މާލެއަށް ހިޖުރަކޮށް މާލޭގައި 20 އަހަރަށް ވުރެ ގިނަ ދުވަހު އުޅެފައިވާ މީހުންނަށް ހައުސިން ސްކީމެއް ތައާރަފް ކުރަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ނިންމަވައިފިއެވެ.

މިރޭ އެމްޑީޕީން ބޭއްވި ގަލޮޅު ކަންމަތީ ކެމްޕެއިން ޖަލްސާގައި އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ރައީސް ސޯލިހް ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ، މާލެއަށް ދިމާވެފައި އޮތް އެންމެ ބޮޑު ދަތިކަމަކީ ބޯހިޔާވަހިކަމުގެ ދަތިކަމާއި ލިބޭ އާމްދަނީން ހަމަޖެހިގެން އެޅެވެން ނެތުން ކަމަށެވެ. މިހާރު ސަރުކާރުން ހިންގާ ބިންވެރިޔާގެ ސްކީމުން މާލެ ރައްޔިތުންނަށް ގޯތި ދީފައިވާ އިރު، ފްލެޓް އަށް އެދި ހުށަހެޅި 16،923 މީހުންނަށް ވެސް ފްލެޓް ދެއްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

އެގޮތުން މިހާރު 4000 ފްލެޓްގެ މަސައްކަތް ކުރިއަށް ދާކަން ފާހަގަ ކުރައްވަމުން އިތުރު 4000 ހައުސިން ޔުނިޓް އަޅަން ސޮއިކޮށްފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި ދެވަނަ ދައުރުގައި އެ ހައުސިން ޔުނިޓްތައް ނިންމަވާނެ ކަަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

މީގެ އިތުރުން މާލޭގައި އިތުރު ހައުސިން ޔުނިޓްތަކެއް އަޅަން ނިންމާފައިވާ ކަން ފާހަގަ ކުރައްވަމުން ރައީސް ވިދާޅުވީ، މާލޭގައި މާލެ ރައްޔިތުން ފިޔަވާ މާލެއަށް ހިޖުރަކޮށްގެން ގިނަ ދުވަސްތަކެއް ވަންދެން ދިރިއުޅެމުންދާ މީހުން އެބަ އުޅޭ ކަމަށެވެ. އެ ގޮތުން 20 އަހަރު 30 އަހަރު އުޅެފައިވާ މީހުން ތިބި ކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ ހުދު އެމަނިކުފާނަކީ ވެސް މާލޭގައި އުޅޭތާ 50 އަހަރުވެފައިވާ ބޭފުޅެއް ކަަމަށެވެ.

މާލޭގައި ދިރިއުޅޭ މިފަދަ މީހުންނަށް އެމީހުންގެ އުފަން ރަށުން ގޯތި ނުލިބޭ ކަމަށާއި އެއީ އަމިއްލަ ރަށުގައި ދިރިނޫޅޭތީ ދިމާވާ ކަމެއް ކަމަށް ރައީސް ވިދާޅުވިއެވެ. އެފަދަ ފަރާތްތަކަށް ހައްލު ހޯދައި ދިނުމަށް މާލޭގައި ހިންގާ ހައުސިން ސްކީމްގެ ދަށުން މާލޭގެ ރައްޔިތުން ފިޔަވާ މާލެއަށް ހިޖުރަކޮށް މާލޭގައި 20 އަހަރަށް ވުރެ ގިނަ ދުވަހު އުޅެފައިވާ އަދި އެކަން ކަށަވަރު ކޮށްދެވޭ ހުރިހާ އެންމެންނަށް އެ ހައުސިން ސްކީމުން ބޯހިޔާވަހިކަން ދެއްވާނެ ކަމަށާއި މާލެއަށް ހިޖުރަކޮށްގެން އުޅޭ މީހުންނަށް ދާއިމީ ހައްލެއް ހޯއްދަވައި ދެއްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.