސް ތަރައްގީ ގެނެސްދީފައިވާކަން ފާހަގަކުރައްވާ އެ މީހާ ބުނީ މި ވެރިކަމުގައި ވީ އެއްވެސް ވައުދެއް ނުފުއްދާ ކަމަށާއި މަސްވެރި އާއިލާތައް ޖެއްސީ ބަނޑަށް ކަމަށެވެ.
އެ މީހާ ބުނީ ފުރަތަމަ ބުރުގައި ވެސް އޭނާ ވޯޓު ދިނީ ރައީސް ސޯލިހަށް ކަމަށާއި އެމްޑީޕީ އުފެދުނީންސުރެ އެމްޑީޕީގައި އުޅުމަށްފަހު ރޭ ޕީޕީއެމްއާ ގުޅުނީ ބޮޑު ޔަގީން ކަމަކާއެކު ކަމަށެވެ. އަދި ބޮޑު ތަފާތަކުން މި އިންތިހާބުގައި ޑރ. މުއިއްޒު ކާމިޔާބު ކުރައްވާނެ ކަމަށް އެ މީހާ ވަނީ ޔަގީންކަންދީފައެވެ.
ލ އަތޮޅަކީ ތަރައްގީގެ ފިކުރުގެ ބަޔަކު ދިރިއުޅޭ ތަނެއްކަން ވާހަކަދައްކާލި ކޮންމެ މީހެއްގެ ވާހަކައިންވެސް އެނގި ހާމަވެގެން ދިޔައިރުގައި ތަރައްގީއަށްޓަކައި މަޖިލީހުގެ ގޮނޑިތަކާއި އަތޮޅު ކައުންސިލުތަކާއި ރަށު ކައުންސިލްތައްވެސް އެކީ އެކައްޗަކަށް އެމްޑީޕީއަށް އެ ރައްޔިތުން ދިނީ ވަރަށް ފޮނި އުންމީދެއްގައެވެ. އެހެންނަމަވެސް ވީ އެއްވެސް ކަމެއް ނެތް ކަމަށް އެ ރަށުގެ މީހުން ބުނެއެވެ.
ލ. ގަމަށް ރައީސް ސޯލިހު ވެވަޑައިގެންނެވި ކެންސަރު ހޮސްޕިޓަލުގެ ވައުދުގެ ވާހަކައަކީ ކޮންމެ މީހަކުވެސް ދެއްކި ވާހަކައަކަށްވާއިރު އެ ވައުދު މިހާތަނަށް ނުފުއްދި އޮތްއިރު އެ ހޮސްޕިޓަލަކީ ލ އަތޮޅުގެ ރައްޔިތުންގެ އުންމީދުތަކާ ގުޅިފައިވާ ކަންކަމެވެ. މުއިއްޒަށް ތާއީދު ކުރަން ނިންމެވި ސަބަބާ ގުޅޭ ގޮތުން ކޮންމެ މީހެއްގެ ކައިރި ކުރާ ސުވާލެއްގެ ޖަވާބަކަށްވެސް ވަނީ ތަރައްގީ ނުގެނުވުނު ވާހަކައާއި ވައުދުނުފުއްދުނު ވާހަކަތަކެވެ. އެންމެ ގާބިލު އެންމެ ރަނގަޅު ކެންޑިޑޭޓަކީ މުއިއްޒު ކަމަށް ލ އަތޮޅުގެ މީހުން އިއްތިފާގުވެއެވެ.
ޒުވާނުން ބުނަމުން ދިޔައީ ހިޔާލު ފާޅުކުރުމުގެ މިނިވަންކަން ތަންމިނަށް ހުޅުވާލައިގެން އައި ސަރުކާރުން ޒުވާނުންވެސް ކުރީ އަޅުވެތި ކަމަށާއި އިދިކޮޅަށް ބަހެއް ބުނެފި ނަމަ ވަޒީފާގެ ބިރު ދައްކާ، ވަޒީފާއިން ކަނޑާލާ ކަމަށެވެ.
