ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ދިމާވާ އެންމެ ބޮޑު ގޮންޖެހުން ހައްލުކޮށް ދެއްވުމަށް، މާލޭގައި އޮފީސް ޖާގަ ކުޔަށް ދޫކުރާ އިމާރާތެއް އަޅައި ދެއްވާނެ ކަމަށް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް މާލެ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
މުއިއްޒު މިހެން ވިދާޅުވީ، ށ. ފުނަދޫގައި މިރޭ ކުރިއަށް ދިޔަ ކެމްޕެއިން ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.
ކުދި އަދި މެދުފަންތީގެ ވިޔަފާރުތަކަށް ދިމާވާ އެންމެ ބޮޑު ގޮންޖެހުން ގޮތުގައި މުއިއްޒު ސިފަ ކުރެއްވީ، ވިޔަފާރި ހިންގުމަށް އޮފީސް ސްޕޭސް އެއް މާލެއިން ލިބޭ އަގު ބޮޑު ވުމުގެ މައްސަލަ ކަމަށެވެ. އަލަށް ފަށާ ކުދި ވިޔަފާރިތަކުން ބޮޑު ކުލީ ގައި ތަންތަން ކުއްޔަށް ހިފަން ޖެހުމުން ވިޔަފާރި ކުރިއަށް ދިއުމަށް ވުރެ ބޮޑަށް ދަނީ ފަހަތަށް ކަން މުއިއްޒު ފާހަގަ ކުރެއްވިއެވެ.
މި ސަރުކާރުން ވެސް އެސްއެމްއީތަކަށް ގިނަ ކަންތައްތަކެއް ކޮށް ދިނުމަށް މަސައްކަތް ކުރަމުންދާ ކަން ފާހަގަ ކުރައްވަމުން އޭނާ ވިދާޅުވީ، ނަމަވެސް ކުދި އަދި މެދު ފަންތީގެ ވިޔަފާރިވެރިންގެ ކަންބޮޑުވުންތައް އިންތިހާއަށް އިތުރުވެފައިވާ ކަމަށެވެ. އެ ކަންބޮޑުވުންތަކަށް ހައްލު ހޯދައި ދިނުމަށް މުއިއްޒުގެ ވެރިކަމުގައި މަސައްކަތް ކުރާނެ ކަމަށާއި އޭނާގެ މެނިފެސްޓޯގައި މުހިއްމު ވާހަކަތައް ހުންނާނެ ކަމަށް މުއިއްޒު ވިދާޅުވިއެވެ.
އެގޮތުން މާލޭގައި އޮފީސް ސްޕޭސް ދިނުމަށް އިމާރާތެއް އަޅާ އިރު، އެ ތަނަކީ ބޭރު ގައުމުތަކުގައި އަޅާފައި ހުންނަ އޮފީސް ސްޕޭސް އިމާރާތަކާ ގާތްކުރާ ފެންވަރުގެ އިމާރާތަކަށް ވާނެ ކަމަށް މުއިއްޒު ވިދާޅުވިއެވެ. އެ އިމާރާތުގައި ކެފޭ ފަދަ ތަންތަން ވެސް ހުންނާނެ ކަމަށާއި އެއީ ކަނބަލުންނާއި ޒުވާނުން އަމިއްލަ ފައިމައްޗަށް ތެދުވުމައްޓަކައި ހޯއްދަވައި ފުރުސަތެއްގެ ގޮތުގައި މުއިއްޒު ސިފަ ކުރެއްވިއެވެ.
މިއީ ޕައިލެޓް ޕްރޮޖެކްޓެއް ކަމަށާއި މި ޕްރޮޖެކްޓް ކުރިއަށް ދާ ގޮތް ބެލުމަށް ފަހު މާލެ ސަރަހައްދު ނޫން އެހެން އާބަން ރީޖަން ތަކުގައި ވެސް މި ފަދަ އޮފީސް ސްޕޭސް ކުއްޔަށް ދޭ އިމާރާތްތައް އަޅާނެ ކަމަށް މުއިއްޒު ވިދާޅުވިއެވެ. މި އޮފީސް ޖާގަ ކުއްޔަށް ދޭނީ ލުއި އަގެއް ގައި ކަމަށާއި އަދި އެތަނަކީ އެކުވެރި އެހެން ފަރާތްތަކާ ގުޅިގެން ކޯކޮންސެޕްޓްގައި ކުއްޔަށް ހިފޭނެ ތަންތަން ކަމަށް މުއިއްޒު ވިދާޅުވިއެވެ. އެ ގޮތުން ދެ ފަރާތުން ނުވަތަ ތިން ފަރާތުން ގުޅިގެން އެތަންތަން ކުއްޔަށް ހިފޭނެ ފަދަ އުސޫލުތައް ހިމަނާނެ ކަމަށް މުއިއްޒު ވިދާޅުވިއެވެ.