ލާމު އަތޮޅު ގަމުން ގޯތި ދިނުން ލަސްވާ ކަމަށް ބުނެ އެ ރަށު ރައްޔިތުން ކައުންސިލް އިދާރާ ކައިރި މުޒާހަރާ ކުރަމުން އެބަދެއެވެ.
މުޒާހަރާގެ ބައިވެރިންގެ އެންމެ ބޮޑު އެއް ކަންބޮޑުވުމެއްގެ ގޮތުގައި ފާހަގަ ކުރަމުންދަނީ ކައުންސިލުން ގޯތިދޭން އިއުލާނުކޮށް ގޯތީގެ ސައިޒު ބޮޑު ކުރި ނަމަވެސް އެ ގޯތިތައް ހަވާލު ކުރުން ލަސްވާތީއެވެ.
'ދަ ޕްރެސް' އަށް މައުލޫމާތު ދެއްވަމުން އެ ރަށު ކައުންސިލްގެ ރައީސް އަހްމަދު ޒަކީ ވިދާޅުވީ ގޯތި ދިނުން ލަސްވަމުން ދަނީ ލޭންޑް ޔޫސް ޕްލޭންގެ ހުއްދައަށް އަދިފައިވީ ނަމަވެސް އެކަމަށް މިހާތަނަށް އެއްވެސް ޖަވާބެއް ލިބިފައި ނުވާތީ ކަމަށެވެ. އަދި ގޯތި މިހާރުން މިހާރަށް ބޭނުންނަމަ 2000 އަކަފޫޓްގެ 400 ގޯތި މިހާރުވެސް ދޫކުރެވެން އެބައޮތް ކަމަށް ކައުންސިލްގެ ފަރާތުން ރައްޔިތުންނަށް އަންގާފައިވާ ކަމަށާއި ނަމަވެސް ރައްޔިތުން ބޭނުންވަނީ 4000 އަކަފޫޓްގެ ގޯތި ކަމަށް ޒަކީ ވިދާޅުވިއެވެ.
"އަދި އަޅުގަނޑު މެންނަށް ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ) އިން ވެސް އަންގާފައި ވަނީ ލޭންޑް ޔޫސް ޕްލޭންގެ ހުއްދަ ނުލިބެނީސް ގޯތި ދޫ ނުކުރުމަށް" ޒަކީ ވިދާޅުވިއެވެ. މިއަދު 9:30 ހާއިރުން ފެށިގެން އަދިވެސް ރައްޔިތުން މުޒާހަރާ ކުރަމުންދާ ކަމަށާއި ރަށުގެ ފުލުހުންވެސް މުޒާހަރާގެ ބައިވެރިން ކައިރި ހަރަކާތްތެރިވަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ރައްޔިތުންނާ ބައްދަލުކޮށް މައުލޫމާތު ހިއްސާ ކޮށްފައިވީ ނަމަވެސް ރައްޔިތުން ތިބީ ދާ ހިޔާލެއްގައި ނޫން ކަމަށް ޒަކީ ވިދާޅުވިއެވެ.
ގޯތި ދިނުމަށް ފުރަތަމަ އިއުލާން ކުރީ 2000 އަކަފޫޓްގެ ގޯތި ނަމަވެސް ރައްޔިތުންގެ ހިޔާލާއި ލިބުނު ޝަކުވާތަކަށް ބަލާ 4000 އަކަފޫޓުގެ ގޯތި ދިނުމަށް ކައުންސިލްގެ ބައްދަލުވުމުން ނިންމާފައިވާ ކަމަށް ޒަކީ ވަނީ މައުލޫމާތު ދެއްވާފައެވެ.
މުޒާހަރާގެ ވީޑިއޯތައް ސޯޝަލް މީޑިއާގައި ދައުރުވަމުންދާ އިރު މުޒާހަރާގެ ބައިވެރިން ހަރަކާތްތެރިވަނީ އެމީހުންގެ ޝުއޫރުތައް ލިޔެފައިވާ ބޯޑުތައް ވެސް ހިފައިގެންނެވެ. ކައުންސިލްގެ ބޭރުގައި ރައްޔިތުން އެއްވެ ހަރަކާތްތެރިވަމުންދާއިރު ފުލުހުންވަނީ ކައުންސިލްގެ ގޯތި ތެރެއަށް ނުވަދެވޭނެ ހެން ޓޭޕް ދަމާފައެވެ. އަދި ކައުންސިލްގެ ރައީސް އިސްތިއުފާއަށް މުޒާހަރާގެ ބައިވެރިން ގޮވަމުންދެއެވެ.