ކުރިން ލ ގަމުގައި ހުންނަ ރީޖަނަލް ހޮސްޕިޓަލަކީ ހިދުމަތް ރަނގަޅު ހޮސްޕިޓަލަކަށްވާއިރު ކޮވިޑްގެ ތެރޭގައިވެސް މާލެ ގޮސްފިނަމަ ކަރަންޓީނުވާން ޖެހޭތީ ދުރު ހިސާބުތަކުން އެ ހޮސްޕަލަށް ފަރުވާ ހޯދަން ގޮސްފައިވާކަން ލ އަތޮޅުގެ މީހުން ފާހަގަކުރެއެވެ. އެހެންނަމަވެސް ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އެ ހޮސްޕިޓަލަށް ގެނެސްފައިވާ ކުރިއެރުން އިތުރަށް ފަހަތަށް ޖައްސާލާފައިވާ ކަމަށް ވެސް ބުނެއެވެ.
ހައްދުންމަތީގެ އުންމީދަކީ ކޮބާ؟
ދެން އަންނަ 5 އަހަރުގެ ދައުރެއް ޑރ. މުއިއްޒަށް ދެއްވުމަށް ހައްދުންމަތީގެ ރައްޔިތުން ތިބީ ކަމަރު ބަދެލައިގެންނެވެ. ފޮނި އުންމީދުތަކެއްވެސް ދެކިގެންނެވެ. އެ މީހުން ޔަގީންކަމާއެކު ބުނާ އެއްޗަކީ އެ ހުވަފެންތަކުގައި ކުލަޖައްސަވައިދެއްވާނެ ހަމައެކަނި ކެންޑިޑޭޓަކީ މުއިއްޒު ކަމަށެވެ. މުއިއްޒު ތަރައްގީ ގެންނަވާނެ ކަމަށް ލ އަތޮޅުގެ ރައްޔިތުންވެސް އިތުބާރު ކުރައްވަނީ ރައީސް ޔާމީންގެ ވެރިކަމުގައި ގެނައި ތަރައްގީގައި ހައުސިން މިނިސްޓަރު ކަމުގައި ހުންނަވައިގެން މުއިއްޒު ދެއްކެވި ނަމޫނާއިންނެވެ.
ލ އަތޮޅުގެ މީހުން ބުނަނީ މި ދައުރުގައި ނުފުދި އޮތް ކެންސަރު ހޮސްޕިޓަލުގެ ވައުދު މުއިއްޒުގެ ވެރިކަމެއްގައި ފުއްދަވައިދެއްވުމަކީ ވަރަށް ބޮޑަށް އެދޭ ކަމެއް ކަމަށެވެ. ރާއްޖޭގެ ހުރިހާ ރަށެއްގައި އިސްލާމްދީން ހަރުދަނާކުރުމާއެކު ޒުވާނުންނަށް ރަނގަޅު ފުރުސަތުތަކެއް ދޭނެކަމަށް ގިނަ ބަޔަކު ގަބޫލުކުރެއެވެ.
އެ ރަށުން ވާހަކަދެއްކި މީހަކު ބުނީ އެންމެ ބޭނުމީ ރަށް ތަރައްގީކުރަން ކަމަށާއި ޔާމީންގެ ވެރިކަމުގައި ތާޅުނާޅާ ހުރި މަގުތަކުގައި ތާރުއެޅުމާއެކު ހުސްބިމުގައި ކަނބިލި ބިސް އަޅަން ދޫކޮށް ނުލާ، ހައުސިން މަޝްރޫއެއް ކުރިއަށް ގެންދިއުން ކަމަށެވެ. އަދި އެއްވެސް ރަށެއް ބާކީ ނުކުރައްވާނެ ކަމަށް މުއިއްޒު ދައްކަވާ ވާހަކަތައް ފާހަގަކުރައްވާ އެ ރަށުގެ މީހަކު ބުނީ މުއިއްޒުގެ ވެރިކަމުގައި ގަން - ފޮނަދޫ ތަރައްގީގެ ހަބަކަށްވުމަކީވެސް ވަރަށް ބޮޑަށް ބޭނުންވާ ކަމެއް ކަމަށެވެ.