ކައުންސިލްތަކަށް ހާއްސަ މިނިސްޓްރީ އެއް އުފެއްދެވުމަކީ މިހާތަނަށް ހާސިލު ކުރެވުނު ލާމަރުކަޒީ ހުރިހާ ބާރެއް ރޫޅާލުން ކަމަށް އުނގޫފާރު ދާއިރާގެ މެންބަރު މުހައްމަދު ވަހީދު (ވައްޑެ) ވިދާޅުވުމުން ޕީއެންސީގެ ކެންޑިޑޭޓް އަދި މާލެ ސިޓީ ކައުންސިލްގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ރައްދު ދެއްވައިފިއެވެ.

ރިޔާސީ އިންތިހާބުގެ ކެމްޕެއިންގެ ދެވަނަ ބުރުގައި ރަށްރަށަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން ހދ. ނޮޅިވަރަމްފަރަށް ވަޑައިގެން އެ ރަށުގައި ރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން މުއިއްޒު ވިދާޅުވީ މިހާރު ދައުލަތުގެ ބަޖެޓުން ކަނޑައަޅާ ގްރާންޓަކީ ކައުންސިލް ތަކަށް އެންމެ އެކަށޭނަ ފަންޑެއް ނޫން ކަމަށާއި ސަރުކާރުގެ ތެރެއިން ވެސް ކައުންސިލް ތަކަށް ރަނގަޅު މިންވަރެއްގެ ފަންޑުތަކުގެ ފުރުސަތުތައް ކަނޑައެޅިފައި އޮންނަން ޖެހޭ ކަމަށެވެ.

އަދި އެ ކަންކަން ހަމަޖެއްސުމަށް ޓަކައި، އޭނާގެ ސަރުކާރެއްގައި ކައުންސިލްތަކަށް ހާއްސަ މިނިސްޓްރީއެއް އުފައްދަވާނެ ކަމަށް މުއިއްޒު ވަނީ ވިދާޅުވެފައެވެ. އެ ވާހަކަތަކަށް ރައްދު ދެއްވަމުން މިއަދު އެކްސްގައި ވައްޑެ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އަލުން އަނެއްކާ އެޓޯލްސް މިނިސްޓްރީ ހެދުމަކީ، މިހާތަނަށް ހާސިލު ކުރެވުނު ލާމަރުކަޒީ ހުރިހާ ބާރެއް ރޫޅާލުން ކަމަށެވެ. އަދި އެއީ ވަރަށް ނުރައްކާތެރި ކަމެއްގެ ގޮތުގައި އޭނާ ސިފަ ކުރައްވާފައި ވެއެވެ.

އެ ޕޯސްޓަށް ރައްދު ދެއްވަމުން މުއިއްޒު ވިދާޅުވީ ވައްޑެ ވިސްނާވަޑައިގަންނަވަނީ އޭނާ ހުށަހަޅުއްވާ ވިސްނުމާ މުޅިން ތަފާތުކޮށް ކަމަށެވެ. ތަފްސީލު ކޮށްދެއްވަމުން މުއިއްޒު ވިދާޅުވީ، އޭނާގެ ހުށަހެޅުއްވުމަކީ، ލާމަރުކަޒީ ނިޒާމުގެ ތެރެއިން ރައްޔިތުންގެ ކަންކަން އެންމެ ފުރިހަމައަށް ހަމަޖައްސާދެވޭނެކަން ޔަގީން ކުރުން ކަމަށެވެ.

"ރައްޔިތުންގެ މަންދޫބުން ރައްޔިތުންގެ ކިބައިން އެ ރައްޔިތުން ބޭނުންވާ ކަންކަން ސަރުކާރު މެދުވެރިކޮށް ފުރިހަމައަށް ކުރެވޭނެ ގޮތް ހެދުން. ސަރުކާރުން ކުރިއަށް ގެންދަން ބޭނުންވާ ކަންކަން ރައްޔިތުން އެދޭ ގޮތަށް ކުރިއަށް ގެންދިއުން ޔަގީން ކުރުން. ދުވާލަކު 30 މިނަޓު ކައުންސިލް ތަކަށް ނުދެވޭ މިނިސްޓަރަކު ހުރުމުގެ ބަދަލުގައި ފުލް ޓައިމް މިނިސްޓަރެއް ކައުންސިލް ތަކަށް އެހީތެރިކަން ދޭން ހުރުން"
ޑރ. މުހައްމަދު މުއިއްޒު

