ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ތާއީދު ހޯދުމަށް މިއަދު ހަވީރު މުޅި ރާއްޖޭގައި ދޮރުން ދޮރަށް ހިނގުމުގެ ހަރަކާތެއް ކުރިއަށް ގެންދަން އެ ޕާޓީން ނިންމައިފިއެވެ.

'ދަ ޕްރެސް' އަށް އެނގިފައި ވާ ގޮތުން މި ހަރަކާތް މުޅި ރާއްޖޭގައި ކުރިއަށް ގެންދާނީ މިއަދު ހަވީރު 4 އިން އިރުއޮއްސި 6 ގެ ނިޔަލަށް ކަމަށެވެ.

އިންތިހާބުގައި ތާއީދު ހޯދަވަން ރައީސް ސޯލިހު ގެންދަވަނީ މާލޭގެ އެކި ސަރަހައްދުތަކަށް ދޮރުން ދޮރަށް ވަޑައިގެން ރައްޔިތުންގެ ހާލަތު ކައިރިން ބައްލަވަމުންނެވެ. މި ހަރަކާތްތަކުގައި ރައީސް ސޯލިހުގެ އަނބިކަނބަލުން ފަޒްނާ އަހުމަދުގެ އިތުރުން ދައުލަތުގެ ބައެއް ވަޒީރުން ވެސް ގެންދަވަނީ ބައިވެރިވެ ވަޑައިގަންނަވަމުންނެވެ.

މި މަހުގެ 9 ވީ ހޮނިހިރު ދުވަހު ބޭއްވި ރިޔާސީ އިންތިހާބުގެ ފުރުތަމަ ބުރުގައި ރައީސް ސޯލިހަށް ލިބިވަޑައިގެންފައި ވަނީ 86،161 ވޯޓާއެކު 2 ވަނަ އެވެ. ފުރަތަމަ ބުރުގައި ލިބިވަޑައިގަންނަވާނެ ކަމަށް ރައީސް ވިދާޅުވަމުން ގެންދެވި އަދަދާ ގާތަށް ވެސް ވޯޓު ލިބިވަޑައިގެންފައި ނުވާ އިރު، މާލެ ސަރަހައްދުން ގިނަ ބަޔަކު އެބުރުގައި ވޯޓު ނުލާ ތިބިކަންވެސް ފާހަގަ ކުރެވެއެވެ.

މާލޭގެ ރައްޔިތުންގެ ތެރެއިން 19 ހާހަށް ވުރެ ގިނަ މީހުނަށް ގޯތި ކަނޑާ އިންވަކިކޮށް ދޭން ފަށާފައި ވާއިރު މާލެ ސަރަހައްދުގެ މެޖޯރިޓީ ލިބިވަޑައިގަންނަވާނެ ކަމަށް ރައީސް އުއްމީދު ކުރެއްވިއެވެ. ނަމަވެސް މާލެ ސަރަހައްދުގެ މެޖޯރިޓީވެސް ނަންގަވާފައި ވަނީ އިދިކޮޅު ކެންޑިޑޭޓު އަދި މާލެ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒެވެ.

ދެވަނަ ބުރުގެ ވޯޓުލުން މި މަހުގެ 30 ވާ ހޮނިހިރު ދުވަހަށް ތާވަލް ކޮށްފައި ވާ އިރު، ރައީސް މާލެ ސަރަހައްދުގައި މިހާރު ދޮރުން ދޮރަށް ހިންގެވި ނަމަވެސް ފުރަތަމަ ބުރުގައި މާލެ ސަރަހައްދުގެ ގޭގެއަށް ޒިޔާރަތް ކުރައްވައި ކެމްޕެއިން ކުރައްވާފައެއް ނުވެއެވެ.

ދެވަނަ ބުރު ކާމިޔާބު ކުރެއްވުމަށް 25،000 ވޯޓު ރައީސް ހޯއްދަވަން ޖެހިވަޑައިގަންނަވާ އިރު، ފުރަތަމަ ބުރުގައި އިންތިހާބުގައި ވާދަ ކޮށް ބަލިވެފައި ވާ ޕާޓީތަކުގެ ސަޕޯޓް ހޯއްދަވަން ވެސް ރައީސް މަސައްކަތްޕުޅު ކުރައްވާފައި ވެއެވެ. އެގޮތުން އެމްއެންޕީ އާއި ޖޭޕީގެ ސަޕޯޓް ހޯއްދަވަން ކުރެއްވި މަސައްކަތްޕުޅު ނާކާމިޔާބު ވެފައި ވާ އިރު އެމްއެންޕީން އެރީ ޑރ. މުއިއްޒުގެ ފަޅިއަށެވެ. ޖޭޕީން ނިންމީ އެއްވެސް ކެންޑިޑޭޓަކަށް ތާއީދު ނުކުރާށެވެ. 3 ވަނަ އަށް ދިޔަ ދަ ޑިމޮކްރެޓްސް އާ ވެސް އެމްޑީޕީން ވާހަކަ ދެއްކި ނަމަވެސް، އެޕާޓީން ވެސް ނިންމީ އެއްވެސް ކެންޑިޑޭޓަކަށް ތާއީދު ނުކުރާށެވެ. ދެން ވަކިން ވާދަ ކުރެއްވި އުމަރު ނަސީރާއި ފާރިސް މައުމޫން ވެސް ނިންމެވީ އެއްވެސް ފަރާތަކަށް ތާއީދު ނުކުރުމަށެވެ.

އިންތިހާބުގެ ފުރަތަމަ ބުރުގައި ރައީސް ކޯލިޝަން ހައްދަވައިގެން ހުންނެވީ އަދާލަތު ޕާޓީއާއި އެމްޑީއޭއާއެވެ. ފުރަތަމަ ބުރުގެ ނަތީޖާ އަށް ބަލާއިރު، އަދާލަތާއި އެމްޑީއޭގެ ތާއީދު އޮތް ކަމަށް ފެނުނު ރަށްރަށުންވެސް މެޖޯރިޓީ ނެންގެވީ އިދިކޮޅު ކެންޑިޑޭޓް މުއިއްޒު ކަމުން އެ ދެޕާޓީ ލައިގެން ރައީސް ސޯލިހަށް ހޯދުނު ވޯޓާ މެދު ސުވާލު އުފެދެއެވެ.