ށ. ފުނަދޫގައި ގައުމީ ޔުނިވާސިޓީގެ ކެމްޕަހެއް ގާއިމް ކޮށްދެއްވާނެ ކަމަށް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް މާލެ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މުއިއްޒު މިހެން ވިދާޅުވީ، ރިޔާސީ ކެމްޕެއިންނަށް އުތުރުގެ ތިން އަތޮޅަށް ކުރެއްވި ދަތުރުގެ ތެރެއިން މިއަދު ވަޑައިގެން 10 ވަނަ ރަށް. ށ. ފުނަދޫގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ. މިއީ ރިޔާސީ އިންތިހާބަށް މުއިއްޒު ކުރައްވާ ކެމްޕެއިން ހަރަކާތުގައި އެރަށަށް ވަޑައިގެން ދެވަނަ ފަހަރެވެ. މީގެ ކުރިން ފުރަތަމަ ބުރުގެ ކެމްޕެއިންނަށް ވެސް މުއިއްޒު ވަނީ އެރަށަށް ވަޑައިގެން ގިނަ ވައުދުތަކެއް ވެވަޑައިގެންފައެވެ.

މިރޭގެ ޖަލްސާގައި ވާހަކަ ދައްކަވަމުން މުއިއްޒު ވިދާޅުވީ، ކުރިން ޖަލްސާގައި ވައުދުވެވަޑައިގެން ކަންކަން ތަކުރާރު ނުކުރައްވާނެ ކަމަށާއި ނަމަވެސް އާ ކަމެއްގެ ގޮތުގައި އެ ރަށުގައި ގައުމީ ޔުނިވާސިޓީގެ ކެމްޕަސްއެއް ގާއިމްކޮށް ދެއްވާނެ ކަމަށެވެ.

އޭގެ ސަބަބުން އެ ރަށަށް ހިޖުރަ ކުރާ މީހުން އިތުރުވެގެން ދާނެ ކަމަށާއި، އަދި އެ ރަށުގައި ތިބި ރައްޔިތުންގެ ތެރެއިން މަތީ ތައުލީމް ހާސިލް ކުރަން މީހުން ހިޖުރަ ކުރަންޖެހޭ މައްސަލައަށް ހައްލެއްް ލިބިގެން ދާނެ ކަަމަށެވެ. މި މަސައްކަތް ކުރިއަށް ގެންދަވާނީ ގައުމީ ތަރައްގީގެ ޕްލޭންގެ ތެރެއިން ކަމަށް ވެސް މުއިއްޒު ވިދާޅުވިއެވެ.

ފުަރަތަމަ ބުރުގައި ފުނަދޫއަށް ކުރެއްވި ދަތުރުގައި މުއިއްޒު ވައުދު ވެވަޑައިގެން ކަންކަމުގެ ތެރޭގައި، އެ ރަށުގައި އޮތް އެއާޕޯޓަކީ ރޭގަނޑު ހިދުމަތް ދެވޭ ތަނެއްގެ ގޮތުގައި ހައްދަވައި ދެއްވާނެ ކަމަށާއި ފަތުރުވެރިން ޒިޔާރަތް ކުރާ މަންޒިލަކަށް ހައްދަވައި ދެއްވާނެ ކަމަށް ވަނީ ވިދާޅުވެފައެވެ. ހަމައެއާއެކު ފުނަދޫގައި ނޭޗާ ޕާކެއް ގާއިމު ކޮށްދެއްވާނެ ކަމަށާއި އެ ރަށުގެ މަގުތައް ރަނގަޅު ފެންވަރަކަށް ހައްދަވައި ދެއްވާނެ ކަމަށާއި އެހެން ރަށްރަށުން ޒުވާނުން ޒިޔާރަތް ކުރާ ފަދަ ފެންވަރު ރަނގަޅު ޒުވާނުންގެ މަރުކަޒެއް ގާއިމް ކޮށްދެއްވާނެ ކަމަށް ވެސް މުއިއްޒު ވަނީ ވިދާޅުވެފައެވެ. އަދި ވެރިކަމާ ހަވާލު ވެވަޑައިގަންނަވާތާ ފުރަތަމަ 3 މަސް ދުވަހުގެ ތެރޭގައި އެ ރަށުގެ ދެކުނު ފުޓްބޯޅަ ދަނޑު ނިންމައި ދެއްވާނެ ކަމަށްވެސް މުއިއްޒު ވަނީ ވިދާޅުވެފައެވެ.

މިރޭގެ ޖަލްސާގައި ވާހަކަ ދައްކަވަމުން މުއިއްޒު ވިދާޅުވީ، އުމްރާނީ ތަރައްގީގެ މަޝްރޫއުތައް ހިންގާވާނީ އިގްތިސޯދު ރަނގަޅު ކޮށްގެން ކަމަށެވެ. މި ސަރުކާރުން މި ވަނީ އިގްތިސޯދު މުގުރާލާފައި ކަމަށާއި އިގްތިސޯދަށް ކުރިއެރުން ގެނެސް ކޮޅަށް ޖަހައި އާމްދަނީ އިތުރު ކުރަމަށްފަހު އުމްރާނީ ތަރައްގީ ގެނެސްދެއްވާނެ ކަމަށް މުއިއްޒު ވިދާޅުވިއެވެ.

91 ހެކްޓަރުގެ ށ. ފުނަދޫގެ އާބާދީއަށް ބަލާއިރު ޖުމްލަ 2700 އެއްހާ މީހުން އުޅޭ އެރަށުގައި 9 ރަށެއްގެ މީހުން އާބާދުވެގެން ދިރިއުޅެމުން ދެއެވެ. ފުނަދޫގައި މީހުން އާބާދުވާން ފެށިތާ 53 އަހަރު ވެފައިވާ އިރު، ރަށަށް ވަނީ އެތައް ތަރައްގީއެއް އައިސްފައެވެ.

އެ ގޮތުން އެ ރަށަކީ ބޭންކްގެ ހިދުމަތް ލިބޭ، ޕްރީ ސްކޫލުން ފެށިގެން ހަޔާ ސެކަންޑަރީ ފެންވަރަށް ތައުލީމް ހިދުމަތް ފޯރުކޮށް ދޭ ރަށެކެވެ. ސިއްހީ ހިދުމަތް ފޯރުކޮށް ދޭ އަތޮޅު ހޮސްޕިޓަލެއް ހުރި އިރު އެރަށުގެ 3 ފާމަސީއެއް ހުރެއެވެ. 24 ގަޑިއިރު ކަރަންޓުގެ ހިދުމަތް ފޯރުކޮށް ދެމުން އަންނަ އިރު، ނަރުދަމާގެ ނިޒާމު ގާއިމްކޮށް، ކުނި ނައްތާލުމުގެ ނިޒާމު ވެސް އެ ރަށުގައި ވަނީ ގާއިމް ކޮށްފައެވެ.