ރާއްޖޭގެ ބައެއް މީޑިއާތަކާއި ދިވެހިން ހިންގާ ބައެއް ސޯޝަލްމީޑިއާ އެކައުންޓުތަކުގައި އިންޑިއާއާ ބެހޭ ގޮތުން ދޮގު ހަބަރު ފަތުރަމުންދާ ކަމަށް ބުނެ އެފަދަ މައްސަލަތައް ތަހުގީގު ކުރަން ރާއްޖޭގައި ހުންނަ އިންޑިއާ ހައި ކޮމިޝަނުން އެދިއްޖެއެވެ.

އިންޑިއާ ހައި ކޮމިޝަނުން ނެރުނު ބަޔާނެއްގައި ބުނީ، ރާއްޖޭގައި ތިއްބަވާ އިންޑިއާގެ ޑިޕްލޮމެޓުންނާއި ރާއްޖޭގައި ހުންނަ އިންޑިއާގެ ހައި ކޮމިޝަންގެ މުވައްޒަފުންނާއި ރާއްޖޭގައި އުޅޭ އެ ގައުމަށް ނިސްބަތްވާ މީހުންނާ ގުޅުވައިގެން ނަފުރަތާއި ރުޅިވެރިކަން އުފެއްދުމަށް ރާވައިގެން ބައެއް ފަރާތްތަކުން ދޮގު ހަބަރުތައް ފަތުރަމުން ދާ ކަމަށެވެ.

އެގޮތުން ހައި ކޮމިޝަންގެ އޮފިޝަލުންނާއި ރާއްޖޭގައި ސުލްހަވެރިކަމާ އެކު ދިރިއުޅެމުން އަންނަ އިންޑިއާގެ މީހުންނަށް ފުރައްސާރަ ކުރުމާއި ބިރުދެއްކުމުގެ މަގުސަދުގައި ބައެއް މީޑިއާތަކުން ދޮގު ރިޕޯޓްތައް ފަތުރަމުން ދާކަން ސަމާލު ކަމަށް އައިސްފައިވާ ކަމަށެވެ.

މީގެ އިތުރުން އިންޑިއާއާ ބެހޭ ގޮތުން ދޮގު ހަބަރު ފަތުރަނީ އިންޑިއާ އާއި ރާއްޖެއާ ދެމެދު އޮންނަ ރަހުމަތްތެރިކަމުގެ ގުޅުމަށް ނޭދެވޭ އަސަރު ފޯރުކުރުމުގެ މަގުސަދުގައި ކަމަށާއި އެގޮތުން ރިޕޯޓުތަކަކީ ދިވެހި ރައްޔިތުންގެ މެދުގައި އިންޑިއާއާ މެދު ނަފުރަތާއި ބިރުވެރިކަމުގެ މާހައުލެއް އުފައްދަން ކުރާ މަސައްކަތެއް ކަމަށް ހައިކޮމިޝަނުން ބުނެއެވެ.

އެކަންކަން ކުރަނީ މީޑިއާގައި މަސައްކަތްކުރާ ފަރާތްތަކުންކަން ފާހަގަކޮށް މިފަދަ އަމަލުތައް އެންމެ ހަރުކަށި އިބާރާތުން ކުށްވެރި ކުރަންޖެހޭ ކަމަށާއި، ދިވެހިރާއްޖޭގެ އިދާރާތަކަށް އެ ނޫސްވެރިންގެ މައްސަލަތައް ތަހުގީގު ކުރުމަށް ހައިކޮމިޝަނުން ވަނީ ގޮވާލާފައެވެ.

ހައިކޮމިޝަނުން އެފަދަ ބަޔާނެއް ނެރުނު ނަމަވެސް، އޭގައި އިޝާރާތް ކުރާ ދިވެހި މީޑިއާތަކުގެ ނަންތަކެއްވެސް އަދި ވަކިވަކި ފަރުދުންގެ ނަންތަކެއްވެސް ހިމަނާފައެއް ނުވެއެވެ.

އިންޑިއާއިން މީގެ ކުރިންވެސް މިފަދަ ބަޔާނެއް ނެރެ މައްސަލަ ތަހުގީގު ކުރުމަށް ފޮރިން މިނިސްޓްރީ އާއި ސަރުކާރަށް ގޮވާލިއެވެ.

އަދި ދާދި ފަހުން ޗައިނާގެ އެމްބަސީންވެސް ވަނީ، ރާއްޖެއާއި ޗައިނާއާއި ދެމެދުގައި އޮތް ގުޅުން ހީނަރު ކުރުމަށް ރާއްޖޭގެ ބައެއް މީޑިއާތަކުން ދޮގު ހަބަރު ފަތުރަމުން ދާ ކަމަށް ބުނެ މައްސަލަ ތަހުގީގު ކޮށްދިނުމަށް ދިވެހި ސަރުކާރުގައި އެދިފައެވެ.