ކޮކާ ބަގީޗާ އެއް ހިމެނޭ، މާލެ ސިޓީ ކައުންސިލްގެ "މާލެ ފެހި" އައުޓްލެޓް ނާސަރީ އަކާ އެކު ހުޅުމާލޭގައި މިއަދު ހުޅުވައިފިއެވެ.

މިއަދު ހަވީރު ބޭއްވި ރަސްމިއްޔާތެއްގައި މި އައުޓްލެޓް ހުޅުވައިދެއްވީ މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒެވެ.

މި އައުޓްލެޓް ހުޅުވައިދެއްވުމަށް ފަހު ނޫސްވެރިންނާ ވާހަކަ ދައްކަވަމުން މުއިއްޒު ވިދާޅުވީ، މިއީ ރާއްޖޭގައި ގަސްގަހާއި ގެއްސަށް ހާއްސަކޮށް ހުޅުވުނު މިފަދަ އެންމެ ބޮޑު އެއް ނާސަރީ ކަމަށާއި، މި ނާސަރީ އައުޓްލެޓުން ލިބެން ހުރި ގަސްގަހާއި ގެހި ގޭތެރެ ޒީނަތްތެރިކުރުމަށް ބޭނުންކުރެވޭނެ ކަމަށެވެ.

މުއިއްޒު ފާހަގަކުރެއްވި ގޮތުގައި ކަދުރު ރުށްތައް ހިމެނޭހެން، އެކި ޒާތްޒާތުގެ ގަސްގަހާއި ގެހި މި ނާސަރީ އައުޓްލެޓުން ލިބޭނެއެވެ. އޭނާ ފާހަގަކުރެއްވި ގޮތުގައި މި ނާސަރީ އައުޓްލެޓުގެ ހާއްސަ އެއް ކަމަކީ ކޮކާތަކަށް ހާއްސަ ބަގީޗާ އެއް މި ތަނުގައި ހިމެނިގެން ދިއުމެވެ.

"އުންމީދުކުރަނީ ގަސްގަހާއި ގެއްސަށް، ހާއްސަކޮށް ކުދި [ސައިޒާއި] މެދު ސައިޒުގެ ގަސްތައް ބޭނުންވާ ފަރާތްތަކަށް ވަރަށް ބޮޑު އުފަލެއް ލިބިގެން ދާނެޔޭ މިތަނުން ހިދުމަތް ލިބިގެން ދިޔައީމަ،" މުއިއްޒު ވިދާޅުވިއެވެ.

މިއީ މާލެ ސިޓީ ކައުންސިލްގެ "އެއްލައްކަ ގަސް" ޕްރޮގްރާމްގެ ދަށުން ގަސްތައް ބަލަހައްޓައި ހެއްދުމަށް ހުޅުވި މިފަދަ ދެވަނަ އައުޓްލެޓް ކަމަށާއި، މި އައުޓްލެޓުން އާންމުންނަށް ގަހާއި ގަސްކާނާ ގަތުމުގެ ފުރުސަތު ހުޅުވާލެވިފައިވާ ކަމަށް ކައުންސިލުން ބުނެއެވެ.

މި އައުޓްލެޓް ހުންނާނީ ކައުންސިލުން ބުނި ގޮތުގައި، ހުޅުމާލެ ސަހަރާ އާއި އިންވެގެން ހުންނަ ގޯޅިތެރޭގައެވެ.

"މާލެ ފެހި" ނަމުގައި ކައުންސިލުން ހުޅުވި އެންމެ ފުރަތަމަ އައުޓްލެޓް ހުންނަނީ ކުރީގެ އަލިމަސް ކާނިވާ ހުންނަ ސަރަހައްދުގައެވެ.