އަދި މުއިއްޒު ކުރެއްވި އިތުރު ޕޯސްޓެއްގައި ވިދާޅުވެފައި ވަނީ ތަރައްގީވެ އުފެދެމުން އަންނަ އާބާދީ ބޮޑެތި ސަރަހައްދު ތަކުގައި ޑިމޮކްރަސީގެ ލާމަރުކަޒީ ވެރިކަމުގައި މިނިސްޓްރީތައް އޮންނަ ކަމަށެވެ. އަދި ސަރުކާރުގެ ހިންގުން ހަރުދަނާ ކުރުމަށް ހާއްސަ މިނިސްޓްރީއެއް އޮތުމަކީ ލާމަރުކަޒީ އުސޫލުން ވެރިކަން ހިންގުމުގެ ގޮތް ހަރުދަނާ ކުރުމަށް އެޅިގެންދާނެ ފިޔަވަޅެއް ކަމަށެވެ. އަދި ހަމައެހެންމެ ހާއްސަ މިނިސްޓްރީއެއް ކައުންސިލް ތަކަށް އުފެއްދިއްޖެނަމަ ކައުންސިލްތަކާއި ސަރުކާރާ ދެމެދު ކޯޑިނޭޓްކޮށް ރަނގަޅު ނިޒާމެއްގެ ތެރެއިން ރައްޔިތުންގެ ކަންކަން ތަންފީޒު ކުރެވޭނެ ކަމަށް މުއިއްޒު ވިދާޅުވިއެވެ. "މިއީ އަޅުގަނޑުމެން ފަދަ އުފެދެމުން އަންނަ ލާމަރުކަޒީ އަދި ޑިމޮކްރެޓިކް ވެރިކަމުގެ ނިޒާމަކަށް ކޮންމެހެން ބޭނުންތެރި އަދި ވަރަށް ފައިދާހުރި ކަމެއް" މުއިއްޒު ވިދާޅުވިއެވެ.

މުއިއްޒު މިގޮތަށް ވިދާޅުވެފައި ވާއިރު ކައުންސިލްތައް މިހާރު ހިންގަމުން ދަނީ ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބެލެނިވެރި ކަމުގެ ދަށުންނެވެ. 2010 ވަނަ އަހަރު އުފެއްދި އެލްޖީއޭގެ ރައީސް އަކަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ހުންނެވިއިރު އެ މުއައްސަސާގެ މައިގަނޑު މަގްސަދަކީ ކައުންސިލްތަކުގެ މަސައްކަތްތަކާއި ހަރަކާތްތައް ހިނގަމުން ދާގޮތް ބަލައި، ކައުންސިލްތަކުގެ މަސައްކަތްތައް އިންތިޒާމު ކުރުމެވެ.

މުއިއްޒުގެ މި ވައުދަށް ގިނަ ބަޔަކު ސޯޝަލް މީޑިއާގައި ފާޑު ކިޔަމުންދާ މި ދަނޑިވަޅުގައި އެއްބަޔަކު ގަބޫލު ކުރާގޮތުގައި މިއީ ރާއްޖެ ފަދަ ގައުމަކަށް ނުހަނު ފައިދާ ހުރި ގޮތެކެވެ. ނަމަވެސް އަނެއްބަޔަކު ގަބޫލު ކުރާ ގޮތުގައި ކައުންސިލްތަކުގެ ބާރު ސަރުކާރަށް ނެގުމަކީ އެންމެ އެދެވޭ ގޮތެއް ނޫނެވެ. އެގޮތުން ޓެންޑާ ބޯޑުގެ ޗެއާމަން ކަން ކުރެއްވި އިސްމާއިލް ޒަރިޔަންދުވެސް ވިދާޅުވެފައި ވަނީ މުއިއްޒުގެ އެ ވިސްނުމަކީ ނާތަހުޒީބު ވިސްނުމެއް ކަމަށެވެ.