މި މަހުގެ 30 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިހާބުގެ ކެމްޕެއިން އިދިކޮޅު ޕީއެންސީގެ ކެންޑިޑޭޓު، މާލެ ސިޓީ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވަރަށް ފޯރީގައި ކުރިއަށް އެބަގެންދެއެވެ.

ކެމްޕެއިން ކުރެއްވުމަށް މިހާރު ހއ. ހދ. އަދި ށ. އަތޮޅުގެ ރަށްތަކަށް މުއިއްޒު ގެންދަވަނީ ދަތުރު ކުރައްވަމުންނެވެ. އެގޮތުން ބަލާއިރު މި ވޭތުވެދިޔަ 2 ދުވަހުގެ ތެރޭގައި މުއިއްޒު ވަނީ 20 ރަށަށް ވަޑައިގެންފައެވެ.

ހޮނިހިރު ދުވަހު ހެނދުނު ހދ. ހަނިމާދުއަށް ވަޑައިގަތުމަށް ފަހު މުއިއްޒު ފުރަތަމަ ވަޑައިގެންފައި ވަނީ ހއ. މުރައިދޫ އަށެވެ. މުރައިދުއަށް ވަޑައިގެންއިރު ވާރެވެހެމުން ދިޔަނަމަވެސް މުރައިދޫގެ ގިނަ ބަޔަކު ނުކުމެ ވަނީ މުއިއްޒަށް ހޫނު މަރުހަބާއެއް ކިޔާފައެވެ.

އެއަށްފަހު ހޮނިހިރު ދުވަހު އެ އަތޮޅު ފިއްލަދޫ، މާރަންދޫގެ އިތުރުން ހދ. ކުރިނބީ، ނެއްލާދޫ، ނާވާދޫ، ނެއްލައިދޫ، ހިރިމަރަދޫ، ފިނޭ އަދި ނޮޅިވަރަމްފަރަށް މުއިއްޒު ވަނީ ވަޑައިގެންފައެވެ. އަދި އިއްޔެ އޭނާ ވަޑައިގެންފައި ވަނީ ހދ. ކުމުންދޫ، ވައިކަރަދޫ، ނޭކުރަންދޫ، ށ. ނޫމަރާ، ގޮއިދޫ، ބިލެތްފަހި، މަރޮށި، ފީވައް، ނަރުދޫ އަދި ފޮނަދޫ އަށެވެ.

މިއަދުގެ މިހާތަނަށް މުއިއްޒު ވަނީ ށ. މާއުނގޫދޫ އަދި ޅައިމަގަށް ވަޑައިގެންފައެވެ. މުއިއްޒުގެ ރަނިން މޭޓް ފަރެސްމާތޮޑާ ދާއިރާގެ މެންބަރު ހުސައިން މުހައްމަދު ލަތީފް (ސެންބެ) ވެސް ގެންދަވަނީ ކެމްޕެއިން ކުރެއްވުމަށް އަތޮޅުތަކުގެ އެކި ރަށްރަށަށް ވަޑައިގަންނަވަމުންނެވެ. އެގޮތުން ބަލާއިރު ސެންބެ މިހާރު ހުންނެވީ ކެމްޕެއިން ކުރެއްވުމަށް ވަޑައިގެން އައްޑޫ ސިޓީގައެވެ.

މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ޑރ. މުއިއްޒު އަށް 101،635 ވޯޓު ލިބިވަަަޑައިގެންފައި ވާއިރު، އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އަށް ލިބިވަޑައިގެންފައި ވަނީ 86،161 ވޯޓެވެ. މި ދެ ބޭފުޅުން ކުރެ ބޭފުޅަކަށް 50 ޕަސެންޓް ވޯޓު ލިބިވަޑައިގެންފައި ނުވާތީ އެ ދެބޭފުޅުން ވަނީ ދެވަނަ ބުރަށް ވަޑައިގެންފައެވެ.