އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓު ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިލިމާލެއަށް ވަޑައިގެން ދޮރުން ދޮރަށް ހިންގަވާ ވިލިމާލެ ރައްތުންނާ ބައްދަލު ކުރައްވައިފިއެވެ.

މި މަހުގެ 30 ވަނަ ދުވަހު އޮންނަ ރިޔާސީ އިންތިހާބުގެ 2 ވަނަ ބުރަށް ކެމްޕެއިން ކުރެއްވުމަށް ރައީސް ސޯލިހް ވިލިމާލެއަށް ވަޑައިގެންފައި ވަނީ މިއަދު ހަވީރު އެމްޓީސީސީގެ ފެރީގައެވެ. އަދި ވިލިމާލޭގެ ގެތަކަށް ޒިޔާރަތް ކުރައްވާ ރައީސް ވަނީ ވިލިމާލެ ރައްޔިތުންގެ ހާލަތު ބައްލަވާލައްވާފައެވެ.

ރައީސް ސޯލިހް ވިލިމާލެއަށް ވަޑައިގެންނެވިއިރު އެމަނިކުފާނާއެކު އެމަނިކުފާނުގެ ކެމްޕެއިން ސްޕޯކްސްޕާސަން އަދި ޑިފެންސް މިނިސްޓަރު މާރިޔާ އަހްމަދު ދީދީގެ އިތުރުން އެމްޑީޕީގެ ކުރީގެ ޗެއާޕާސަން އަދި ރައްޔިތުން މަޖިލީހުގެ ކުރީގެ ނައިބު ރައީސް މޫސާ މަނިކު (ރީކޯ މޫސަ) ވެސް ވިލިނގިއްޔަށް ވަޑައިގެންނެވިއެވެ.

ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރަށްފަހު ކެމްޕެއިން ކުރެއްވުމަށް ރައީސް ސޯލިހް އަދި އަތޮޅުތެރެއަށް ވަޑައިގެންފައެއް ނުވެއެެވެ. ނަމަވެސް ރައީސް ގެންދަވަނީ މާލެ ސަރަހައްދުގައި ތަފާތު އެކި ކެމްޕެއިން ހަރަކާތްތައް ބާއްވަވަމުންނެވެ. އެގޮތުން މާލޭގައި ދޮރުން ދޮރަށް ހިންގަވައި ކެމްޕެއިން ކުރެއްވުމުގެ އިތުރުން ރައީސް ގެންދަވަނީ ކެމްޕެއިން ޖަލްސާތައް ވެސް ބާއްވަވަމުންނެވެ.

ރިޔާސީ އިންތިހާބުގެ 2 ވަނަ ބުރު ކާމިޔާބު ކުރެއްވޭނެ ކަމުގެ ޔަގީންކަން އޮތް ކަމަށް ރައީސް ސޯލިހް ވަނީ ތަކުރާރުކޮށް ވިދާޅުވެފައެވެ.

ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި އެންމެ ގިނަ ވޯޓު ހޯއްދަވައި 2 ވަނަ ބުރަށް ވަޑައިގެން ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު، މާލެ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ގެންދަވަނީ އަތޮޅުތެރެއަށް ވަޑައިގެން ކެމްޕެއިން ކުރައްވަމުންނެވެ. އެގޮތުން މުއިއްޒު ވަނީ މިއަދު ބ. ފުޅަދޫ، ގޮއިދޫ، ހިތާދޫ، ދޮންފަނު، ކިހާދޫ، ޅ. އޮޅުވެލިފުށި އަދި ނައިފަރަށް ވަޑައިގެންފައެވެ.

މި މަހު 9 ވަނަ ދުވަހު ބޭއްވި ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ޑރ. މުއިއްޒު އަށް 101،635 ވޯޓު ލިބިވަަަޑައިގެންފައި ވާއިރު، އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އަށް ލިބިވަޑައިގެންފައި ވަނީ 86،161 ވޯޓެވެ.