ވަކި އުސޫލެއްގެ ތެރެއިން ސްޓޫޑަންޓް ލޯން މައާފް ކުރެވޭނެ ގޮތްތަކެއް ހަދަމުން ދާކަމަށް އެމްޑީޕީގެ ކެންޑިޑޭޓް އަދި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ކެމްޕެއިން ހަރަކާތުގެ ތެރެއިން އެމްޑީޕީން ރޭ ބޭއްވި ގަލޮޅު ކަންމަތީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ މަތީ ތައުލީމު ހާސިލުކުރުމަށް ސްޓޫޑަންޓް ލޯނު ނަގާފައިވާ ގިނަ އަދަދެއްގެ ކުދިންނަށް އެ ލޯން ނުދެއްކޭ ކަމުގެ ޝަކުވާ ލިބެމުންދާ ކަމަށާއި އެކަމަށް ލުޔެއް ހޯދާ ދިނުމަށް އެމަނިކުފާނުގެ އަރިހުން އެދެމުންދާ ކަމަށެވެ.
އެގޮތުން ގޭގެއަށް ޒިޔާރަތް ކުރައްވަމުން ގެންދަވާއިރު އެންމެ ބޮޑު ކަންބޮޑުވުމެއްގެ ގޮތުގައި ފާހަގަ ކުރެއްވުނީ މާ ކުރިއްސުރެ ނަގާފައިވާ ސްޓޫޑަންޓް ލޯނު ކަމަށާއި ލޯނު ނުދެއްކުމުގެ ސަބަބުން ކޯޓާ ހިސާބަށް ދާންޖެހިދާނެ ކަަމުގެ ކަންބޮޑުވުންވެސް ބައެއް ފަރާތްތަކުން ހިއްސާ ކޮށްފައިވާ ކަމަށެވެ.
"އަޅުގަނޑު ގޭގެއަށް ދާއިރު ދެން އަންނަ އަނެއް ކަންބޮޑުވުމަކީ ސްޓޫޑަންޓް ލޯނުގެ ވާހަކަ، މާ ކުރިން ނަގާފައި ހުރި ސްޓޫޑަންޓް ލޯނު ދެއްކުމުގައި ހުރި ދަތިތަކުގެ ވާހަކަ. ބައެއް ކުދިން ދެތިން ހަތަރު ފަހަރު ނުދެއްކުމުގެ ސަބަބުން ކޯޓާ ހިސާބަށް ހިނގާދާނެ ކަމުގެ ކަންބޮޑުވުން އެބައޮތް." ރައީސް ވިދާޅުވިއެވެ.
އަދި އެކަމާ ކަންބޮޑުވެވަޑައި ނުގަތުމަށާއި، ސްޓޫޑަންޓް ލޯނު ވަކި އުސޫލެއްގެ މަތިން މައާފް ކުރެވޭނެ ގޮތްތަކެއް ހޯއްދަވަމުން ގެންދަވާ ކަމަށް ރައީސް ވިދާޅުވިއެވެ.
ސްޓޫޑަންޓް ލޯނުގެ އިދާރީ ފީ 5 ޕަސެންޓުން 1 ޕަސެންޓަށް ކުޑަކޮށް، ލޯނު އަނބުރާ ދެއްކުން 20 އަހަރަށް މީގެ ކުރިން ރައީސް ވަނީ އިތުރު ވެސް ކޮށްދެއްވާފައެވެ. ދާދިފަހުން މިދިޔަ ޖޫން މަހުވެސް ވަނީ ސްޓޫޑަންޓް ލޯނަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާފައެވެ. އެ ފަހަރުވެސް 720 ދަރިވަރަކަށް ލޯން ދޫކުރަން ނިންމިއެވެ.