ރައްޔިތުންގެ މަޖިލީހުގެ ދާއިމީ ކޮމިޓީތަކުގައި އެމްޑީޕީގެ މެންބަރުން ތަމްސީލުކުރައްވާނެ ގޮތް މަޖިލީހުގެ އިދާރާ އަށް އެ ޕާޓީގެ ފަރާތުން އަދި ހުށަނާޅާ ކަމަށް، މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެއެވެ.

މަޖިލީހުގެ ދާއިމީ ކޮމިޓީތަކުގައި މެންބަރުން ތަމްސީލުކުރާ ގޮތް އަލުން އެކުލަވާލައި، ދިގުލައިގެން ދިޔަ ކޮމިޓީތަކުގެ މައްސަލަ ނިމުމަކަށް ގެނައީ މިދިޔަ ބުދަ ދުވަހު ބޭއްވި ޖަލްސާގައެވެ. އެ ދުވަހު ކޮމިޓީތައް އެކުލެވިގެންވާ ގޮތަށް ބަދަލު ގެނައުމުގެ އިތުރުން، ސަރުކާރު ޒިންމާދާރުކުރަން ޖެހޭ ކޮމިޓީތަކުގެ މުގައްރިރުކަން އިދިކޮޅު މެންބަރުންނަށް ދިނުމަށް ވަނީ ފާސްކޮށްފައެވެ.

ނަޝީދު ވިދާޅުވީ، ކޮމިޓީތަކުގައި ތަމްސީލުކުރާ މެންބަރުންގެ ނަންތައް މިދިޔަ ބުރާސްފަތި ދުވަހުގެ ހަވީރު 4 ޖެހުމުގެ ކުރިން ފޮނުވުމަށް، ޕާޓީތަކުގެ ޕާލިމެންޓްރީ ގްރޫޕްތަކުގެ ލީޑަރުންނާ މަޝްވަރާކުރެވުނު ކަމަށާއި، މަޖިލީހުގެ އިދާރާ އަށް މިހާތަނަށް ނަންތައް ލިބުނީ ތިން ސިޔާސީ ޕާޓީއެއްގެ ފަރާތުން ކަމަށެވެ. އެއީ ޕީޕީއެމާއި ޕީއެންސީ އާއި ދަ ޑިމޮކްރެޓްސްގެ ފަރާތުން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

އަދިވެސް އެމްޑީޕީ އާއި އެމްއެންޕީ އާއި ޖުމްހޫރީ ޕާޓީ އާއި އެމްޑީއޭގެ މެންބަރުންގެ ނަންތައް މަޖިލީހުގެ އިދާރާ އަށް ނުލިބޭ ކަމަށާއި، އެމްއެންޕީ އާއި ޖުމްހޫރީ ޕާޓީ އާއި އެމްޑީއޭގެ މެންބަރުންގެ ނަންތައް ނުފޮނުވިޔަސް މާ ބޮޑު ބަދަލެއް ނާންނަ ކަމުގައި ނަޝީދު ވިދާޅުވިއެވެ.

ނަޝީދު ވިދާޅުވި ގޮތުގައި، އެމަނިކުފާނު ގަސްދުކުރައްވައިގެން ހުންނެވީ ވޯޓަށް ހުޅުވާލާ ވަގުތު ކޮމިޓީތައް ހަމަޖެއްސުމަށެވެ. ނަމަވެސް ކޯރަމް ހަމަނުވެ ޖަލްސާ ނިންމާލަން ޖެހުމުން އެ މަސައްކަތް ކުރިއަކަށް ނުދިޔައެވެ.

ރައްޔިތުންގެ މަޖިލީހުގެ ދާއިމީ ކޮމިޓީތަކުގައި މެންބަރުން ތަމްސީލުކުރާނެ ގޮތް ތިރީގައި މި ވަނީއެވެ.

  • އާންމު ކޮމިޓީ (8 މެންބަރުން): އެމްޑީޕީގެ 5، ޑިމޮކްރެޓްސްގެ 2، އަދި އަމިއްލަ އެއް މެންބަރު
  • ޕެޓިޝަން ކޮމިޓީ (8 މެންބަރުން): އެމްޑީޕީގެ 6، ޑިމޮކްރެޓްސްގެ 2
  • އިމްތިޔާޒާއި ސުލޫކު ކޮމިޓީ (13 މެންބަރުން): އެމްޑީޕީގެ 8، ޑިމޮކްރެޓްސް، ޕީއެންސީ، އެމްޑީއޭ، ޖުމްހޫރީ ޕާޓީ، އަމިއްލަ (ކޮންމެ ޕާޓީއަކުން 1)
  • ގަވައިދު ކޮމިޓީ (10 މެންބަރުން): އެމްޑީޕީގެ 6، ޑިމޮކްރެޓްސްގެ 2، ޕީޕީއެމްގެ 1، އެމްޑީއޭގެ 1
  • މާލިއްޔަތު ކޮމިޓީ (15 މެންބަރުން): އެމްޑީޕީގެ 9، ޑިމޮކްރެޓްސްގެ 2، ޕީޕީއެމް، ޕީއެންސީ، އެމްއެންޕީ، އެމްޑީއޭ (ކޮންމެ ޕާޓީއަކުން 1)
  • އިގްތިސޯދީ ކޮމިޓީ (14 މެންބަރުން): އެމްޑީޕީގެ 8، ޑިމޮކްރެޓްސް، ޕީއެންސީ، ޕީޕީއެމް، އެމްޑީއޭ، ޖުމްހޫރީ ޕާޓީ، އަމިއްލަ (ކޮންމެ ޕާޓީއަކުން 1)
  • މިނިވަން މުއައްސަސާތަކުގެ ކޮމިޓީ (12 މެންބަރުން): އެމްޑީޕީގެ 7، ޑިމޮކްރެޓްސްގެ 2 ޕީޕީއެމް، ޕީއެންސީ، އެމްއެންޕީ (ކޮންމެ ޕާޓީއަކުން 1)
  • ގައުމީ ތަރައްގީގެ ކޮމިޓީ (8 މެންބަރުން): އެމްޑީޕީގެ 6، ޑިމޮކްރެޓްސްގެ 2
  • ހާރިޖީ ގުޅުންތަކުގެ ކޮމިޓީ (13 މެންބަރުން): އެމްޑީޕީގެ 8، ޑިމޮކްރެޓްސް، ޕީޕީއެމް، ޕީއެންސީ، އެމްއެންޕީ، އަމިއްލަ (ކޮންމެ ޕާޓީއަކުން 1)
  • ޖުޑިޝަރީ ކޮމިޓީ (10 މެންބަރުން): އެމްޑީޕީގެ 7، ޑިމޮކްރެޓްސް، ޕީޕީއެމް، އަމިއްލަ (ކޮންމެ ޕާޓީއަކުން 1)
  • ތިމާވެއްޓާ ބެހޭ ކޮމިޓީ (10 މެންބަރުން): އެމްޑީޕީގެ 7، ޑިމޮކްރެޓްސްގެ 2، ޖުމްހޫރީ ޕާޓީގެ 1
  • ހިއުމަން ރައިޓްސް ކޮމިޓީ (10 މެންބަރުން): އެމްޑީޕީގެ 7، ޑިމޮކްރެޓްސްގެ 2، އެންއެންޕީގެ 1
  • އެސްއޯއީ ކޮމިޓީ (13 މެންބަރުން): އެމްޑީޕީގެ 8، ޑިމޮކްރެޓްސްގެ 2، ޕީޕީއެމް، ޕީއެންސީ، އެމްއެންޕީ (ކޮންމެ ޕާޓީއަކުން 1)