ރިޔާސީ އިންތިހާބަށް ކެމްޕެއިން ކުރެއްވުމަށްޓަކައި އެކި ރަށްރަށަށް ވަޑައިގަންނަވާ އިރު، ކެންޑިޑޭޓުންނަށް ތާއީދުކުރާ އެތައް ބަޔަކު ކެންޑިޑޭޓުންނަށް މަރުހަބާ ކިޔައި ސަލާމްކުރުމަށް ސަފު ހަދާފައި ތިބެއެވެ. ގިނަ ރަށްރަށުގެ ސަފުތަކުގައި ބޮޑެތި މީހުންނެކޭ އެއްފަދައިން ފުރާވަރު އުމުރުގެ ކުދިންނާއި ތުއްތު ކުދިން ތިބޭ ކަން ވެސް ފާހަގަވެއެވެ.

ކޮންމެ ކެންޑިޑޭޓަކު ވެސް ރަށަކަށް އަރާ ވަޑައިގެން އެ ބޭފުޅުންނަށް މަރުހަބާ ކިޔަން ތިބޭ މީހުންނާ ސަލާންކުރަމުން ދާ ވަގުތު، ސަފުތަކުގައި ތިބޭ ތުއްތު ކުދިންނާ ސަލާންކޮށް، މަސަލަސްކޮށް ވާހަކަ ދައްކަވައި، ކުޑަކުދިންނާ އެކު ވަގުތުކޮޅެއް ހޭދަކުރައްވައި، ސެލްފީ އެއް ނެންގެވުން އެއީ ހަމަ އާންމު ކަންކަމެވެ. އެއީ އެމްޑީޕީގެ ކެންޑިޑޭޓު އަދި މިހާރުގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ކަމުގައި ވިޔަސް ނުވަތަ ޕީއެންސީގެ ކެންޑިޑޭޓު އަދި މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ކަމުގައި ވިޔަސް ވެސް މެއެވެ.

އެހެންކަމުން ކޮންމެ ކެންޑިޑޭޓަކު ވެސް ކެމްޕެއިނަށް ވަޑައިގެން އުޅުއްވާ އިރު، ފާހަގަކޮށްލެވޭ ކަންކަން ހުންނާނެއެވެ. އެގޮތުން 'ދަ ޕްރެސް' އަށް ދެއްވި ހާއްސަ އިންޓަވިއުގައި ފާހަގަކޮށްލެވޭ އެފަދަ ކަމެއް އޮތްތޯ ސުވާލުކުރުމުން މުއިއްޒު ވިދާޅުވީ، ރަށްރަށަށް ވަޑައިގެން މީހުންނާ ސަލާމް ކުރައްވަމުން ގެންދަވާ އިރު، މަރުހަބާ ކިޔަން ޖަމާވެފައި ތިބޭ މީހުންގެ ސަފުތަކުގައި ތިބޭ ކުޑަކުދިންނާ ސަލާން ކުރަން ތިރިވެލާ ވަގުތު، ކަންފަތް ކައިރީގައި ބައެއް ވާހަކަ ދައްކާ ކަމަށެވެ. އޭގެ ތެރެއިން އެންމެ އާންމު ކަމެއްގެ ގޮތުގައި ކުޑަކުދިން ބުނަނީ ކުޑަކުދިންގެ ޕާކެއް ހަދައިދޭން ކަމަށް އޭނާ ވިދާޅުވިއެވެ.

މިހާތަނަށް ކުރެއްވި ކެމްޕެއިން ދަތުރުގެ ތެރެއިން ވެސް ހާއްސަ ކަމެއް ފާހަގަކުރައްވައި މުއިއްޒު ވަނީ، ބ. ހިތާދު އަށް ކުރެއްވި ކެމްޕެއިން ދަތުރުގައި އެ ރަށުން އޭނާ އަށް މަރުހަބާ ކީ އުމުރުން 10 އަހަރުގެ ކުޑަ ފިރިހެން ކުއްޖަކާ ދެމެދު ދެކެވުނު ވާހަކައެއް ހިއްސާ ކުރައްވާފައެވެ.

"ތިމަންނަ ބޭނުންވެޔޭ ބޮޑުވެގެން ރައީސަކަށް ވާން، ޓިޕްސް އެއް ނެތް ހެއްޔޭ، ދެން އަޅުގަނޑު ހަމަ ވަގުތުން ޖަވާބު ދީފިން، ނޫނެކޭ އެބައޮތޭ ޓިޕްސް، ކުރަންވީ ކަމަކީ މަންމަ އާއި ބައްޕަގެ ބަސް ރަނގަޅަށް އަހާށޭ، ވަރަށް މޮޅަށް ކިޔަވާށޭ، ދެން ނަމާދު ކުރައްޗޭ ބަރާބަރަށް،"
ޕީއެންސީގެ ކެންޑިޑޭޓު އަދި މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު

އެގޮތުން ރައީސަކަށް ވާން ޓިޕްސްއެއް ނެތްތޯ އެ ކުއްޖާ އެހި ކަމަށް މުއިއްޒު ވިދާޅުވިއެވެ. އެ ކުއްޖާއަށް ޓިޕްސްގެ ގޮތުގައި ކުރަންވީ މުހިއްމު ތިން ކަމެއް މުއިއްޒު ހިއްސާ ކުރެއްވިއެވެ. އެއީ މަންމައާއި ބައްޕަގެ ބަސް އެހުމަށާއި، ނަމާދު ކުރުމަށާއި މޮޅަށް ކިޔެވުން ކަމަށް މުއިއްޒު ވަނީ ވިދާޅުވެފައެވެ.

ކުޑަކުދިންނާ ދެކެވޭ ވާހަކަތަކުގެ އިތުރުން، ސީރިއަސް ކަންކަމާ ގުޅޭ ގޮތުން އުމުރުން ދުވަސްވީ މީހުންނާ ވެސް ވާހަކަ ދެކެވޭ ކަމަށް މުއިއްޒު ފާހަގަކުރެއްވިއެވެ.

"ތަންކޮޅެއް ދުވަސްވީ ބޭފުޅުން ސަލާންކޮށްފަ ވިދާޅުވާނެ ގައުމު ސަލާމަތްކުރައްޗޭ، ވަރަށް ރަނގަޅޭ ތި ކުރާ މަސައްކަތް، ވަރަށް ބޮޑަށް ހަމަ މިނިވަންކަމުގެ ސުވާލުތައް، އެކަހަލަ ބައެއް ރިކުއެސްޓުތައް އާދޭ،" އިދިކޮޅު ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން މިނިވަންކުރުމަށް ވެސް ބައެއް މީހުން އެދެމުންދާ ކަން ފާހަގަކުރައްވައި އޭނާ ވިދާޅުވިއެވެ.