އިންޑިއާގެ ޕަންޖާބުގައި 'ހާލިސްތާން' ގެ ނަމުގައި ވަކި ދައުލަތެއް އުފެއްދުމަށް މަސައްކަތް ކުރި ސިކުންގެ ލީޑަރެއް ކަމަށް ވާ ހަރްދީޕް ސިންގް ނިއްޖަރުގެ މަރާ ގުޅިގެން ބައެއް ގައުމުތަކުގެ ވެރިން އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ އާ ސުވާލު ކުރި ކަމަށް ފައިނޭންޝަލް ޓައިމްސް އިން ހާމަ ކޮށްފިއެވެ.

ހަރްދީޕް އަކީ ކެނެޑާގެ ރައްޔިތަކަށް ވާއިރު، އޭނާ މަރާލި ކެނެޑާގައި އޭނާ ދިރިއުޅޭ ބްރިޓިޝް ކޮލަމްބިއާ ޓައުންގައި ވެހިކަލެއްގައި އިންދާ، މޫނު ނިވާކޮށްގެން ތިބި 2 މީހަކު ގޮސް ބަޑިޖަހައެވެ.

މި މައްސަލައިގައި 5 ގައުމެއް ހިމެނޭ "ފައިވް އައި" އިންޓެލިޖަންސް ރިޕޯޓް ތަކާ ހަވާލާދީ ކެނެޑާގެ ބޮޑުވަޒީރު ޖަސްޓިން ޓްރޫޑޯ، ވިދާޅުވީ، ހަރްދީޕް މަރާލުމުގައި އިންޑިއާ ބައިވެރި ވާ ކަމަށެވެ. ފައިވް އައި އިންޓެލިޖަންސް ޖަމާއަތަކީ، އޮސްޓްރޭލިއާ، ކެނެޑާ، ނިއުޒީލަންޑް، ޔޫކޭ އަދި އެމެރިކާ ހިމެނޭ ބޮޑު ޖަމާއަތެކެވެ. އެ ޖަމާއަތުގެ ރިޕޯޓުތަކުގައި ހަރުދީޕްގެ މަރާއި މޯދީއާ ގުޅޭ ކަމަށް ބުނެފައި ވެއެވެ.

އިންޑިއާގައި ނިމިދިޔަ ޖީ20 ގެ ވެރިންގެ ސަމިޓުގައި، އެ މައްސަލައިގައި އެމެރިކާގެ ރައީސް ޖޯ ބައިޑަން އާއި އިތުރު ގައުމުތަކުގެ ވެރިން، ސުވާލު ކުރެއްވި ކަމަށް ރިޕޯޓު ކޮށްފައި ވީ ނަމަވެސް އިންޑިއާއިންވެސް އަދި އެމެރިކާއިންވެސް އެފަދަ ކަމެއް ހިނގިކަން ހާމަކޮށްފައެއް ނުވެއެވެ. ނަމަވެސް އެ ސަމިޓުގެ ހަވާސާގައި، މޯދީ އާ ސުވާލު ކުރެއްވި ކަމަށް ކެނެޑާގެ ބޮޑުވަޒީރު ވަނީ ވިދާޅުވެފައެވެ.

ކެނެޑާގެ ޕާލިއަމެންޓުގައި ހަރްދީޕުގެ މަރުގެ މައްސަލައިގެ ބަހުސް ހިނގި ދުވަހު ޓްރޫޑޯ ވިދާޅުވީ، ބޭރު ގައުމަކުން ކެނެޑާއަށް އަރާ ކެނެޑާގެ ރައްޔިތަކު ކެނެޑާގެ ފަސްގަނޑުގައި މަރާލުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަަމަށާއި، އެކަން ކުރީ އިންޑިއާގެ ބައިވެރިވުމާއެކު ކަން ސާބިތުވާ ވަރަށް ހެކި ހުރި ކަމަށެވެ. އަދި އެ މައްސަލައިގައި އިންޑިއާ ޖަވާބުދާރީ ކުރުވުމުގައި އެމެރިކާ އާއި އެހެން ގައުމުތަކުން ބާރު އަޅައިދިނުމަށް ވެސް އޭނާ ވަނީ އެދިވަޑައިގެންފައެވެ. އޭނާ ވިދާޅުވީ، ކެނެޑާއިން ބޭނުން ވަނީ، އެކަމުގައި އިންޑިއާއިން ޖަވާބުދާރީވުން ކަމަށެވެ.

މައްސަލައިގައި ކެނެޑާގެ ތުހުމަތުތައް ދޮގު ކޮށް އިންޑިއާގެ ހާރިޖީވުޒާރާއިން ބުނީ، އެއީ އެއްވެސް އަސްލެއްނެތް ދޮގު ވާހަކަތަކެއް ކަމަށާއި، ކެނެޑާއިން މަސައްކަތް ކުރަނީ ރުޅިވެރިކަމާއި ނަފްތަރު އުފައްދަން ކަމަށެވެ. އަދި ހަރްދީޕާއި އޭނާ ނިސްބަތްވާ ހާލިސްތާން ޖަމާއަތާ ގުޅިފައި ތިބި މީހުންނަކީ ޓެރަރިސްޓުން ކަމަށާއި، އެމީހުން އިންޑިއާ އާ ހަވާލުކުރަން އެދޭ އެދުމަށް އިޖާބަ ދިނުމުގެ ބަދަލުގައި ކެނެޑާއިން ގެންދަނީ އެމީހުންނަށް ހިމާޔަތާއި ރަައްކާތެރިކަން ދެމުން ކަމަށެވެ.

އިތުރަށް އިންޑިއާއިން ބުނީ، އުމުރުން 45 އަހަރުގެ ހަރްދީޕްގެ މަރާ ގުޅިގެން އެއްވެސް މައުލޫމާތެއް އަދި ހައްސާސް މައުލޫމާތެއް ކެނެޑާއިން މިހާތަަނަށް ހިއްސާ ކޮށްފައި ނުވާ ކަމަށާއި ދައްކާ ވާހަކައެއް ދައްކަމުން ދަނީ މީޑިއާގައި ކަމަށެވެ.

މި މައްސަލައާ ގުޅިގެން ކަމުގެ މައުލޫމާތު ހުރި ފަރާތަކާ ހަވާލާދީ އެސޯސިއޭޓް ޕްރެސްގައި ބުނެފައި ވަނީ، އިންޑިއާގެ މައްޗަށް ތުުހުމަތު ކުރަނީ ސަވައިލަންސް މައުލޫމާތާއި، ފޯން ސިގްނަލް ތަކާއި، އެ ހާދިސާ ހިނގި އިރު ހެލިފެލިވެ އުޅުނު މީހުންގެ މައުލޫމާތުގެ މައްޗަށް ބަލައިގެން ކަމަށެވެ. ފޯން ސިގްނަލް ޓްރޭސް ކުރި އިރު އިންޑިއާގެ ޑިޕްލޮމޭޓުންގެ ހަރަކާތްތައް ދެނެގަނެވިފައި ވާ ކަމަށް ވެސް ބުނެފައި ވެއެވެ.