ލޯނުގެ ތަފްސީލަކީ ފިޔަޔާއި ހަނޑޫ އަދި ފުށަށް ހުރަހަކަށް ވަންޏާ އެއީ ބޮޑުވަރު ކަމަށް އިދިކޮޅު ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް، ޑރ. މުހައްމަދު މުއިއްޒު ވިދާޅުވިއެވެ.

މުއިއްޒު މިފަދައިން ވިދާޅުވީ މި މަހުގެ 30 ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ކެމްޕެއިނަށް ރ އަތޮޅަށް ކުރެއްވި ދަތުރު ނިންމަވާލެއްވުމަށް ފަހު ބ އަތޮޅުގެ ފުރަތަމަ މަންޒިލެއްގެ ގޮތުގައި އެ އަތޮޅުގެ ކަމަދުއަށް ވަޑައިގެން އެ ރަށުގައި މިރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.

މުއިއްޒު ވިދާޅުވީ އިގްތިސޯދީ ތަރައްގީ ގެނެވޭނީ އުމްރާނީ ތަރައްގީއާ އެކު ކަމަށެވެ. އަދި މިހާރު ފެންނަނީ ދަރަނި މައްޗަށް ދަރަނި ނަގަމުން ދާތަން ކަމަށާއި މިއަދު އަޑުއިވެމުން ދަނީ އިންޑިއާގެ ބޭންކުން އެތައް މިލިއަން ޑޮލަރެއްގެ ބޮންޑެެއް ނެގި ވާހަކަ ކަމަށާއި އެހެންނަމަވެސް އެކަން ދޮގުކުރި ކަން ފާހަގަ ކުރައްވާ މުއިއްޒު ވިދާޅުވީ މިހާރު އެކަމުގެ ހަގީގަތްވެސް ނޭނގޭ ކަމަށެވެ.

މުއިއްޒު ވަނީ ސޮއިކޮށްފައި ހުރި އެއްބަސްވުން ތަކުގައި ވާ އިންޓަރެސްޓް ރޭޓް ހުންނަ މިންވަރު ވެސް ހާމަނުކުރަނީ ގައުމީ ސަލާމަތަށް ނުރައްކާ ވާތީ ކަމަށާއި އެ ބަޔާން ކޮށްފިނަމަ ހަނޑުލާއި ހަކުރު އަދި ފުށް ލިބެން ހުރަސްއެޅޭ ކަމަށް ސަރުކާރުން ބުނަމުންދާ ކަމަށެވެ. އަދި ލޯނުގެ ތަފްސީލު ގަވަރުނަރަށްވެސް އެނގިވަޑައިނުގަންނަވާ ކަމަށް މުއިއްޒު ވިދާޅުވެ ސަރުކާރަށް ފާޑުވިދާޅުވިއެވެ.

"އަޅުގަނޑުމެންގެ އިންޓަރެސްޓް ރޭޓާއި ލޯނު ތަކުގެ ތަފްސީލަކީ އަޅުގަނޑުމެންނަށް ފިޔަޔާއި ހަޑުލާއި ފުށާއި ލިބުމަށް ހުރަކަށް ވަންޏާ މިއީ ދެން ތަންކޮޅެއް ބޮޑުވަރުހެން ހީވަނީ. ހަމަ މިހެން ތިބެންވީހޭ ގައުމުގެ ކަންކަން ދާނެހާ ގޮތަކަށް ދަންދެން"
ޑރ. މުއިއްޒު

މުއިއްޒު ވިދާޅުވީ އޭނާ ކުރިމަތިލައްވައިގެން ހުންނެވީ އަނިޔާވެރިކަން ނިންމަން ކަމަށާއި ނަފްސާނީ ގޮތުން ދޭ އަނިޔާ އަކީވެސް އަނިޔާއެއް ކަމަށެވެ. އަދި ސިޔާސީ ގޮތުން މުއިއްޒަށް ތާއީދު ކޮށްފިނަމަ ވަޒީފާއިން ވަކިކުރާނެ ކަމަށް ބުނެ މުވައްޒަފުންނަށް މި ސަރުކާރުން ބިރު ދައްކާ ކަމަށް ވިދާޅުވިއެވެ. އެއީ ވެސް ނަފްސާނީ އަނިޔާއެއްކަން ފާހަގަކުރައްވާ މުއިއްޒު ވިދާޅުވީ ޒުވާނުންނަށް ވަޒީފާދީފައި ދައްކާ ބިރުވެރިކަމަކީ ނަފްސާނީ އަނިޔާ ކަމަށާއި ސަފަށް އަރާ ސަލާމް ކޮށްފިއްޔާ ވަޒީފާއިން ކަނޑާލާ ކަމަށެވެ.

މުއިއްޒު ވަނީ ރައްޔިތުން ފުރުސަތު ދެއްވައިފިނަމަ ބިރުވެރިކަމާއި ނަމާންކަމާއި އަނިޔާވެރިކަން ނިމުމަކަށް ގެނެސްދެއްވާނެ ކަމުގެ ޔަގީންކަން ދެއްވާފައެވެ. އަދި މުއިއްޒުގެ ވެރިކަމެއްގައި ސަރުކާރު ވާނީ ރައްޔިތުން އެދޭ ފަދަ އިންސާފުވެރި، އަދުލުވެރި އަދި އަނިޔާވެރިކަން ނިމުމަކަށް ގެނެސް ހިތްހަމަޖެހުމާއި އުފަލާއެކު ދިރިއުޅުން އާރާސްތުކުރެވޭ ވެރިކަމަކަށް ކަމަށް ވެސް މުއިއްޒު ވަނީ ވިދާޅުވެފައެވެ.

މުއިއްޒު ވިދާޅުވީ ރާއްޖޭގެ އެތައް ސްކޫލެއް ރަހުނުކޮށް އެއްތަނަކުން ލޯނު ނަގާފައި އެބަހުރި ކަމަށާއި ދަރަނީގެ 49 ޕަސެންޓް ވަނީ ވަކި ގައުމަކަށް ބަރޯސާވެފައި ކަމަށެވެ. އަދި އަޅުވެތި ވަނީ ހަމައެކަނި ބޭރު ސިފައިން ތިބެގެނެއް ނޫން ކަމަށާއި މިއަދު އިގްތިސޯދީ ގޮތުން ދިވެހިން ތިބީ އެއް އަތަކަށް ގޮސް އަޅުވެތިވެފައި ކަމަށް ވެސް މުއިއްޒު ވަނީ ވިދާޅުވެފައެވެ.