ހަނދުގެ އަނދިރި ފަރާތަށް ދިޔުމުގެ ޝަރަފު ފުރަތަމަ ހޯދި ގައުމުގެ ގޮތުން އިންޑިއާއިން ފޮނުވި އުޅަނދު 2 ހަފްތާގެ ދިރާސާއަށް ފަހު ނިންދަވާލި ގޮތަށް ނުހޭލި ކަމަށް އެގައުމުން ބުނެފިއެވެ.

2 ހަފްތާގެ ދިރާސާއަށް ފަހު އުޅަނދު ނިންދަވާލީ [އޮފް ކޮށްލީ] ހަނދުގެ އެ ފަޅިއަށް އިރުގެ އަލިކަން ނުލިބި އޭގެ ބެޓެރީގެ ޗާޖް ގޮސްދާނެތީ، ލޫނާ އިޔާ [އިރުގެ އަލިކަން ފެށޭ އަހަރު] މިމަހުގެ 22 ގައި ފެށޭ އިރު ބެޓެރީ ޗާޖްވެ އުޅަނދު ހޭލައްވާލުމުގެ ބޭނުމުގައެވެ.

ނަމަވެސް އުޅަނގު ހެލާފައި ނުވާތީ އިންޑިއާގެ ސްޕޭސް އެޖެންޖީ 'އިސްރޯ' އިން ބުނީ، ގަދަ ފިނީގައި އުލަނދުގެ ބެޓެރީ ހަލާކުވީ ކަމަށް ވެސް ވެދާނެ ކަމަށެވެ. ނަމަވެސް އަދި އުއްމީދު ކަނޑާނުލާ ކަމަށާއި އުޅަނދާ ގުޅުން ގާއިމު ކުރެވޭތޯ ބަލަމުން ދާކަމަށް ވެސް ބުނެފައި ވެއެވެ.

މި މަހުގެ 22 ގައި ފެށުނު އަލި އަހަރު 2 ހަފްތާއަށް ހަނދުގައި ދެމިގެން ދާއިރު، ހަނދަށް އަލިކަން ލިބޭ 1 ދުވަހަކީ ބިމަށް އެ އަލިކަން ލިބޭ 4 ހަފްތާއާ އެއްވަރުގެ މުއްދަތެކެވެ. ހަނދުގައި ރެއާއި ދުވާލެއްގެ ދިގުމިނަކީ އާންމުކޮށް 14 ދުވަސް ކަމަށް ބުނެއެވެ.

އެކްސްޕާޓުން ބުނާގޮތުން، އިންޑިއާއިން ފޮނުވި އުޅަނދުވެސް އަދި ހޭލާނެއެވެ. މީގެ ކުރިން ޗައިނާއިން ފޮނުވި 2 އުޅަނދެއްވެސް އެތައްފަހަރަކު އެގޮތަށް ނިދިން ހޭލާފައި ވާކަމަށް ބުނެފައި ވެއެވެ.

ހަނދުގެ އަނދިރި ފަރާތަކީ ފިނިހޫނުމިން މައިނަސް 200 ޑިގްރީއާއި 250 ޑިގްރީއާ ދެމެދަށް ދަށަށް ދާ ތަނެކެވެ. އިންޑިއާގެ އުޅަނދުގެ ބެޓެރީ ޑިޒައިން ކޮށްފައި ވަނީ އެ ފިނީގައި ހަލާކުނުވެ ހިފެހެއްޓޭ ގޮތަށް ނޫން ކަމަށް އިސްރޯގެ ކުރީގެ ޗީފް ކިރަން ކުމާރާ ހަވާލާދީ ބީބީސީ ބުނެއެވެ.

ހަނދުގެ އަނދިރި ސަރަހައްދުގެ ތަހުލީލުތަކަށް އިންޑިއާއިން ފިނުވި އުޅަނދުން ފޮޓޯ އާއި ހަނދުގެ ބިމުގެ ސާމްޕަލް ނަގާ، އެ މައުލޫމާތު ދުނިޔޭގެ ބިމަށް ފޮނުވާފައި ވާ އިރު، އެތާނގައި ގިނަ މައުދަންގެ އަސަރު ހުރި ކަމަށް އިންޑިއާއިން ބުނެފައި ވެއެވެ. އެގޮތުން ސަލްފާގެ އިތުރުން، އެލުމިނަމް، ކެލްސިއަމް، ދަނގަޑު، ކްރޮމިއަމް އަދި ޓައިޓޭނިއަމް ހުރިކަމުގެ އަސަރު ފެނިފައި ވާ ކަމަށް ބުންޏެވެ.

75 މިލިއަން ޑޮލަރު ހަރަދު ކޮށްގެން އިންޑިއާއިން ހަނދަށް ދިޔަ އިރު މިއީ ހަނދުގެ އަނދިރި ފަރާތަށް ގައުމަކުން ދިޔަ ފުރަތަމަ ފަހަރެވެ. މީގެ ކުރިން ސޯވިއެޓް ޔޫނިއަން އާއި، އެމެރިކާ އާއި ޗައިނާއިން ހަނދަށް ގޮސްފައި ވާ އިރު އެ ގައުމުތަކުން ފޮނުވި އުޅަނދު ޖައްސާފައި ވަނީ ހަނދުގެ އުތުރު ތަނޑިއަށެވެ. އެއީ ހަނދު އަރާފައި ހުންނަ އިރު އަލިކޮށް ފެންނަން އޮންނަ ފަޅިއެވެ.

މި 4 ގައުމުގެ އިތުރުން އެހެން ބައެއް ގައުމުތައް ކަމަށް ވާ ޖަޕާން، ފްރާންސް އިން މަސައްކަތް ކުރި ނަމަވެސް އެ ގައުމުތަކުގެ އުޅަނދުތައް ވަނީ ހަނދަށް ނުފޯރާ ހަނދުގެ ސަތަހައިގެ ތެރޭގައި ގޮވާފައެވެ.

އިންޑިއާ އިން ހަނދަށް އުޅަނދު ފޮނުވި އިރު، ހަމަ އެމުއްދަތުގައި ރަޝިއާއިން ފޮނުވި އުޅަނދުވެސް ވަނީ ގޮވައިގެން ހަނދަށް ވެއްޓިފައެވެ.

ހަނދަށް ފަހު އިންޑިއާއިން ވަނީ އިރު ބަލަން އުޅަނދެއް ފޮނުވާފައެވެ.

އަދިތިޔާ އެލް1 ގެ ނަމުން ނަންދީފައި ވާ އުޅަނދު ދުނިޔޭން ބޭރަށް 1.5 މިލިއަން ކިޓޯމީޓަރަށް ދަތުރު ކުރާނެ ކަމަށާއި އެއީ ދުނިޔެއަށް އިރުގެ އަލި ފޯރަން ނަގާ ދުރުމިނުގެ ގާތްގަނޑަކަށް 1 ޕަސެންޓުގެ ދުރުމިން ކަމަށް ބުނެފައި ވެއެވެ.